ސަފާރީގައި ޖިންސީ ގޯނާ ކުރި މައްސަލަ އަދިވެސް އަންނަނީ ބަލަމުން: ފުލުހުން
ސަފާރީގައި ޖިންސީ ގޯނާ ކުރި މައްސަލަ އަދިވެސް އަންނަނީ ބަލަމުން: ފުލުހުން

ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އަދިވެސް އަންނަނީ ބަލަމުން ކަމަށް ފުލުހުން ބުނެފި އެވެ.

އިއްޔެ ފެންމަތިވި މި މައްސަލާގައި ހައްޔަރު ކުރީ 39 އަހަރުގެ ދެ ދިވެހި ދެ ފިރިހެނުންނެވެ. އެ ދެ މީހުން ވެސް މިއަދު ވަނީ ދޫކޮށްލައިފަ އެވެ.

ފުލުހުން ބުނި ގޮތުގައި އެ މީހުން ދޫކޮށްލާފައި ވަނީ މައްސަލާގެ ތަހުގީގަށް އެ މީހުން ބަންދުގައި ބައިތިއްބޭނެ ވަރުގެ ސަބަބެއް ނެތުމުންނެވެ. މިކަމާ ގުޅިގެން ނޫސްވެރިން ތަކުރާރުކޮށް ފުލުހުންނާ ސުވާލު ކުރުމުން ފުލުހުން ބުނީ ބަންދުގައި ނުބޭތިއްބޭތީ ދެ މީހުން ދޫކޮށްލި ނަމަވެސް އެ މައްސަލަ އަދިވެސް ދަނީ ބަލަމުން ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އިއްޔެ ރޭ ފަތިހު ފަހެއް ޖެހި އިރެވެ. ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މި މައްސަލާގައި އެ މީހާއަކީ ކޮން ގައުމެއްގެ މީހެއް ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް ކޮވިޑްް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައިވާތީ މިހާރު ޓޫރިސްޓުންނެއް ނާދެ އެވެ. އަދި މާލެ ސަރަހައްދުގެ އެއްވެސް ގެސްޓްހައުސްއެއްގައި ވެސް ޓޫރިސްޓުން ނުބައިތިއްބަ އެވެ. އެހެންވެ ބެލެވޭ ގޮތުގައި އެއީ ރާއްޖޭގައި މަސައްކަތް ކުރާ މީހެކެވެ.

މި މައްސަލާގައި ހައްޔަރު ކުރި ދެ މީހުންގެ އެއްވެސް މައުލޫމާތެއް ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ. އެއީ ސަފާރީ އަށް ދިޔަ ދެ މީހެއް ކަމެއް ނުވަތަ އޭގައި މަސައްކަތް ކުރާ ބައެއް ކަމެއް ވެސް ސާފެއް ނުވެއެވެ.