26 ޖޫން 2020 - 16:25

ވޮޝިންޓަން (ޖޫން 26) - އެމެރިކާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 20 މިލިއަނަށް އަރާނެ ކަމަށް ސިއްހީ އޮފިޝަލުން ލަފާކޮށްފި އެވެ.
ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އިން ބުނީ މިހާރު ރިޕޯޓްކޮށްފައިވާ ކޭސްތަކަށް ވުރެ ހަގީގީ އަދަދު 20 ގުނަ އިރުވާނެ ކަމަށެވެ.
އެމެރިކާގައި ކޮރޯނާވައިރަހަށް ޕޮޒިޓިވް މީހުންގެ އަދަދު ވަނީ 2,504,676 އަށް އަރައިފަ އެވެ. ބަލީގައި މަރުވި މީހުންގެ އަދަދަކީ 126,785 އެވެ.
"އަޅުގަނޑުމެންގެ އެންމެ ރަނގަޅު އެސްޓިމޭޓަކީ ޕޮޒިޓިވްވާ ކޮންމެ ކޭސްއަކާ ގުޅިގެން 10 ޕޮޒިޓިވް ކޭސް އުޅޭނެ ކަމަށް،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސީޑީސީގެ ޑިރެކްޓަރު ޑރ. ރޮބަޓް ރެޑްފީލްޑް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ގޮތަށް ލަފާކުރަނީ ބަލީގެ އަލާމާތްތައް ފެންނަ މީހުން ޓެސްޓްކުރުން ލިމިޓްކޮށް އަލާމާތްތައް ނުފެންނަ މީހުން ޓެސްޓް ނުކުރާތީ ކަމަށެވެ.
ރެޑްފީލްޑް ލަފާކުރާ ގޮތުން އެމެރިކާގެ އާބާދީގެ 5-8 ޕަސެންޓަށް މިހާރު ވަނީ ކޮރޯނާވައިރަހުގެ އަސަރުކޮށްފަ އެވެ. އެހެންވެ އޭނާ ވަނީ ސޯޝަލް ޑިސްޓެންސިން އަށް އަމަލުކޮށް، މާސްކް އަޅައިގެން އުޅުމާއި ގިނަގިނައިން އަތް ދޮވުމަށް އިލްތިމާސްކުރައްވައިފަ އެވެ.
"ފިނި މޫސުމާ ކުރިމަތިލާ އިރު މިއީ ދިފާއީ ގޮތުން މުހިންމު މެކޭނިޒަމަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.
އެމެރިކާގައި ރެކޯޑް އަދަދަކަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ޕޮޒިޓިވް ކޭސްތައް ރިޕޯޓްކުރި އިރު ދެކުނާއި ހުޅަނގުގެ ސްޓޭޓްތަކުގައި ދަނީ ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންނެވެ.
ޔުނިވާސިޓީ އޮފް ވޮޝިންޓަނުން ލަފާކުރާ ގޮތުގައި އޮކްޓޯބަރު މަހާ ހަމައަށްދާއިރު އެމެރިކާ އިން 180،000 މީހުން މަރުވާނެ އެވެ. ގާތަގަނޑަކަށް 95 ޕަސެންޓް މީހުން މާސްކް އަޅައިގެން އުޅޭ ނަމަ މަރުވާ ރޭޓް 146،000 ގައި ހިފެހެއްޓޭނެ ކަމަށް ބުނެފައިވެ އެވެ.