"އިދިކޮޅުގެ ވެރިކަމެއްގައި ހިޔާ ފްލެޓްތައް 5،600ރ. އަށް ދޭނަން"
"އިދިކޮޅުގެ ވެރިކަމެއްގައި ހިޔާ ފްލެޓްތައް 5،600ރ. އަށް ދޭނަން"

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރަން ފެށި ހިޔާ ފްލެޓްތައް މަހަކު 5،600ރ. ދައްކާ ގޮތަށް އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ދޭނެ ކަމަށް އެ ކޯލިޝަނުން މިއަދު ބުނެފި އެވެ.

މި ސަރުކާރުން ބުނެފައި ވަނީ 20 އަހަރަށް ބަހާލުމުން ފްލެޓްތަކުގެ މަހު ކުލި 11،000ރ. އަށް އަރާ ކަމަށެވެ. އެކަމަކު މިއީ، ސޯޝަލް ހައުސިންއަށް ބަލާއިރު ބޮޑު އަދަދަކަށް ވާތީ، ފްލެޓްތަކުގެ ކުލި 7،500ރ. އަށް ވުރެ ބޮޑުނުވާނެ ގޮތެއް ހޯދަން މަސައްކަތް ކުރާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ޕީޕީއެމް/ޕީއެންސީއިން މިއަދު ނެރެނު ބަޔާނެއްގައި ބުނީ އެ ފްލެޓްތައް ކުއްޔަށް ދީގެން 5،600ރ. އަށް ވުރެ އިތުރަށް މި ސަރުކާރުން ނަގާ ފައިސާ އިދިކޮޅުގެ ވެރިކަމެއްގައި މާފް ކޮށްދޭނެ ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދައިފައިވާ 7،000 ފްލެޓާއި ގުޅުވައިގެން ރައީސް އިބްރާހީމް މުހަންމަދު ސޯލިހާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން ވެރިކަން ކުރާ ޕާޓީގެ މެންބަރުން ތަކުރާރުކޮށް ދޮގު ހަދަމުން ގެންދާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

"ފްލެޓްތަކާއި ގުޅުވައިގެން ސަރުކާރުގެ ފަރާތުން ބަހަނާ ދައްކަވާ، ދޮގު ވާހަކަތައް ދައްކަވަމުން
ގެންދަވަނީ ދިވެހި ރައްޔިތުން ނިކަމެތިކޮށް، އެ ފްލެޓްތައް ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީން ބޭނުންވާ ވަކި ބަޔަކަށް ބަހާލުމުގެ ބޭނުމުގައި ކަމަށް ވަރަށް ބޮޑަށް ބެލެވޭތީ އެފަދަ ކަންކަން ނުކުރުމަށް ގޮވާލަން. އެ ފްލެޓްތަކުގެ ހައްގުވެރިންނަށް އެ ފްލެޓްތައް ލަސް ނުކުރައްވާ ހަވާލު ކުރެއްވުމަށާއި، ފްލެޓްތަކުގެ އަގުގެ ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުން ނިންމަވާފައިވާ އަގަށް ވުރެ ބޮޑު ނުކުރުމަށް ވެސް ގޮވާލަން،" ބަޔާނުގައި ވެ އެވެ.

ބަޔާނުގައި ބުނެފައި ވަނީ މާލެ އާއި ހުޅުމާލޭގައި މީހުން މިހާރު އުޅޭ ފްލެޓްތަކާއި ކޮޓަރިތަކަށް ވުރެ ހިޔާ ޕްރޮޖެކްޓްގައި ހަދައިފައިވާ ފްލެޓްތައް އަދި ކޮޓަރިތައް ވެސް ކުޑަ ނުވާނެ ކަމަށެވެ. ކުރީ ސަރުކާރުން ނިންމައިފައިވާ ގޮތުން އެ ފްލެޓްތައް މިދިޔަ އަހަރުގެ ޖުލައި މަހު ހަވާލު ކުރެވޭނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. އަދި އެ ފްލެޓްތަކުގައި ދޮރާއި ޓައިލްސް ނުހުންނާނެ ކަމަށް ރައީސް ވިދާޅުވެ ދައްކަވާ ވާހަކަތަކަކީ ވެސް ދޮގު ކަމަށް ވަނީ ބުނެފަ އެވެ.

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަމުން ގެންދަވަނީ ކުރީގެ ސަރުކާރުގެ ނިންމުމަކީ ދެ ކޮޓަރީގެ ފްލެޓެއްގެ މަހު ކުލީގެ ގޮތުގައި 5،600ރ. ނެގުމެވެ. މި އަދަދު ހަމަަޖަސައިގެން ވެސް އެޗްޑީސީ އަށް ފައިދާވާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ އަގާ ގުޅޭ ސިޓީއެއް އާއްމުކޮށްފަ އެވެ.

އޭރުގެ ސްޓޭޓް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން ސޮއިކުރައްވައި އޮކްޓޯބަރު، 17، 2018 ގައި ހައުސިން މިނިސްޓްރީ އަށް ފޮނުއްވި ކަމަށް އާއްމުކޮށްފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ، ފްލެޓްތަކުގެ އަގު 20 އަހަރަށް ބަހާލައި ޑައުންޕޭމަންޓަކީ 25،000ރ. ކަމަށް ކަނޑައެޅުމަށެވެ. އަދި ކުލީގެ ގޮތުގައި 5،600ރ. ހަމަޖައްސައި މެއިޓެނެންސް ފީގެ ގޮތުގައި 1،000ރ. ކަނޑައެޅުން ރަނގަޅު ކަމަށް ރައީސް ޔާމީން ނިންމަވާފައިވާ ކަމަށް ވެސް އޭގައިވެ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސުހެއިލް އިއްޔެ ވިދާޅުވީ ސޯޝަލް މީޑިއާގައި އާއްމުވެފައިވާ އަގު ރަނގަޅު ނޫން ކަމަށެވެ. ބޮޑު ލޯނަކުން އިމާރާތްކޮށްފައިވާ 7،000 ފްލެޓަށް މަހު ކުލީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު އެއަށް ވުރެ ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީއާ އެކު ކުރީގެ ސަރުކާރުން އެއްބަސްވީ، ސުހެއިލް ވިދާޅުވި ގޮތުގައި، ފްލެޓަކަށް 62،000 ޑޮލަރުގެ މަގުން 7،000 ފްލެޓަށެވެ. އެހެންކަމުން މި އެއްބަސްވުމުގެ އަގަކީ 434 މިލިއަން ޑޮލަރެވެ.

އެކަމަކު އޭނާ ވިދާޅުވި ގޮތުގައި ސޯޝަލް ހައުސިން އަށް 11،000ރ. އަކީ ބޮޑު އަދަދަކަށް ވާތީ، ސަރުކާރުގެ ވައުދަކީ އެއަށް ވުރެ ކުޑަ އަގެއް ހަމަޖައްސައިދިނުމެވެ.

އޭނާ ވިދާޅުވީ އެއްބަސްވެފައިވާ ގޮތުން ނަމަ، ފްލެޓްތައް ދޭން ނިންމާފައި ވަނީ ފިނިޝިން ނުހިމަނަ އެވެ. ފިނިޝިން ނިންމަން 42 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން އުޅުމަށް ފަހު، ސަރުކާރުން މިހާރު ނިންމާފައި ވަނީ އެ ލޯނު ނުނަގާށެވެ.

އެހެންކަމުން ފްލެޓްތައް މިހާރު ދޭނީ މުށި ނުޖަހައި ކޮޓަރި އާއި ފާޚާނާގައި ވެސް ދޮރުތައް ނުލައި ބޮތްކާއި ފަންކާ ވެސް ނުލަ އެވެ. ކައްކާ ތަންކޮޅުގައި ވެސް ހުރީ ހަމައެކަނި ބެންޗެކެވެ.