29 ޖޫން 2020 - 15:21

ދިވެހި ބަހުން އަޑުއަޅާފައިވާ އެނިމޭޓެޑް ކާޓޫން ޝޯއެއް މެދުވެރިކޮށް ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް ކިޔަވައިދޭން މިއަދު ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ރަޝީދު "މިހާރު" އަށް ވިދާޅުވީ "ޓެލިއާ އެކު ކޮއްކޮމެން" ނަމުގައި ފެށި މި ޕްރޮގްރާމަކީ ޝައުގުވެރިކޮށް ކުޑަކުދިންނަށް ކިޔަވައިދިނުމުގެ މަގްސަދުގައި ފެށި ޕްރޮގްރާމެއް ކަމަށެވެ. މިއީ ފައުންޑޭޝަން ސްޓޭޖްގައި ހިމެނޭ އެލްކޭޖީ އަދި ޔޫކޭޖީ ދަރިވަރުންނަށް މިހާރު ކުރިއަށް ގެންދާ "ކޮއްކޮމެންގެ ޓެލިކްލާސް" އަށް އިތުރު ކުރި ޕްރޮގްރާމެކެވެ.

"މިހާރު އަޅުގަނޑުމެން ކުރިއަށްގެންދާ ކްލާސްތަކަށް ވެސް ކުޑަކުދިންގެ ސަޕޯޓު ވަރަށް ލިބޭ. އިތުރަށް ޝައުގުވެރިކޮށް ކިޔަވައިދޭން ކާޓޫނެއް ތައާރަފްކުރަން މި ނިންމީ،" އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.
މި ކާޓޫނުން ފެންނަނީ އެނިމޭޓެޑް ޓީވީ "ޓެލީ" އެވެ. ޓެލީއާ އެކު އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ހުރެ އެވެ. މިއަދު ދެއްކި ފުރަތަމަ އެޕިސޯޑްގައި، އެ ދެ ކުދިން ޓެލީއާ އެކު "ހ" އިން ފެށޭ ބަސްތައް ދަސްކުރި އެވެ. ހިސާބު ނަންބަރުތަކާއި ކޮވިޑް-19 އިން ރައްކާތެރިވާން އެޅޭނެ ފިޔަވަޅުތައް ވެސް ޓެލީ އެ ދެ ކުދިންނަށް ކިޔައިދިނެވެ.
މި ޕްރޮގްރާމްގެ އާ އެޕިސޯޑެއް ކޮންމެ ހޯމަ ދުވަހެއްގެ 2:15 އިން 2:45 އަށް ދިވެހި ޗެނަލުން ފޮނުވާނެ އެވެ. އެ އެޕިސޯޑުގެ ރިޕީޓް، އެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު، ހަމަ އެ ވަގުތު ގެނެސްދޭނެ އެވެ. ލިޔަންކިޔުމާއި ގުނުމާއި ރިވެތި އާދަތައް ދަސްކޮށްދޭން އަމާޒުކޮށްފައިވާ މި ޕްރޮގްރާމުގައި 15 އެޕިސޯޑު ހިމެނެ އެވެ.
މި ޕްރޮގްރާމް އުފައްދަން މިނިސްޓްރީގެ އިތުރުން ޔުނިސެފާއި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަދި ޗޮޕްއާޓުން ގިނަ މަސައްކަތްތަކެއް ކުރި ކަމަށް ރަޝީދު ވިދާޅުވި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ސްކޫލްތަކުގެ ކިޔެވުން މިދިޔަ މާޗު މަހު މެދުކަނޑާލުމަށް ފަހު ޓެލި ކިލާސް މެދުވެރިކޮށް ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް ކިޔަވައިދޭން ފެށީ މިދިޔަ އޭޕްރިލް މަހުގެ 12 ވަނަ ދުވަހު އެވެ.