26 ޖޫން 2020 - 12:49

ގަލްވާން ވެލީ (ޖޫން 26) - ދެ ގައުމުން ވެސް މި މަހު ކުރީކޮޅު ކުރިމަތިލުމަކަށް ދިޔަ ހިމާލަޔަން ބޯޑަރުގައި ޗައިނާ އިން ސްޓްރަކްޗާތަކެއް ހަދާފައިވާ ކަމަށް ސެޓެލައިޓް ފޮޓޯތަކުން ދައްކައިފި އެވެ.

އިންޑިއާގެ ބޯޑަރު ކައިރީ، ގަލްވާން ވާދީގައި ޗައިނާ އިން ހަދާފައިވާ ތަންތަނުގެ ތެރޭގައި ބަންކަރާއި ޓެންޓާއި އަސްކަރީ ތަކެތި ރައްކާ ކުރާ ގުދަންތައް ހިމެނެ އެވެ. އެކަމަކު މިދިޔަ މަހު މިއިން ވެސް ތަނެއް އެ ސަރަހައްދުގައި ނެތް ކަމަށްވެ އެވެ.
ބޯޑަރުގެ ކުރިމަތިލުމުގައި އިންޑިއާ ސިފައިންގެ 20 މީހުން މަރުވި ކަމަށް އެ ގައުމުން ބުނެފައިވެ އެވެ. ޗައިނާ ސިފައިން މަރުވި ނަމަވެސް އަދަދެއް ހާމަކޮށްފައެއް ނުވެ އެވެ. އިންޑިއާ ސިފައިންގެ ތެރޭން ވަނީ 76 މީހުން ޒަޚަމްވެފަ އެވެ.
ޖޫން 22 ވަނަ ދުވަހު ނެގި ފޮޓޯތައް އާއްމުކޮށްފައިވާ އިރު ބޯޑަރުގެ ހަމަނުޖެހުންތައް ހައްލު ކުރުމަށް އިންޑިއާ އާއި ޗައިނާ އިން ވަނީ މަޝްވަރާ ކުރަން ފަށައިފަ އެވެ.
އިންޑިއާގެ ޑިފެންސް އެނަލިސްޓެއް ކަމަށްވާ އަޖާއީ ޝުކްލާ ވިދާޅުވީ ޗައިނާ އިން ބޮޑު ކޭމްޕެއް ހަދާފައި ވަނީ އެކްޗުއަލް ލައިން އޮފް ކޮންޓްރޯލް (އެލްއޭސީ) ގެ އިންޑިއާގެ ސަރަހައްދުން 1.5 ކިލޯ މީޓަރު އެތެރޭގައި ކަމަށެވެ.
މައްސަލަ ބޮޑު ހިމާޔަލަން ސަރަހައްދެއް ކަމަށްވާ ލަޑަކުގެ ގަލްވާން ވެލީގައި ދެ ގައުމުގެ ސިފައިން ކުރިމަތިލުމަކަށް ދިޔައީ ޖޫން 15 ގަ އެވެ.