28 ޖޫން 2020 - 11:39

ރޯމް (ޖޫން 28) – ފަހަތުން އަރައި 2-1 އިން ފިއޮރެންޓީނާ ބަލިކޮށް ލާޒިއޯ އިން އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް ޔުވެންޓަސްއާ ހަތަރު ޕޮއިންޓަށް ގާތްކޮށްފި އެވެ.
ހުކުރު ދުވަހުގެރޭ ލެއްޗޭ އަތުން 4-0 އިން މޮޅުވި ޔުވެންޓަސް އެއް ވަނައިގައި އޮތީ 28 މެޗުން 69 ޕޮއިންޓާ އެކު އެވެ. ލާޒިއޯ ދެ ވަނައިގައި އޮތީ 28 މެޗުން 65 ޕޮއިންޓާ އެކު އެވެ. ތާވަލުގެ ތިން ވަނައިގައި އޮޓީ 27 މެޗުން 58 ޕޮއިންޓް ހޯދާފައިވާ އިންޓަ މިލާނެވެ. އެ ޓީމުން މިރޭ ޕާމާ އަތުން މޮޅުވެގެން، ތަފާތު ކުޑަކުރެވޭނެ އެވެ.
ލާޒިއޯ އިން އައީ ޔުވެންޓަސްއާ އެއް ޕޮއިންޓުގެ ފަރަގެއްގައި، ލީގަށް ވަރަށް ބޮޑަށް ވާދަކުރަމުންނެވެ. އެކަމަކު މިދިޔަ ހަފުތާގައި އެޓަލާންޓާ އަތުން 3-2 އިން ބަލިމުމުން، ފެޔަށް ޖެހުނީ އެވެ. އެއީ އެ ޓީމު ނުވަ މަސް ތެރޭ ލީގުގައި ބަލިވި ފުރަތަމަ ފަހަރެވެ.
ރޭގެ މެޗުގައި ފުރަތަމަ ގޯލް ޖެހީ ފިއޮރެންޓީނާ އިންނެވެ. މި ގޯލް 25 ވަނަ މިނެޓުގައި ކާމިޔާބުކުރީ ފްރާންސް ވިންގާ ފްރޭންކް ރިބެރީ އެވެ. ލާޒިއޯ އަށް އެއްވަރުކޮށްދިނީ 67 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޗީރޯ އިމޮބިލޭ އެވެ. މިއީ ލާޒިއޯގެ ފެލިއްޕޭ ކައިސޭޑޯ އަށް ފިއޮރެންޓީނާގެ ގޯލްކީޕަރު ޑްރަގޮސްކީ ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. އެކަމަކު ކީޕަރުގެ ޖެހުމުގެ ކުރިން ސައިސޭޑޯ ވެއްޓޭ ކަމަށް ބުނެ ސުވާލުތައް އުފެދުނެވެ. ލާޒިއޯ މޮޅުވި ލަނޑު 82 ވަނަ މިނެޓުގައި ކާމިޔާބުކުރީ ލުއިސް އަލްބާޓޯ އެވެ.
މެޗުގެ އިތުރު ވަގުތު ފިއޮރެންޓީނާގެ ޑުއާން ލަހޮވީ އަށް ވަނީ ސީދާ ރަތްކާޑެއް ދައްކައިފަ އެވެ. އަދި ރެފްރީއާ ޒުވާބުކުރުމުގެ ސަބަބުން ލާޒިއޯގެ ކޯޗު ސިމޯނީ އިންޒާގީ ވެސް ވަނީ ބެންޗުން ފޮނުވާލައިފަ އެވެ.
މި މެޗުން ބަލިވި ފިއޮރެންޓީނާ އޮތީ 31 ޕޮއިންޓާ އެކު 13 ވަނައިގަ އެވެ.