ރޭޕްގެ ތުހުމަތުކުރެވޭ މީހުން ދޫކޮށްލުމަކީ ކުށް ތަކުރާރުވާނެ ކަމެއް:އެމްއާރުއެމް
ރޭޕްގެ ތުހުމަތުކުރެވޭ މީހުން ދޫކޮށްލުމަކީ ކުށް ތަކުރާރުވާނެ ކަމެއް:އެމްއާރުއެމް

ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ މަައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ދޫކޮށްލުމަކީ ކުށް ތަކުރާރުކުރަން މަގުފަހިވާ ކަމެއް ކަމަށާއި އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގަައި ތަހުގީގުކުރަން މޯލްޑިވްސް ރިފޯމް މޫމެންޓް (އެމްއާރުއެމް) އިން މިރޭ ގޮވާލައިފި އެވެ.

އެމްއާރްއެމް އިން ނެރުނު ބަޔާނެއްގައި ބުނީ ރޭޕްކުރިކަމަށް ތުހުމަތުކުރެވޭ އެ މައްސަލައިގައި ޝިކާރައަކަށްވީ އަންހެންމީހާއަށް އިންސާފު ހޯދައި ދިނުމަށް ޓަކައި އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފުލުހުންނަށް ގޮވައިލާ ކަމަށެވެ. އެފަދަ ތުހުމަތެއް ކުރެވޭ ބަޔަކު ދޫކޮށްލުމަކީ ކުށްކުރުންް ތަކުރާރުވުމަށް މަގުފަހިވާނެ ކަމެއް ކަމަށް ދެކޭ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"...ސަފާރީ ބޯޓެއްގައި އަންހެނަކު ރޭޕްކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކުށުގެ ވެށިން ހައްޔަރުކުރިކަމަށް ބުނެވޭ ދެފިރިހެނުން ފުލުހުން ގެންދިއުމަށް ފަހު ދޫކޮށްލުން އެއީ މިބާވަތުގެ ކުށުވެ އަމަލުތައް ތަކުރާރުކުރުމަށް މަގުފަހިކޮށްދޭ ކަމެއް ކަމުގައި އަޅުގަނޑުމެން ދެކެމެވެ،" އެމްއާރްއެމްގެ ބަޔާނުގައި ވެ އެވެ.

އެ މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުންނަކީ ކުށް ނުކުރާ ބައެއް ނަމަ އެ މީހުންނަށް އިންސާފު ހޯދައިދިނުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ވެސް އެމްއާރްއެމް އިން ބުނި ގޮތުގައި މައްސަލަ ރަނގަޅަށް ތަހުގީގުކުރުމެވެ.

ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ދެ މީހަކު ވެގެން ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތަށް ފުލުހުން ހައްޔަރުކުރި ދެ މީހުން ދޫކޮށްމުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހުކުރު ދުވަހުގެ ރޭ ފަތިހު ފަހެއް ޖަހަން އުޅެނިކޮށް ފުލުހުންނަށް ރިޕޯޓުކުރި މި މައްސަލައިގެ ތުހުމަތަށް އުމުރުން 39 އަހަރުގެ ދެ ފިރިހެނަކު ހައްޔަރުކުރި ނަމަވެސް ފުލުހުން ވަނީ އެ ދެ މީހުން އިއްޔެ ދޫކޮށްލައިފަ އެވެ. ސަބަބެއް ކަމަށް ބުނީ، ތަހުގީގަށް ހައްޔަރު ކޮށްފައި ބޭތިއްބޭނެ އިތުރު ސަބަބެއް ނެތުމުން ކަމަށެވެ. އެކަމަކު، ތަހުގީގު ކުރިއަށް ގެންދާ ކަމަށް ފުލުހުން ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ.