ޔޫކޭގައި ކޮވިޑް-19 ގެ އާ ވެކްސިނެއް އިންސާނުންނަށް ދީފި
ޔޫކޭގައި ކޮވިޑް-19 ގެ އާ ވެކްސިނެއް އިންސާނުންނަށް ދީފި

ލަންޑަން (ޖޫން 25) - ކޮވިޑް-19 އަށް އިނގިރޭސި ވިލާތުގައި އުފެއްދި އާ ވެކްސިނެއް އިންސާނުން ބޭނުންކޮށްގެން ޓެސްޓް ކުރަން ފަށައިފި އެވެ.

އޮކްސްފޯޑް ޔުނިވާސިޓީގެ ވެކްސިން އިންސާނުން ބޭނުންކޮށްގެން ޓެސްޓްކޮށްފައި ވަނިކޮށް، އިމްޕީރިއަލް ކޮލެޖުގެ ވެކްސިން 300 ވޮލަންޓިއަރުންނަށް ދޭން ވަނީ ނިންމައިފަ އެވެ. އެ ވެކްސިން ޖަނަވާރުންނަށް ދިނުމުން ވަނީ ނަތީޖާ ރަނގަޅު ކަމަށް ދައްކައިފަ އެވެ.

ކޮރޯނާވައިރަހަށް ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ދަނީ 120 އަށް ވުރެ ގިނަ ވެކްސިން ތައްޔާރު ކުރަމުންނެވެ. އޭގެ ތެރޭގައި އެމެރިކާ، ޔޫކޭ، އޮސްޓްރޭލިއާ، ޖަރުމަން އަދި ރަޝިޔާ ހިމެނެ އެވެ.

އިމްޕީރިއަލް ކޮލެޖުގެ ވެކްސިން ޓްރަޔަލްގައި ފުރަތަމަ ބައިވެރިވި، ފައިނޭންސް ދާއިރާގައި މަސައްކަތްކުރާ ކެތީ، 39، ބުނީ އޭނާ ވޮލަންޓިއާ ކުރީ ވައިރަހާ ދެކޮޅަށް ކުރާ މަސައްކަތުގައި ބައިވެރިވާން ކަމަށެވެ.

އިމްޕީރިއަލްގެ ފުރަތަމަ ފޭސް އަށް ފަހު، 6،000 މީހުންނާ އެކު ދެ ވަނަ ފޭސް ފަށާނީ އޮކްޓޯބަރު މަހު އެވެ. އިމްޕީރިއަލް ޓީމުން އުއްމީދު ކުރަނީ އަންނަ އަހަރުގެ ކުރީކޮޅު ވެކްސިން ފޯރުކޮށްދެވޭނެ ކަމަށެވެ.

ކޮރޯނާވައިރަސް މުޅި ދުނިޔޭގައި ފެތުރެން ފެށި ފަހުން މިހާތަނަށް 9,542,451 މީހުން ޕޮޒިޓިވްވި އިރު އެ ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 5,186,690 އެވެ. ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 485,280 އަށް އަރައިފަ އެވެ.