މަނީ ލޯންޑްރިންގެ ތުހުމަތު ސަންގެ ދެ ކުންފުނިން ދޮގު ކޮށްފި
މަނީ ލޯންޑްރިންގެ ތުހުމަތު ސަންގެ ދެ ކުންފުނިން ދޮގު ކޮށްފި

ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލޯންޑާ ކުރި ކަމަށް ތުހުމަތުކޮށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައި ވިޔަސް އެ ތުހުމަތު ދެ ކުންފުނިން ވެސް މިރޭ ދޮގުކޮށްފި އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އަނެއްކާވެސް އިތުރު ދެ ދައުވާއެއް ކްރިމިނަލް ކޯޓުގައި މިއަދު ވަނީ އުފުލައިފަ އެވެ.

ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ބުނިގޮތުގައި ދައުވާ އުފުލީ ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ޔާމީން، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 17.2 މިލިއަން ރުފިޔާ) ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލައިގަ އެވެ.

އެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް އުފުލީ މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. އެމަނިކުފާނުގެ އިތުރުން މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ އާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓްގެ މައްޗަށް ކަމަށް ދައުވާ އުފުލާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. ސަންއަކީ ޔާމީނާ ކުރިން ގާތް ގުޅުމެއް އޮތް މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްގެ ވިޔަފާރި ކުންފުންޏެވެ.

ޔާމީންގެ ވެރިކަމުގައި، ޕީޕީއެމާއި އެމްޑީއޭ އިން ކޯލިޝަން ހެދި އެވެ. އެ ކޯލިޝަންގައި މައްސަލަ ޖެހި، އެމްޑީއޭ ދުރަށް ޖެހުނީ 2018ގެ ރިޔާސީ އިންތިހާބާ ހަމައިންނެވެ.

ސިޔާމްގެ ދެ ކުންފުނިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތުގެ ގޮތުގައި ބަޔަކު ނެގި ފައިސާ، އެ ދެ ކުންފުނިން ލޯންޑާ ކުރި ކަމަށް ތުހުމަތު ކުރާއިރު އެ ކަމުގައި އެއްވެސް ބަޔަކު ރިޝްވަތުގެ ގޮތުގައި އެއްޗެއް ހޯދައި ބަދަލު ކުރިކަމެއް އެނގިފައި ނުވާ ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމެއްގައި އެ ދެ ކުންފުނިން ބައިވެރިވެފައި ނުވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

"މަނީ ލޯންޑްރިންގެ ކުށެއް ކުރިކަމަށް ބުނެ މި ކުންފުނީގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކުރަން.
މި ކުންފުނީގެ އެންމެހާ މުއާމަލާތްތައް އަބަދުވެސް ހިންގަނީ ދިވެހިރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން،
ގާނޫނުތަކާ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން. ދިވެހިރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން އޭގެ
ސައްހަކަން ކަށަވަރުކުރެވިގެން ނޫނީ ބޮޑެތި ފައިސާގެ އަދަދުތައް ހިމެނޭ މުއާމަލާތެއް ކުރުމަކީ އަޅުގަނޑުމެން
އަމަލުކުރަމުންދާ ގޮތެއް ނޫން،" ދެ ކުންފުނީގެ ބަޔާނުގައިވެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ހިނގަމުންދާތާ އެތައް އަހަރެއް ފަހުން، އެ ދެ ކުންފުންޏާ ދިމާއަށް ތަހުގީގު އަމާޒު ހިފާފައިވުމަކީ އެ ބޮޑު ހިޔާނާތް ތަހުގީގު ކުރުމުގެ މިސްރާބު ކަސިޔާރުވެފައިވާކަން ދައްކައިދޭ ކަމެއްކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

"މިކުންފުނީގެ މައްޗަށް އެއްވެސް ޖިނާއީ ކުށެއް ސާބިތުކުރެވޭނެ ހެއްކެއް ހޯދިފައި ނުވާނެކަމާއި، އެފަދަ ހެއްކެއް ޝަރީއަތަށް ހުށަނޭޅޭނެކަމީ އަޅުގަނޑުމެންނަށް ޝައްކު ހިނގާކަމެއް ނޫން،"

ދެ ކުންފުނީގެ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ތާރީހު ދުށް އެންމެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތަހުގީގުތަކާއި ދައުވާތައް، ކުށުގެ އަސްލު މޭސްތިރިންނާއި ކުށުން މަންފާ ހޯދި މީހުންގެ ކިބައިން ދުރަށް "ފުރޮޅާލެވިގެންދާތީ" ހިތާމަ ކުރާ ކަމަށެވެ.

ދައުވާ މިއަދު އުފުލި މައްސަލައަކީ ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަންގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރި މައްސަލައެކެވެ.