ޕާޓާގެ ވާޗުއަލް ފެސްޓިވަލްގައި ރާއްޖެ ބައިވެރިވެއްޖެ
ޕާޓާގެ ވާޗުއަލް ފެސްޓިވަލްގައި ރާއްޖެ ބައިވެރިވެއްޖެ

ޓޫރިޒަމް ދާއިރާ އަށް ހާއްސަކޮށްގެން ޕާޓާއިން ބާއްވާ "ޑްރީމް ޓު ޓްރެވަލް ފެސްޓިވަލް"ގައި ރާއްޖޭން ބައިވެރިވެއްޖެ އެވެ.

މި މަހުގެ 22ން ޖުލައި 17 އަށް ކުރިއަށްގެންދާ މި ފެސްޓިވަލްގައި ދުނިޔޭގެ އެކި ގައުމުތަކުން ބައިވެރިވާނެ އެވެ. އެހެންކަމުން ރާއްޖޭގެ ޓޫރިޒަމް އަލުން ހުޅުވާލާއިރު މި ފެސްޓިވަލްގެ ޒަރީއާއިން ދެކުނު އޭޝިއާގެ ގައުމުތަކަށް ރާއްޖެ އިޝްތިހާރު ކުރެވޭނެ ކަމަށް އެމްއެންޕީއާރުސީން ބުންޏެވެ.

އެމްއެމްޕީއާރުސީން ބުނީ މި ވާޗުއަލް ފެސްޓިވަލްގައި ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މަގުބޫލު ހަބަރުތަކާއި މަންޒަރުތައް ދައްކުވައިދޭ ހާއްސަ ޑިޖިޓަލް ޝޯރޫމެއް ހަދާފައިވާ ކަމަށެވެ. އަދި މި ފެސްޓިވަލްގައި ބައިވެރިވާ މީހުންނަށް ގޭމް ކުޅެގެން އިނާމް ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ. އެގޮތުން "ޑިސްކަވާ މޯލްޑިވްސް- ދަ ސަނީ ސައިޑް އޮފް ލައިފް"ގެ ނަމުގައި ކުއިޒެއް މާދަމާ ކުރިއަށްދާނެ އެވެ.

މީގެ އިތުރުން ޖުލައި 16 ވަނަ ދުވަހު އެއް ގަޑިއިރުގެ ލައިވް ސެޝަނެއް ވެސް ބޭއްވުމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. މި ސެޝަނުގައި ރާއްޖޭގެ ހާއްސަ ހަރަކާތްތަކާއި ރާއްޖެ އަންނަ ޓޫރިސްޓުންނަށް އުއްމީދީ މެސެޖުތައް ފޯރުކޮށްދޭނެ އެވެ.