29 ޖޫން 2020 - 07:36

އެކި މީހުންގެ ހަޔާތުގައި "ލޮކްޑައުން" އެކި ގޮތްގޮތަށް ތަޖުރިބާކުރެވިފައި ހުރެދާނެ އެވެ. އެކަމަކު އަހަރެމެންގެ ތެރޭގައި "ލޮކްޑައުން" ގެ ވާހަކަ މިހާރު މާ އާންމު އާންމުވެގެން އުޅެނީ މުޅި ދުނިޔެ ހަނގުރާމަކުރަމުން އަންނަ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި އެވެ.
ނަމަވެސް މިއީ މި ބަލިމަޑުކަމާ ހެދި "ލޮކްޑައުން" އަށް ދިޔަ މީހެއްގެ ވާހަކައެއް ނޫނެވެ. މިއީ މީގެ 26 އަހަރު ކުރިން ފެށިގެން ގެއިން ނުކުތުން ހުއްޓާލައި، "ގޭބަންދު" ގައި ހުރި ރަޝިއާގެ 42 އަހަރުގެ އަންހެނެއްގެ ވާހަކަ އެވެ.
އޭނާ ދިރިއުޅެނީ ރަޝިއާގެ ހުޅަނގުގެ އަވަށެއް ކަމަށްވާ އެރިފިންސްކީގަ އެވެ. ނަދެޒްދާ ބުޝޫވާ ގެއިން ބޭރަށް ދިއުން ހުއްޓައިލީ އޭނާގެ އުމުރުން 16 އަހަރުގަ އެވެ. ގެއިން ބޭރަށް ދާން މަންމަ ޓަޔާނާ ނުރުހޭތީ އާއި އެކަމާ ދެކޮޅު ހަދާތީ މިހާތަނަށް ނަދެޒްދާ އަށް "ދުނިޔެ" ފެނިފައެއް ނެތެވެ.
ނަދެޒްދާގެ ވާހަކަ މީޑިއާތަކަށް އެރީ މިދިޔަ މަހު އެވެ. އެއީ މަންމަ ވަރަށް ބޮޑަށް ބަލިވެގެން ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހުމުން އެ ނޫން ގޮތެއް ނެތިގެން ނުކަންނަ މަޖުބޫރުވުމުންނެވެ. އެހެންވެ ފާއިތުވި 26 އަހަރުގެ ތެރޭގައި ނަދެޒްދާ ފުރަތަމަ ފަހަރަށް ގެއިން ބޭރަށް ނުކުތީ މިދިޔަ މަހު އެވެ.
ކުރިން ނުފެންނަ މީހަކު ފެންނަން ފެށުމުން އޭނާ އަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ އެވެ. އެއާ އެކު މީޑިއާތަކުގެ ލޯ ވެސް ނަދެޒްދާ އަށް އަމާޒުވި އެވެ. އޭނާއާ ބެހޭ ގޮތުން ރަޝިއާގެ މީޑިއާތަކުން ބުނެފައި ވަނީ މިހާތަނަށް ގެއިން ބޭރަށް ނުނިކުމެ މަންމަގެ ބަސް އަހައިގެން ހުރީ "ބޭރުތެއަށް ނުކުމެއްޖެ ނަމަ އޭގެ ނުރައްކާ އާއިލާއަށް ކުރިމަތިވެދާނެތީ" ކަމަށެވެ.
މީޑިއާތަކުން ބުނި ގޮތުގައި ފެންނަ ފެނުމަށް ބަލާ އިރު، ނަދެޒްދާގެ ކިބައިން ސިއްހީ މައްސަލަތަކެއް ވެސް ފެންނާކަށެ ނެތެވެ. އަދި އޭނާގެ ހާލަތު ހަމަ ރަނގަޅެވެ. އެކަމަކު ހޭވިފައި އޮތް ބޮޑު އިސްތަށިގަނޑާއި ބާވެފައިވާ އަންނައުނުގެ ސަބަބުން ގިނަ ބައެއްގެ ލޮލުގައި އޭނާ އަޅައިގަތީ އެވެ. ނަދެޒްދާ އިސްތަށިގަނޑު ނުދޮންނަތާ ވެސް 12 ވަރަކަށް އަހަރުވެއްޖެ ކަމަށްވެ އެވެ.
އޭނާގެ ބައެއް އަވަށްޓެރިންނާ ހަވާލާދީ މީޑިއާތަކުން ބުނީ ޓަޔާނާ އޭނާގެ ދަރިފުޅު ގެއިން ބޭރަށް ދިއުން މަނާކުރީ ގްރޭޑް 8 ގައި އުޅެނިކޮށެވެ. އެ ދުވަސްވަރު ޓަޔާނާ ވަޒީފާ އިން ރިޓަޔާކުރަން ޖެހި ގޭގައި ހުންނަން މަޖުބޫރުވުމުން އޭނާ ދަރިފުޅު ސްކޫލަށް ފޮނުވައިލުން ހުއްޓާލައި، ފަހުން އެއްކޮށް ނަދެޒްދާ "ގޭގައި ބަންދުކުރީ" އެވެ.
އަވަށްޓެރިން ބުނި ގޮތުގައި މިކަމާ ކަންބޮޑުވެގެން ބައެއް މީހުން އެހީވާން ވެސް އެތައް ފަހަރަކު އުޅުނެވެ. އެކަމަކު ޓަޔާނާ އެއިން އެއްވެސް ކަމަކަށް އެއްބަސް ނުވީ އެވެ.
ނަދެޒްދާ އެތައް އަހަރެއް ފަހުން ފެނުމާ ގުޅިގެން، އޭނާ ދިރިއުޅޭ އަވަށުގެ ބަޔަކު ވަނީ ކައުންސިލްގެ ވެރިޔާ ވެސިލީ ޓޮވަރްނޯވްގެ އަރިހަށް ގެންގޮސްފަ އެވެ. އަދި އޭނާގެ ހާލަތާ ބެހޭ ގޮތުން ސުވާލުކުރުމުން ފެންނުވަރާތާ ވެސް އަހަރުތަކެއްވެފައިވާ ކަމަށާއި ދިރިއުޅެމުން ދިޔައީ މަންމަ އާއި އެ މީހުން ގެންގުޅު ގިނަ އަދަދެއްގެ ބުޅާތަކާ އެކު ކަމަށް ބުނެފައިވެ އެވެ.
ނަދެޒްދާއާ ހަވާލާދީ މީޑިއާތަކުން ބުނި ގޮތުގައި އޭނާ ދިރިއުޅުނީ މިނިވަންކަމެއް ނެތި ބުޅާތަކަށް ވުރެ ވެސް "ނިކަމެތިކޮށެވެ." އެކަމަކު އާދަވެފައި ހުރި ދިރިއުޅުމަށް ބަދަލެއް ގެންނަން ބޭނުންނުވާ ކަމަށާއި އެގޮތް މިހާރު އޭނާ އަށް ފުދޭ ކަމަށް ބުނެފައިވެ އެވެ.
ވަޗްސްކީ ޑިސްޓްރިކްޓްގެ ސޯޝަލް ސެކިއުރިޓީ ސާވިސްގެ ޑިރެކްޓަރު ލަރީޒާ މިކީވާ ވިދާޅުވި ގޮތުގައި އެ މީހުން ތިބީ ރިހިބިލިޓޭޝަނަށް ދާން ނަދެޒްދާ ބޭނުން ނަމަ އެކަން ކޮށްދޭށެވެ.
"އެކަމަކު އޭނާ ބުނަނީ އެއްވެސް އެހީއެއް ބޭނުންނުވާ ކަމަށް. އޭނަގެ ނެތް ސިއްހީ މާ ބޮޑެތި މައްސަލަތަކެއް. އެހާ ގިނަ ދުވަހު އެކަހެރިކޮށް އުޅުނަސް ނަފުސާނީ މައްސަލަތަކެއް ވެސް ނެތް. އަނެއްކާ އޭނައަކީ ބޮޑުވެ ތަސައްފަރު ފުދިގައި ހުރި މީހަކަށްވާތީ އެއްވެސް ކަމެއް އޭނަ އަށް މަޖުބޫރުކުރާކަށް ބޭނުމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް ސޯޝަލް ސެކިއުރިޓީ ސާވިސް އާއި އަވަށްޓެރިން ގުޅިގެން ވަނީ ނަދެޒްދާ ދިރިއުޅޭ ގެ ސާފުކޮށްދީ، މި ވަގުތަށް އޭނާ އަށް ބޭނުންވާ ޒަރޫރީ ކަންކަން ހަމަޖައްސައި ދީފަ އެވެ.