25 ޖޫން 2020 - 23:37

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުން މަންފާ ލިބުނު ފަސް ފުލުހަކު މަސްއޫލިއްޔަތުން ދުރުކޮށް އެ މީހުންގެ މައްސަލަ ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅޭގޮތުން ހިންގަމުންދާ ތަހުގީގުގައި، ހިޔާނާތުގެ ފައިސާ ލިބިފައިވާކަމަށް ތުހުމަތުވެފައިވާ ފަސް ފުލުހަކު މިވަގުތު ވަޒީފާގައި އެބަތިބި ކަމަށެވެ. އެ މީހުންގެ ޖިނާއީ އަދި އިދާރީ ތަހުގީގުތައް ދާތީ މަސްއޫލިއްޔަތުން ދުރުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ބޭރު ދުނިޔޭގައި ރާއްޖެ އިސްތިހާރުކުރަން އުފެއްދި ކުންފުނިން ފައިސާ ލިބުނު ކަމަށް ތަހުގީގީ އެ އިދާރާތަކުން މިދިޔަ އޮކްޓޯބަރު މަހު އާއްމުކުރި ލިސްޓުގައި 267 މީހަކު ހިމެނެ އެވެ. އޭގެ ތެރޭގައި މި ސަރުކާރުގެ މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންނާއި މިހާރުގެ މެމްބަރުންނާއި މިނިވަން މުއައްސަސާތަކާއި ސަލާމަތީ ބާރުތަކުގެ އޮފިސަރުން ހިމެނެ އެވެ.
އެ މައްސަލަ ތަހުގީގުކުރުމުގައި ފުލުހުންނާއެކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެސެޓް ރިކަވަރީ ކޮމިޝަން އަދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ވެސް ބައިވެރިވެ އެވެ.
ހިޔާނާތުގައި ހެކި ހޯދިފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް ދޮޅު އަހަރުވި އިރު ފެނުނީ ތަހުގީގު ލަސްކޮށް ކުރިއަށްދާ ތަނެވެ.
އެކަމާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ބޮޑު ހިޔާނާތުގެ ތަހުގީގު ލަހެއް ނޫން ކަމަށާއި އެކަމުގެ ތެރޭގައި ދައުލަތުގެ މަތީ މަގާމްތަކުގައި ކުރިން އަދި މިހާރު ތިއްބެވި ބޭފުޅުންނާއި އެ ނޫން ވެސް ނުފޫޒާއި ބާރުގަދަ ފަރާތްތަކެއް ހިމެނުނަސް ތަހުގީގުގައި ވަކި ބައެއްގެ މައްސަލަ ދޫކޮށް ނުލާނެ ކަމަށެވެ.
މި ޚިޔާނާތުގައި އެންމެ އިސްކޮށް އުޅުއްވީ ގޭބަންދުގައި މިހާރު ހުންނެވީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކަމަށް ފުލުހުން ބުނެ އެވެ. އަދީބުގެ އިތުރުން މި މައްސަލައިގައި އިސްކޮށް ދެން ހިމެނޭ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވެސް ހުރީ ގޭބަންދުގަ އެވެ. މި ޚިޔާނާތުގައި އެންމެ ބޮޑަށް ތުހުމަތުކުރި ބޭފުޅުންގެ ތެރެއިން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަންޏެވެ. އެމަނިކުފާނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑްރިންގެ މައްސަލައެއްގަ އެވެ.