25 ޖޫން 2020 - 12:27

ޅ. އަތޮޅު ތައުލީމީ މަރުކަޒުން، އެ ސްކޫލުގެ ހުރިހާ ދަރިވަރުންނަށް މާސްކް ބަހަން ނިންމައިފި އެވެ.

އެ ސްކޫލުގެ ޕީޓީއޭ އިން އިސްނަގައިގެން މިހާރު އަންނަނީ ފައުންޑޭޝަނުން ފެށިގެން ގްރޭޑު 12އާ ހަމައަށް ކިޔަވަމުން އަންނަ 519 ދަރިވަރުންނަށް މާސްކް ތައްޔާރުކުރަމުންނެވެ. ސްކޫލުގެ މުވައްޒަފުންނާއެކު 600 މާސްކް ފެހުމުގެ މަސައްކަތް އެބަ ކުރެ އެވެ.
ކޮވިޑް-19 ފެތުރޭތީ ސްކޫލުތައް ބަންދުކުރިތާ ގާތްގަނޑަކަށް ހަތަރު މަހަށް ފަހު އަންނަ ބުދަ ދުވަހު ސްކޫލުތައް ހުޅުވަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށް ފިޔަވައި އެހެން ރަށްރަށުގައި ގްރޭޑު 1-12 އަށް ކިޔަވައިދޭނެ އެވެ.
ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭ އިން ވާހަކަދެއްކި މީހަކު ބުނީ، މާސްކާއެކު ކޮންމެ ދަރިވަރަކަށް ވެސް، އެ ދަރިވަރުގެ ނަމާ އެކު މާސްކް ލާނެ ކުޑަ ދަބަހެއް ލިބޭނެ ކަމަށެވެ. އެ މަސައްކަތުގައި ހެނދުނު 10:00 އިން ފެށިގެން ރޭގަނޑު 10:30 ވަންދެން ގިނަ ބަޔަކު ބައިވެރިވަމުން އަންނަކަން އޭނާ ފާހަގަކުރި އެވެ.
އެ އަތޮޅު ހިންނަވަރުގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ ބެލެނިވެރިން ވަނީ، ދަރިވަރުންގެ މާސްކް ފަހާނެ މިން ފޮނުވައިފަ އެވެ. ވިލުނޫ ކުލައިގެ މާސްކް ތައްޔާރުކުރަނީ އެ މިނަށެވެ. މިކަމަށް ބޭނުންވާ ފޮތި ވެސް ހޯދާފައިވަނީ، ޕީޓީއޭ އިން އަމިއްލައަށް މަސައްކަތްކޮށްގެން ހޯދި ރުފިޔާއިންނެވެ.
ސްކޫލުތައް ފެށުމުގެ ކުރިން، ދަރިވަރުންނަށް މާސްކްތައް ބަހައި ސްކޫލަށް ދާ ފުރަތަމަ ދުވަހު ހުރިހާ ދަރިވަރުން ވެސް އެ މާސްކް އަޅަން ވަނީ އެދިފަ އެވެ.
"ކޮންމެ ކުއްޖަކު ވެސް އިތުރު މާސްކެއް ސްކޫލަށް ގެންދަން ޖެހޭއިރު، ގިނަ ދަރިން ތިބި މީހުންނަށް އެކަން ކުރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެ. އެހެންވެ އެފަދަ މީހުންނަށް ފަސޭހަކޮށްދިނުމަށް މާސްކް މި ފަހަނީ،" ޕީޓީއޭއިން ވާހަކަދެއްކި މީހާ ބުންޏެވެ.
"ތިން ވަނަ ދުވަސް މިއީ އެކަމުގައި އުޅޭތާ. ބެލެނިވެރިންނާއި ސްކޫލު މެނޭޖްމަންޓުގެ ފަރާތުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް އެބަ ލިބޭ،"