01 ޖޫން 2016 - 11:41

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ މަސައްކަތަށް ގެނައި ދަގަނޑު ހޮޅިތަކެއް ގުޅީފަޅު ފަރުމަތިން އަދިވެސް ނުނަގަ އެވެ. އެކަމަކު އެ ސަރަހައްދުގެ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެދުމަށް ފަހު އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަށް ހުށަހަޅައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް ހޮޅިތައް އެ ފަރުމަތީ ބަހައްޓާނެ އެވެ.
އީއައިއޭ ހަދަނީ މަސައްކަތެއް ކުރާއިރު އެ ސަރަހައްދަކަށް ތިމާވެށީގެ ގޮތުން ލިބިދާނެ ގެއްލުންތައް ބެލުމަށެވެ. ހައުސިން މިނިސްޓްރީން، ގުޅީފަޅު ސަރަހައްދުގެ އީއައިއޭ ހެދިއިރު ފަރުމަތީގައި ހޮޅިތައް ބެހެއްޓި މައްސަލާގައި ޝަކުވާ ބޮޑުވެ ކަމާ ގުޅޭ އިދާރާތަކުން ވެސް އަންނަނީ މައްސަލަ ބަލަމުންނެވެ.
މި މައްސަލާގައި ބައެއް އިދާރާތަކުން އަދި ވާހަކައެއް ނުދައްކަ އެވެ. އީޕީއޭ އާއި ހައުސިން މިނިސްޓްރީ ވެސް އޮތީ ހިމެނޭނުންނެވެ. އެކަމަކު އެނގިފައިވާ ގޮތުގައި، ބްރިޖްގައި ބޭނުންކުރަން ޗައިނާ އިން ގެންނަ ހޮޅިތައް ކުރިއަށް އޮތް ތަނުގައި ވެސް ފަރުމަތީގައި ބަހައްޓަން ޖެހިދާނެ އެވެ.
"މިހާރު" އަށް ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ "އެއީ އަދި އެކަން ކުރެވެން އޮތް ގޮތް" ކަމަށެވެ. ހޮޅިތައް ބެހެއްޓީ އެ ސަރަހައްދުގެ ހާލަތާއި ތިމާވެށީގެ ގޮތުން ލިބިދާނެ ކަންކަމަށް ވިސްނާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޮފިޝަލް މިހެން ވިދާޅުވި ނަމަވެސް ތިމާވެއްޓާ ބެހޭ ތަޖުރިބާކާރުންނާއި ތިމާވެއްޓަށް ލޯބިކުރާ މީހުން އެ މައްސަލަ ނަގަނީ "ވަރަށް ބޮޑު ކަމެއްގެ" ގޮތުގަ އެވެ.
ތިމާވެށީގެ ތަޖުރިބާކާރަކު ވިދާޅުވެފައި ވަނީ ފޮޓޯ އިން ފެންނަ ހޮޅިތައް ބަހައްޓާފައި ވަނީ ފަރުގެ ނާޒުކު ސަރަހައްދެއްގައި ކަމަށެވެ. އެއީ ފަރުގައި އެންމެ ގިނައިން ގާ ހެދޭ ސަރަހައްދު ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެ ހޮޅިތަކުގެ ސަބަބުން ފަރަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށެވެ.
"ފަރުގެ އެންމެ ގިނައިން ގާ ހެދޭ، ނާޒުކު ސަރަހައްދެއްގައި ހޮޅިތައް އެހެރީ. ގާތައް ހަލާކުވެ މަރުވުމުގެ ފުރުސަތު ބޮޑު،" އޭނާ ވިދާޅުވި އެވެ.
އެ މައްސަލާގައި ނުރުހުން ފާޅުކުރި ބައެއް މީހުން ދެކޭ ގޮތުގައި ފަރަށް ގެއްލުން ލިބޭ ގޮތަށް ހޮޅިތައް ބަހައްޓާފައިވާއިރު، އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި އީޕީއޭ އިން ފިޔަވަޅު އަޅަން ޖެހެ އެވެ. އެކަމަކު އެ މައްސަލާގައި އީޕީއޭ "ހިމޭނުން" އޮތުމުން ޒިންމާ އަދާނުކުރާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.