ދުވަސްވީ ބަޔަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ އަށް ދައުވާކޮށްފި
ދުވަސްވީ ބަޔަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ އަށް ދައުވާކޮށްފި

އައްޑޫ މީދޫގައި އުމުރުން ދުވަސްވީ، ތިން އަންހެނަކު ރޭޕްކުރުމުގެ ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ދައުވާ ކުރަން ކޯޓަށް ފޮނުވައިފި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އިން ސ. މީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅީ ސ. މީދޫ، ޕްރިމްރޯސް، މުހައްމަދު ސިމްހާންގެ މައްޗަށް ދައުވާ ކުރުމަށެވެ. އަދި އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އެކެއްގެ މައްސަލަައިގަ އެވެ.

އޭނާގެ މައްޗަށް ކުރަނީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ އާއި، އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ޖިންސީ އަނިޔާއެއް ކުރުމުގެ ބޭނުމުގައި ހިފެހެއްޓުމުގެ ކުށުގެ ދައުވާ އެވެ. އަދި ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ ވެސް ވަނީ އުފުލައިފަ އެވެ.

އުމުރުން 30 އަހަރުގެ އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން މީދޫ މެޖިސްޓްރޭޓް ކޯޓަށް މި މަހުގެ 16 ގައި ގެންދިއުމުން އޭނާ ބަދަލުކުރީ ގޭބަންދަށެވެ. އެހެންވެ، އެ މައްސަލަ ހޫނުވެފައި ވަނިކޮށް، ޕީޖީ އޮފީހުން އެ މީހާގެ ގޭބަންދު އަމުރު އަންގާރަ ދުވަހު ކޯޓުގައި މުރާޖައާ ކުރުމުން ގޭބަންދުގެ ބަދަލުގައި ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދު ކުރަން އަންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މީހާގެ މައްޗަށް ކުރަނީ އުމުރުން 64 އަހަރާއި 65 އަހަރު އަދި 66 އަހަރުގެ ތިން އަންހެނުން ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތެވެ. މި މައްސަލާގައި އޭނާ ބަންދު ކުރީ މިިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.

ފުލުހުން ބުނި ގޮތުގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އޭނާ އުމުރުން 64 އަހަރުގެ މީހަކު ރޭޕް ކުރަން މަސައްކަތް ކުރި މައްސަލަ އެވެ. އަދި އެ މައްސަލަ ބެލުމުގެ ތެރޭގައި އޭނާ 24 ގަޑި އިރު ތެރޭ އިތުރު ދެ އަންހެނަކު ރޭޕް ކުރަން އުޅެފައިވާކަން ވެސް ތަހުގީގަށް އެނގުނު ކަމަށް ފުލުހުން ބުނެފައި ވެ އެވެ.