ކުއްލި ނުރައްކަލުގެ ހާލަތުގައި ފާރިސް ޝަރީއަތް ނިމެންދެން ބަންދުކުރީ ގާނޫނާ ޚިލާފަށް: ހައި ކޯޓް
ކުއްލި ނުރައްކަލުގެ ހާލަތުގައި ފާރިސް ޝަރީއަތް ނިމެންދެން ބަންދުކުރީ ގާނޫނާ ޚިލާފަށް: ހައި ކޯޓް

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު (ސްޓޭޓް އޮފް އިމަޖެންސީ) އިއުލާންކޮށް، ޓެރަރިޒަމްގެ ތުހުމަތުގައި ފެބްރުއަރީ މަހު ފާރިސް ހައްޔަރުކޮށް އަދި އޭގެ ފަހުން އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ މާޗް މަހު ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުގެ އެއް ދުވަސް ކުރިންނެވެ.

އެ މައްސަލަ ފާރިސްގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައިވަނީ ފާރިސް ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރީ ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަންޖެހޭ މާއްދާ އާއި ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އަމަލު ކުރުން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހުއްޓާލާފައި ވަނިކޮށް ކަމަށެވެ. އެކަމަކު ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮއްވައި ޖިިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން އެފަދަ އަމުރެއް ނުނެރެވޭނެ ކަމަށާއި އެކަން ކުރީ ގާނޫނާ ޚިލާފަށް ކަމަށް އެ ހުކުމުގައިވެ އެވެ.

ދައުލަތުން ބުނެފައިވާ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ނާންނަނީސް، ފާރިސް ޝަރީއަތް ނިމެންދެން ބަންދުކުރަން އެދުނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ޝަރީއަތަށް ހުށަހަޅާފައިވާތީ އާއި ބަންދާ މެދު ގޮތެއް ނިންމަންޖެހޭ މާއްދާ ހިފެހެއްޓުމުގެ ބޭނުމެއް އިތުރަށް ނެތުމުންނެވެ.

އެކަމަކު ހައި ކޯޓުގެ ހުކުމުގައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހިފެހެއްޓޭނެ ހައްގުތައް ކަނޑައެޅުމަކީ ރައީސުލް ޖުމްހޫރިއްޔާއަށް އެކަނި ލިބިގެންވާ ބާރެއް ކަމަށް ވާއިރު، ރައީސްގެ ގަރާރު ދެމި އޮއްވާ ވަކި ހައްގުތަކެއް ލިބޭނެ މުއައްސަސާތަކާއި ކޯޓުތަކުން އަމިއްލައަށް ނިންމުމުމުގެ ބާރެއް ނޯންނާނެ ކަމަށެވެ. އެހެންވެ، ވަކި ހައްގެއް އިތުރަށް ހިިފަހައްޓަންޖެހޭ ސަބަބެއް ނެތީ ކަމަށް ބުނެ ދައުލަތުން ދެއްކީ ގާނޫނީ ގޮތުން ހަމަޖެހޭ ސަބަބެއް ނޫން ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެހެންވެ، ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އަމަލު ކުރުން ހުއްޓާލާފައި ވަނިކޮށް އަދި ބަންދާ މެދު ގޮތެއް ނިންމަންޖެހޭ މާއްދާ ސަސްޕެންޑްކޮށްފައި ވަނިކޮށް ފާރިސް ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އެންގީ ގާނޫނާ ޚިލާފަށް ކަމަށް އެ ހުކުމުގައިވެ އެވެ. އެކަން ފާހަގަކޮށް، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ކްރިމިނަލް ކޯޓު އަމުރު ބާތިލް ކަމަށެވެ.

ފާރިސް ހައްޔަރު ކުރުމަށް ފަހު 24 ގަޑިއިރުގެ ތެރޭގައި ކޯޓަށް ނުގެންދިއުމާއި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ސައްހަ ކަމާ މެދު ވެސް ފާރިސްގެ ފަރާތުން އެ މައްސަލާގައި ސުވާލު އުފެއްދި އެވެ. އެކަމަކު ހައި ކޯޓުން ނިންމީ އޭނާ 24 ގަޑިއިރުގެ ތެރޭގައި ކޯޓަށް ނުގެންދިއުމުގައި ގާނޫނާ ޚިލާފް ކަމެއް ނެތް ކަމަށެވެ. ސަބަބަކީ ފާރިސް ހައްޔަރު ކުރެވުނުއިރު، ބަންދާ މެދު ކޯޓުން ގޮތެއް ނިންމަންޖެހޭ މާއްދާ ސަސްޕެންޑް ކޮށްފައިވާތީ އެވެ.

މީގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ސައްހަ ކަމަށް ސުޕްރީމް ކޯޓުން އޭރު ނިންމާފައިވާތީ އެއާ މެދު އިތުރަށް ހައި ކޯޓުގައި ޗެލެންޖް ނުކުރެވޭނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި އިސް ފަނޑިޔާރު ޝުޖާއު އުސްމާންގެ އިތުރުން ފަނޑިޔާރު އަލީ ސަމީރެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ފައިސަލް އެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި ފާރިސް ހައްޔަރު ކުރުމުގެ ކުރިން ރިޝްވަތުގެ ތުހުމަތެއްގައި ވެސް 2017 ވަނަ އަހަރު ފާރިސް ހައްޔަރުކޮށް، ހަ މަހަށް ވުރެ ގިނަ ދުވަސް ވަންދެން އޭނާ ބަންދުގައި ބެހެއްޓި އެވެ.

އޭގެފަހުން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ ޓެރަރިޒަމްގެ ތުހުމަތުގައި ފާރިސްގެ އިތުރުން އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޔުމްނާ މައުމޫންގެ ފިރިކަލުން އަހުމަދު ނަދީމާއި އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު އަލީ ހަމީދާއި ޕޮލިސް ކޮމިޝަނަރު ކަން ކުރެއްވި އަހުމަދު އަރީފާއި މަޖިލީހުގެ އެހެން ބައެއް މެމްބަރުން ވެސް އޭރު ހައްޔަރުކޮށް، ދައުވާކުރި އެވެ.

ޝަހްސު އޮޅުވާލި ކަމަށް ބުނެ ފާރިސްގެ މައްޗަށް ހަތަރު މަހުގެ ޖަލު ހުކުމެއް އިއްވައި، އަދިި ފޯނު ނުދެއްވި ކަމަށް ބުނެ މައުމޫނާއި އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް ވެސް އޭރު ކްރިމިނަލް ކޯޓުން އިއްވި އެވެ. އެ ހުކުމްތައް ފަހުން ހައި ކޯޓުން ބާތިލް ކުރި އެވެ. އަދި ދެން ހުރި ދައުވާތައް ދަށު ކޯޓުގައި ހިނގަމުން ދަނިކޮށް ދައުވާތައް ވަނީ އަނބުރާ ގެންގޮސްފަ އެވެ.