އެއްޖިންސުން ގުޅުން ހިންގާ ކަމުގެ ތުހުމަތަށް މަކުނުދޫން މީހަކު ހައްޔަރުކޮށްފި
އެއްޖިންސުން ގުޅުން ހިންގާ ކަމުގެ ތުހުމަތަށް މަކުނުދޫން މީހަކު ހައްޔަރުކޮށްފި

ހދ. މަކުނުދޫގައި އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތަށް މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

އުމުރުން 29 އަހަރުގެ އެ ދިވެހި ފިރިހެން މީހާ މި މައްސަލައިގައި ހައްޔަރުކުރިއިރު، އެ ރަށުގައި އެއްޖިންސުން ގުޅުން ހިންގާ ބަޔަކު ހައްޔަރު ނުކޮށްގެން އިއްޔެ ވަނީ މުޒާހަރާ ކޮށްފަ އެވެ. އެ މީހުން މުޒާހަރާ ކުރީ އެއްޖިންސުން ގުޅުން ހިންގި ކަަމަށް ތުހުމަތު ކުރެވޭ މީހުންގެ ގޭދޮށުގަ އެވެ.

ފުލުހުން ބުނީ، އެއްޖިންސުން ގުޅުން ހިންގާ ކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ އިއްޔެ ހަވީރު ހައެއް ޖަހާކަންހާއިރު ކަމަށެވެ.

އެނގިފައިވާ ގޮތުގައި، މަކުނުދޫގެ ޒުވާން ދެ ފިރިހެނަކު ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް މީގެ ދެ ދުވަސް ކުރިން ވަނީ އާންމުވެފަ އެވެ. އެ ރަށުގައި މީހުން އެއްވެ އެކަމާ ދެކޮޅަށް އިއްޔެ މުޒާހަރާ ކުރީ ދެ ދުވަސްވީ އިރު ވެސް އެ މީހުންނާ މެދު ފިޔަވަޅު އަޅާފައި ނުވާތީ އެވެ.