27 ޖޫން 2020 - 18:20

ބަދިގެއަށް ބޭނުންވާ ގިނަ ސާމާނު ވިއްކާ އެސްޓްރަބޯން ފިހާރައިން ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ހާއްސަކޮށް ކްރެޑިޓް ސްކީމެއް ތައާރަފްކޮށްފި އެވެ.
އެ ފިހާރައިން ބުނީ މިގޮތަށް ކްރެޑިޓް ސްކީމެއް ތައާރަފްކުރީ ކޮވިޑް-19 އާ ގުޅިގެން ޓުއަރިޒަމް ވިޔަފާރި އެއްކޮށް ހުއްޓި އޮތުމަށްފަހު އަލުން ފެށުމަށް ތައްޔާރުވަމުން އަންނައިރު، ރިސޯޓުތަކާއި ގެސްޓް ހައުސްތަކާއި ސަފާރީތަކުގެ ހިންގުމަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.
އެސްޓްރޮބޯންގެ ސީއީއޯ ޔޫސުފް ރިފްއަތު ވިދާޅުވީ އެ ފިހާރައިގެ މައިގަނޑު ވިޔަފާރިއަކީ
ރިސޯޓުތަކާއި ގެސްޓް ހައުސްތަކާއި ސަފާރީ އުޅަނދުތަކަށް އަމާޒުކޮށްގެން ކުރާ ވިޔަފާރިއެއް ކަމަށާއި ކްރެޑިޓް ސްކީމާ އެކު ޓޫރިޒަމް ދާއިރާގެ ވިޔަފާރިތައް ހިންގަން ލުއިތަކެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން ދެކެނީ މި ސްކީމްގެ ސަބަބުން ރިސޯޓުތަކަށް ވެސް އަދި ގެސްޓް ހައުސްތަކަށް ވެސް އަދި ސަފާރީ އުޅަނދު އޮޕަރޭޓްކުރާ ފަރާތްތަކަށްވެސް ކޮންމެވެސް ވަރެއްގެ ލުއި
ފަސޭހައެއް ލިބިގެން ދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ކްރެޑިޓް ސްކީމް ތައާރަފް ކުރުމުގެ އިތުރުން ލޮކްޑައުންގެ މުއްދަތުގައި އެސްޓްރޮބޯން އިން ވަނީ އެކުންފުނީގެ ވެބްސައިޓް ވެސް ލޯންޗުކޮށްފަ އެވެ. ވެބްސައިޓުން އެ ފިހާރައިން ވިއްކާ ތަކެތީގެ ކެޓަލޮގާއި ވީޑިއޯ ބަލައިލެވޭނެ އެވެ. މިއާ އެކު އެސްޓޮރޮބޯންއިން ވިޔަފާރި ކުރުމަށް އިތުރަށް ފަސޭހަވާނެ ކަމަށް އެ ފިހާރައިން ބުނެ އެވެ.
އެސްޓްރަބޯން ހުޅުވާފައި ވަނީ 2002 ވަނަ އަހަރު އެވެ. އޭރުން ފެށިގެން މިއަދާ ހަމައަށް ވެސް އެ ކުންފުނިން އަންނަނީ ބަދިގެއަށް ބޭނުންވާ ކޮލިޓީ ރަނގަޅު ސާމާނު ފޯރުކޮށްދެމުންނެވެ. އެގޮތުން އާންމުންނަށާއި ހޮޓާތަކާއި ރެސްޓޯރެންޓްތަކުގެ އިތުރުން ރިސޯޓުތަކަށް ބޭނުންވާ ބަދިގެ ސާމާނާއި ކަޓްލަރީސް އެ ފިހާރައިން ފޯރުކޮށްދެ އެވެ.