އައިޖީއެމްއެޗުގައި ހަދާ ކޮވިޑް-19 ޓެސްޓަށް ޑަބްލިއުއެޗްއޯ އިން 100 ޕަސެންޓް ދީފި
އައިޖީއެމްއެޗުގައި ހަދާ ކޮވިޑް-19 ޓެސްޓަށް ޑަބްލިއުއެޗްއޯ އިން 100 ޕަސެންޓް ދީފި

ކޮވިޑް-19 އަށް އައިޖީއެމްއެޗުގައި ހަދާ ޓެސްޓްތަކަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން 100 ޕަސެންޓް ދީފި އެވެ.

އެ ހޮސްޕިޓަލުން އިއްޔެ ކުރި ޓްވީިޓުގައި ބުނީ ކޮވިޑް-19 އަށް ޓެސްޓުކުރުމުގެ ގާބިލްކަން ހުރި މިންވަރު ބެލުމަށްޓަކައި ޑަބްލިއުއެޗްއޯގެ އެކްސްޓާނަލް ކޮލެޓީ އެޝުއަރެންސް ޕެނަލް އިން ފޮނުވި ސާމްޕަލްތަކުގެ ނަތީޖާ ދިމާކުރުމުން 100 ޕަސެންޓް މާސްކް ދީފައިވާ ކަމަށެވެ. އެހެންވެ، ސަރުކާރުގެ މައި ހޮސްޕިޓަލުން ހަދަމުން އަންނަނީ ބައިނަލްއަގުވާމީ މިންގަނޑަށް ފެތޭ ޓެސްޓުތަކެއްކަން ކަށަވަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ އަދި ރާއްޖެ އިން ވެސް ފެނިފައިވާ ކޮވިޑް-19 އަށް ރާއްޖޭގައި އެންމެ ފުރަތަމަ ޓެސްޓުކުރަން ފެށީ ވެސް އައިޖީއެމްއެޗުގައި، މިދިޔަ ފެބްރުއަރީ 29 ގަ އެވެ. އޭގެ ފަހުން މިއަދާ ހަމައަށް ގިނަ އަދަދެއްގެ ޓެސްޓުތަކެއް ވަނީ ހަދައިފަ އެވެ.

އައިޖީއެމްއެޗްގެ އިތުރުން ފުލުހުންގެ ލެބާއި އަމިއްލަ އެންމެ ބޮޑު ހޮސްޕިޓަލް، އޭޑީކޭ އަދި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ވެސް އަންނަނީ ކޮވިޑް-19 އަށް ޓެސްޓުކުރަމުންނެވެ. މިހާތަނަށް މުޅި ޖުމްލަ 46،182 ސާމްޕަލް ނަގާފައިވެ އެވެ.

ކޮވިޑް-19 އަށް ޓެސްޓުކުރުމުގައި އައިޖީއެމްއެޗުގައި އިސްކޮށް އުޅުއްވާ ލެބޯޓްރީ ޓެކްނޮލޮޖިސްޓް އާމިނަތު ނަޒްފާ މީގެ ކުރިން ވިދާޅުވީ، ކޮވިޑް-19 އަށް ޓެސްޓުކުރަން ނަގާ ސާމްޕަލްތަކުގައި ކިތަނެމެ މަދު އަދަދަކަށް ވައިރަސް ހުރި ނަމަވެސް އައިޖީއެމްއެޗުގައި ޓެސްޓުކުރާ މެތަޑުގައި ބަލި ހުރިކަން ނުވަތަ ނޫންކަން ދެނެގަނެވޭނެ ކަމަށެވެ. އެ މެތަޑުގައި ފުރަތަމަ ކަމަކީ، މިދިޔަ މާޗު މަހު ނަޒްފާ ވިދާޅުވި ގޮތުގައި، ވައިރަސް ގިނަކޮށްލުމެވެ. ކޮރޯނާވައިރަސް ހުރިކަން ދެނެގަންނަނީ އެއަށް ފަހުގަ އެވެ.

އެ ބައްޔަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި މީހުންގެ ގައިން ނަގާ ސާމްޕަލްތައް ޓެސްޓުކުރުމުގައި ފުރަތަމަ ބަލަނީ ފުޅާ ދާއިރާއެއްގައި ކޮރޯނާވައިރަސް ހުރިތޯ އެވެ. ކޮރޯނާވައިރަހަކީ އެތައް ބާވަތެއް ހިމެނޭ "ވައިރަހުގެ އާއިލާ" އެކެވެ. މީގެ ކުރިން އައި ސާސް އަދި މާސް އަކީ ވެސް އެ އާއިލާގެ ވައިރަސްތަކުން ޖެހޭ ބަލިތަކެވެ. ކޮވިޑް-19 ކަން ނުވަތަ ނޫންކަން ކަށަވަރުކުރަނީ އެއަށް ފަހުގަ އެވެ.