20 އޮކްޓޯބަރ 2016 - 12:09

ޕީޕީއެމް ހިންގުމުގެ ބާރު ރައީސް އަބްދުﷲ ޔާމީނަށް ލިބޭ ގޮތަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން ހައި ކޯޓަށް މައްސަލަ ހުށަހެޅި މީހާގެ ނިޔަތާ މެދު ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ކޯޓުގައި މިއަދު ސުވާލު އުފައްދައިފި އެވެ.

ރައީސް ޔާމީނާއި މައުމޫނާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި ޕާޓީ ދެ ބައިވެފައި ވަނިކޮށް އެ ޕާޓީ ހިންގުމުގެ ބާރު ރައީސް ޔާމީނަށް ލިބޭ ގޮތަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން މައުމޫންގެ ފެކްޝަނުން މަސައްކަތް ކުރަމުން ދަނިކޮށް އެ ފެކްޝަނަށް ނޭނގި ހައި ކޯޓަށް މައްސަލަ ހުށަހެޅީ އައްބާސް ވާފިރު، ހުޅުދޫ، ފެންފިޔާޒުގޭ އެވެ.
އެ މައްސަލައިގެ ޝަރީއަތް ފެށުމާ އެކު މައުމޫންގެ ފަރާތްޕުޅުން ވަނީ އެ މައްސަލައިގެ ތެރެއަށް ތަދައްޚުލްވެފަ އެވެ.
މައުމޫންގެ ވަކީލް އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވީ އެއީ އައްބާސްއާ ކޮން ގުޅުމެއް އޮތް މައްސަލައެއް ކަން ސާފުނުވާ ކަމަށާއި އޭނާއަކީ ދަށު ކޯޓުގައި އެ މައްސަލަ ހިނގިއިރު އެ މައްސަލާގައި ހިމެނުނު ފަރާތެއް ވެސް ނޫން ކަމަށެވެ.
އެ މައްސަލާގައި އޮންނަނީ އައްބާސްގެ ކޮން މަސްލަހަތެއް ކަން ސާފުނުވާ ކަމަށް ވިދާޅުވެ، އެ މައްސަލަ އޭނާ ހުށަހެޅީ ކޮން ކަމެއް ހާސިލްކުރަން އަދި ކޮން ނިޔަތެއްގައި ކަމާ މެދު ސުވާލު އުފެދޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އެހެން މައްސަލަތަކަށް ވުރެ އަވަހަށް އެ މައްސަލަ ކޯޓުން ކުރިއަށް ގެންދާތީ އެކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރެއްވި އެވެ.
އައްބާސްގެ ފަރާތުން ހުށަހެޅި އިސްތިއުނާފް ދައުވާގައި، ސިވިލް ކޯޓުގެ ހުކުމް ރަނގަޅު ނޫން ކަމަށް ބުނެ އޭނާ ފާހަގަކުރާ ހަމައެކަނި މައްސަލައަކީ، ގާނޫނު އަސާސީ އާއި ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފަށް މައުމޫން އަމަލްކުރެއްވި ކަމަށް ބުނެ ދަށު ކޯޓަށް މައްސަލަ ހުށަހެޅިއިރު މައުމޫން ޚިލާފްވީ ގާނޫނުގެ ކޮން މާއްދާތަކަކާ ކަން ސާފުނުވާ ކަމަށް ބުނާ މައްސަލަ އެވެ.
ދަށު ކޯޓަށް މައްސަލަ ހުށަހެޅުއްވި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުގެ ފަރާތުން ވަނީ ވާފިރު ހުށަހެޅި މައްސަލަ އަށް ޖަވާބުދާރީވެ، ގާނޫނުއަސާސީ އާއި ޕާޓީތަކުގެ ގާނޫނުގެ ވާހަކަ ދަށު ކޯޓުގައި ފާހަގަކޮށްފައި ނުވާނެ ކަމަށް ބުނެފަ އެވެ.
ހައި ކޯޓަށް މައްސަލަ ހުށަހެޅި އައްބާސް އަކީ ޝާހިދުގެ ގާތް މީހެއް ކަމަށްވެ އެވެ.
ޝާހިދާއި ޝިޔާމްގެ ވަކީލް އަދި މައުމޫން ތަމްސީލްކުރައްވާ މުއިއްޒުގެ އެއްބަނޑު އެއްބަފާ ކޮއްކޮ، އަބްދުﷲ މުއިއްޒު ވިދާޅުވީ ދަށު ކޯޓުގައި މުޅިން ވެސް ފާހަގަކުރީ ޕީޕީއެމްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ ޚިލާފަށް މައުމޫން އަމަލުކުރެއްވި މައްސަލަ ކަމަށާއި ގާނޫނު އަސާސީ އާއި ގާނޫނުގެ ވާހަކަ ދައްކާފައިނުވާނެ ކަމަށެވެ.
ދަށު ކޯޓުގެ ހުކުމް ރަނގަޅު ނޫން ކަމަށް ބުނެ، މައުމޫންގެ ފަރާތްޕުޅުން ވަނީ ގިނަ މައްސަލަތަކެއް މިއަދު ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ދައުވާގައި އެދިފައި ނެތް ކަމަކަށް ހުކުމްކޮށްފައި އޮތުމާއި އަސާސީ ގަވާއިދުގައި ޕާޓީ ހިންގުމުގެ އެއްވެސް ބާރެއް ނެތް ފަރާތަކަށް ޕާޓީ ހިންގުން ހަވާލުކުރުން ހިމެނެ އެވެ.
ރައީސް ޔާމީނަށް ޕާޓީ ހިންގުމުގެ ބާރު ކޯޓުން ދިން އިރު އެމަނިކުފާނު ހުންނެވީ ޕީޕީއެމްގެ ރަމްޒީ މަގާމެއް ކަމަށްވާ މުސްތަޝާރުގެ މަގާމުގަ އެވެ. އެއީ، ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން، އެއްވެސް ޒިންމާއެއް އޮތް މަގާމެއް ނޫނެވެ.
އަހުމަދު މުއިއްޒު ވިދާޅުވީ ދައުވާގައި އެދިފައި ނެތް ކަމަކަށް ހުކުމް ނުކުރެވޭނެ ކަމަށާއި އެކަމަކު ސިވިލް ކޯޓުން ހުކުމްކުރީ ދައުވާގައި އެއްވެސް ގޮތަކަށް ހިމެނިފައި ނެތް ކަމަކަށް ކަމަށެވެ. އަދި ޕާޓީ ހިންގުން ޕާޓީގެ މުސްތަޝާރު ރައީސް ޔާމީނާ ހަވާލުކުރިއިރު މުސްތަޝާރުގެ މަގާމަކީ ރަމްޒީ މަގާމެއް ކަމަށާއި ހިންގުމުގެ އެއްވެސް ކަމެއްގައި މުސްތަޝާރަށް ބައިވެރިނުވެވޭނެ ކަމަށް އަސާސީ ގަވާއިދުގައި ބުނާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
އެ ހުރިހާ ކަމެއް އެގޮތުގައި އޮއްވާ، ގަވާއިދުގައި ނެތް ބާރެއް މުސްތަޝާރާ ހަވާލުކުރުމަކީ "ކޯޓުން އަމިއްލައަށް ގަވާއިދު ލިޔުން" ކަމަށާއި އެއީ ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މައްސަލައިގެ އަަޑުއެހުމެއް މިއަދު މެންދުރުފަހު ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ. އަދި އެ މައްސަލައިގެ ތެރެއަށް ޕީޕީއެމް ވެސް ތަދައްޚުލް ކުރުވާނެ ކަމަށް އިސް ފަނޑިޔާރު އަބްދުﷲ ދީދީ ރިޔާސަތު ބަލަހައްޓަވާ ބެންޗުން ވިދާޅުވި އެވެ.
އިސް ފަނޑިޔާރު ދީދީގެ އިތުރުން ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރެވެ.