25 ޖޫން 2020 - 12:21

ހުޅުމާލޭގައި ގާއިމްކުރާ "ކޯ ޝެއާޑް ކިޗަން ފެސިލިޓީ"ގައި ރަޖިސްޓްރީވުމުގެ ފުރުސަތު ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ހުޅުވާލައިފި އެވެ.
މި ފެސިލިޓީއަކީ ކާބޯތަކެތި އުފެއްދުމަށް ބޭނުންވާ ގިނަ ވަސީލަތްތަކެއް އެއްތަނަކުން ލިބެން ހުންނަ ފެސިލިޓީއެކެވެ. މި ފެސިލިޓީ އަޅަން ހަމަޖެހިފައި ވަނީ އެއްފަހަރާ ގިނަ ބަޔަކަށް ބޭނުންކުރެވޭ ގޮތަށް، ވަކި ސްޓޭންޑަޑަކަށް ފެތޭ ގޮތަށެވެ.
މިއީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ކާބޯތަކެތި އުފައްދާ މީހުންނަށް އަމާޒުކޮށްގެން ތަރައްގީ ކުރާ ފެސިލިޓީއެކެވެ. އެހެންކަމުން ޒުވާން ވިޔަފާރިވެރިންނާއި ގޭގައި ތިބެގެން ކާބޯތަކެތި ތައްޔާރުކުރާ އަންހެނުންނަށް މި ފެސިލިޓީ ހާއްސަ ކުރެވޭނެ ކަމަށް ބީސީސީން ބުންޏެވެ.
މި ފެސިލިޓީއަކީ ޔޫއެންޑީޕީގެ ސަސްޓެއިނަބަލް އިކޮނޮމިކް އެންޕަވަމެންޓް އެންޑް ޑިވެލޮޕްމަންޓް ފޯ އެސްއެމްއީޒް (ސީޑްސް) ޕްރޮޖްކްޓްގެ މާލީ އެހީގެ ދަށުން، އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމުގެ މަތިން ތަރައްގީ ކުރާ ފެސިލިޓީއެކެވެ.
މި ފެސިލިޓީގައި ރަޖިސްޓްރީވާން ބޭނުންވާ މީހުންނަށް ގޫގަލް ފޯމުގެ ޒަރީއާއިން ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. މި ފޯމު ޖުލައި ހަ ވަނަ ދުވަހުގެ މެންދުރު 3:00ގެ ކުރިން ލާންޖެހޭނެ ކަމަށް ބީސީސީން ބުންޏެވެ.