25 ޖޫން 2020 - 13:32

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ޓާޝަރީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތްތައް ފަށައިފި އެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލު ހެދުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ ވައުދުގެ ތެރޭގައި ރ. އުނގޫފާރު ސަރަހައްދީ ހޮސްޕިޓަލް ވެސް ހިމެނެ އެވެ.

އެ ހޮސްޕިޓަލްގެ ހެލްތު ސާވިސަސްގެ މެނޭޖަރު އިބްރާހިމް ޒަޔާން "މިހާރު" އަށް މިއަދު ވިދާޅުވީ، ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރަން ބޭނުންވާ އާ މެޝިންތައް އިއްޔެ ލިބިފައިވާ ކަމަށެވެ. އެ ތަކެތި އިންސްޓޯލްކުރަން އެސްޓީއޯގެ އިންޖިނިއަރުންތަކެއް މާދަމާ އެ ރަށަށް ދާނެ އެވެ.
"އިއްޔެ ލިބުނު މެޝިންތަކުގެ ތެރޭގައި އެންއައިސީޔޫ އަށް ބޭނުންވާނެ ތަފާތު މެޝިންތައް ހިމެނޭ،" ޒަޔާން ވިދާޅުވި އެެވެ.
އެ މެޝިންތައް އިންސްޓޯލްކޮށް ނިމުމުން އެ ޑިޕާޓްމެންޓުން މިހާރު ލިބެމުން އަންނަ ހިދުމަތްތަކަށް ގިނަ ކުރިއެރުންތަކެއް ލިބޭނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ޒަޔާން ވިދާޅުވީ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރަން ބޭނުންވާ އަޕްގްރޭޑްތައް ކުރަމުން އަންނަތާ ދެ ތިން މަސް ވެއްޖެ ކަމަށެވެ. އެ ހޮސްޕިޓަލަށް ބޭނުންވާ ސީޓީ މެޝިނެއް ގެންގޮސްފައިވާ އިރު އެ މެޝިން ބަހައްޓަން ކަނޑައަޅާފައިވާ ކޮޓަރި މަރާމާތުކުރުމުގެ މަސައްކަތް ވެސް، ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކުރުމުން މަޑުޖެހިގެން ދިޔައީ އެވެ.
"މިދިޔަ އޭޕްރިލް މަހު ސީޓީ ސްކޭންގެ ހިދުމަތް ދޭން ފަށަން އަޅުގަނޑުމެން ރޭވީ. ނަމަވެސް މާލެ ސަރަހައްދު ލޮކްޑައުންކުރުމުން ބޭނުންވާ އިންޖިނިއަރުންނަށް ރަށަށް ނާދެވޭ ގޮތް ވުމާއި އެހެނިހެން ކަންކަން ހުއްޓުމުން އެ މަސައްކަތް މަޑުޖެހުނު،" އޭނާ ވިދާޅުވި އެވެ.
މަސައްކަތް އަލުން ފެށުމުން ދެ ހަފްތާ ތެރޭގައި މަރާމާތުތައް ނިންމައި ސީޓީ ސްކޭންގެ ހިދުމަތް ދެވެން ފެށޭނެ ކަމަށް ޒަޔާން ވިދާޅުވި އެވެ.
މީގެ ކުރިން ރާވާފައިވަނީ ދެތިން އަހަރުގެ ތެރޭގައި އުނގޫފާރު ހޮސްޕިޓަލް، ޓާޝަރީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތް އެއްކޮށް ނިންމާށެވެ. ނަމަވެސް ކޮވިޑް-19 އާ ހެދި އެ މުއްދަތު އިތުރުވުން އެކަށީގެންވެ އެވެ.
ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ރަސްމީކޮށް އެތަން ހުޅުވަން ނިންމާފައިވަނީ އެކަމަށް ބޭނުންވާ ހުރިހާ މެޝިނެއް އިންސްޓޯލްކޮށް ނިންމުމަށް ފަހުގަ އެވެ.
ށ. އަތޮޅުގެ ބައެއް ރަށްރަށާއި ނ، ރ، ބ. އަދި ޅ. އަތޮޅުގެ ރަށްރަށުން ވެސް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން އަންނަނީ ހިދުމަތް ހޯދަމުންނެވެ. ކޮވިޑްއާ ގުޅިގެން ދަތުރުފަތުގެ ނިޒާމަށް އައި ބަދަލާ އެކު އެ ހޮސްޕިޓަލުން ދެމުން އައި ހިދުމަތްތައް ވެސް މެދުކެނޑުނެވެ. ނަމަވެސް އޯޕީޑީގެ ހިދުމަތްތައް ވެސް މިހާރު ވަނީ އަލުން ފަށާފައި ކަމަށް ޒަޔާން ވިދާޅުވި އެވެ.
"އެކަމަކު ކުރިއާ އެއްވަރަކަށް އަދިވެސް ހިދުމަތެއް ނުދެވޭ، ހާއްސަކޮށް ހަފްތާ ބަންދުގައި. އެހެން ނޫނީ ބުރާސްފަތި އަދި ހޮނިހިރު ދުވަހު ގާތްގަނޑަކަށް 400 ބަލި މީހުން ބަލަން. މިހާރު ދުވާލަކު މި ބަލަނީ 150 ބަލި މީހުން،" ޒަޔާން ވިދާޅުވި އެވެ.