01 ޖުލައި 2020 - 11:31

ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މާލީ ގޮތުން ދިމާވެފައިވާ އުނދަގޫތަކުން އަރައިގަތުމަށް ބޭރުގެ މާލީ އިދާރާތަކުން މިހާތަނަށް 1.4 ބިލިއަން ރުފިޔާ ދިވެހި ސަރުކާރަށް ލިބިއްޖެ އެވެ.

ކޮވިޑް-19އާ ގުޅިގެން ދައުލަތުގެ އާމްދަނީ އިންތިހާއަށް ދައްވުމުން ސަރުކާރުން އަންނަނީ ބޭރުގެ މާލީ އިދާރާތަކުން ބޮޑެތި އެހީތަކެއް ލިބޭތޯ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ވޯލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އާއި އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) އާއި އިންޓަނޭޝަނަލް މޮނިޓަރީ ފަންޑް (އައިއެމްއެފް) އާއި އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޯފިޑް) އިންނެވެ.
ސަރުކާރުން މިހާރު ވެސް އަންނަނީ 10 ވަރަކަށް މާލީ އިދާރާތަކުން އެހީ ހޯދަން މަސައްކަތް ކުރަމުންނެވެ. މިހާރު އޮތް ހާލަތުން އަރައިގަތުމަށް 3.3 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. އެހެންކަމުން އޭގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މިހާރު އެވަނީ ލިބިފަ އެވެ.
ދައުލަތަށް ލިބުނު އެހީގެ 16 މިލިއަން ޑޮލަރު (255 މިލިއަން ރުފިޔާ) އަކީ ހިލޭ އެހީ އެވެ. ބާކީ 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) އަކީ ލޯނެވެ.
ބޭރުގެ މާލީ އިދާރާތަކުގެ އިތުރުން ބައެއް ގައުމުތަކާއި ޖަމިއްޔާތަކުން ވެސް މާލީ އެހީތެރިކަމާއި އެހެނިހެން ތަކެތި ރާއްޖެއަށް އަންނަނީ ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި އިންޑިޔާ އާއި ޖަޕާނާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ޔުނިސެފް ވެސް ހިމެނެ އެވެ.
ޔުނިސެފުން ވަނީ އީލާ-ނިން ސިސްޓަމްތައް ސްކޫލުތަކުގެ ކްލާސް ރޫމުތަކުގައި ގާއިމްކުރަން އެހީވެދީ ނިއު ނޯމަލް ހާލަތުގައި ސްކޫލުތަކުގައި ކިޔަވައިދިނުމުގައި އަމަލު ކުރާނެ ގޮތްތައް އެކުލަވާލުމުގައި ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މީގެ އިތުރުން ސިއްހީ ދާއިރާ އާއި ޓޫރިޒަމް ދާއިރާއަށް އީޔޫ އިން އެހީވެ އެވެ.
ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު އެހީއެއް މިހާތަނަށް ދީފައިވަނީ އިންޑިޔާ އާއި ޖަޕާނުންނެވެ. މާލީ އިދާރާތަކުގެ ތެރެއިން އެންމެ ބޮޑު އެހީއެއް ލިބުނީ ވޯލްޑް ބޭންކުންނެވެ.
ރާއްޖެއަށް ލިބޭ އާމްދަނީގެ 60 ޕަސެންޓް ހިއްސާކުރާ ޓޫރިޒަމް ދާއިރާ ހުއްޓުމަކަށް އައުމުން ހަރަދުތައް ހަމަޖައްސަން ވަނީ ބޮޑެތި އުނދަގޫތަކާ ކުރިމަތިވެފަ އެވެ. ކޮވިޑް-19 އާ ގުޅިގެން ސިއްހީ ދައިރާއަށް ކުރަން ޖެހުނު އިތުރު ހަރަދުތަކާ އެކު މި އަހަރުގެ ބަޖެޓް ޑެފިސިޓް 13 ބިލިއަން ރުފިޔާ އާއި 16 ބިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކަށް މައްޗަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ.