21 އޮކްޓޯބަރ 2016 - 14:09

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލާގައި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް ޖަލަށްލާން ކުރި ހުކުމް އޭނާގެ ފަރާތުން އިސްތިއުނާފްކޮށްފި އެވެ.
ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުން އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރުގެ ޗެކާ ހަވާލުވުމަށް ފަހު އެއަށް ޚިޔާނާތްތެރިވި މައްސަލާގައި ހާމިދުގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވެސް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ.
އެ މައްސަލާގައި ހާމިދު ދެ އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށްލާން މިދިޔަ ޖޫން މަހު ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން ހާމިދުގެ ފަރާތުން ހުށަހެޅުމުން އެ މައްސަލަ ބަލައިގެންފައި ވަނީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.
އަދީބުގެ އެންގުމަކަށް ފަސް މިލިއަން ޑޮލަރުގެ ޗެކާ ހަވާލުވީ ޒިޔަތެވެ. ޗެކާ ހަވާލުވުމަށް ފަހު އެ ޗެކް ޖަމާކުރީ ހާމިދުގެ ކުންފުންޏެއްގެ އެކައުންޓަކަށެވެ. ހާމިދަށް ދެ އަހަރުގެ ހުކުމެއް އިއްވިޔަސް ޒިޔަތާއި އަދީބަށް އިއްވީ އަށް އަހަރުގެ ޖަލު ހުކުމެވެ.
އަދީބާއި ޒިޔަތުގެ ފަރާތުން ވެސް އެ ހުކުމް އިސްތިއުނާފް ކުރާނެ ކަމަށް ކުރިން ބުނެފައި ވިޔަސް އިސްތިއުނާފް ކުރިކަން ކަށަވަރެއް ނުވެ އެވެ.