ރޯވެދާނެ: ސެނިޓައިޒާ ފުޅި ކާރުތެރެއަށް ދޫކޮށްނުލާތި!
ރޯވެދާނެ: ސެނިޓައިޒާ ފުޅި ކާރުތެރެއަށް ދޫކޮށްނުލާތި!

ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި، ދާ ކޮންމެ ތާކަށް ސެނިޓައިޒާ ފުޅިއެއް ވެސް ގެންދަނަ ޖެހެ އެވެ. އެހެންވެ އަބަދު ވެސް ޖީބަށް ނުވަތަ ގެންގުޅޭ އަތްދަބަހަށް ލެވޭ ވަރުގެ ކުޑަކުޑަ ފުޅިއެއް ގެންގުމަކީ ފަސޭހަކަމަކަށް ވެދާނެ އެވެ.

ރޯވެދާނެ: ސެނިޓައިޒާ ފުޅި ކާރުތެރެއަށް ދޫކޮށްނުލާތި!
ރޯވެދާނެ: ސެނިޓައިޒާ ފުޅި ކާރުތެރެއަށް ދޫކޮށްނުލާތި!

ސެނިޓައިޒާ ގެންގުޅޭ އިރު ސަމާލުވާން ޖެހޭނެ އެވެ. މިސާލަކަށް، ކާރުތެރެ އަށް ފުޅި ދޫކޮށްނުލަން ހަނދާން ބަހައްޓާށެވެ. ވަކިން ހާއްސަކޮށް ހޫނު ގަދަ ދުވަހެއް ނަމަ އެވެ. އަދި ގިނަ އިރުތަކެއް ވަންދެން ކާރު ޕާކްކޮށްްފައި ބާއްވާ ނަމަ އެކަމަށް އިތުރަށް ސަމާލުވާން ޖެހޭނެ އެވެ.

އެއީ ކީއްވެގެން ހެއްޔެއެވެ؟

އިނގިރޭސިވިލާތުގެ ނެޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) އިން ބުނި ގޮތުގައި ބާޒާރުގައި ވިއްކަން ހުންނަ ގިނަ ހޭންޑް ސެނިޓައިޒާ އަކީ އަލްކޮހޮލް-ބޭސްޑް އެއްޗިއްސަށްވާތީ ހޫނު ގަދަ ދުވަހެއްގައި ކާރުތެރެ އަށް ސެނިޓައިޒާ ފުޅިއެއް ދޫކޮށްލައިފި ނަމަ ހޫނުގެ ސަބަބުން ސެނިޓައިޒާ މާ ބޮޑަށް ދިޔާވެ، ފުޅިން އޭގެ އަސަރު ބޭރަށް ނުކުންނަން ފަށާނެ އެވެ. އަދި މީގެ ސަބަބުން އަލިފާން ރޯވުމުގެ ފުރުސަތު ވެސް ބޮޑުވެ އެވެ.

މިފަދަ ބައެއް ހާދިސާތައް އިނގިރޭސިވިލާތުގެ ފަޔާ އިންޑަސްޓްރީ އެސޯސިއޭޝަނަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ. އެހެންވެ މިކަން އާންމުންގެ ސަމާލުކަން ގެންނަ އެ އެޖަމިއްޔާ އާއި އެންއެޗްއެސް އިން ނެރުނު އެލާޓްގައި ވަނީ ހޫނު ގަދަ ދުވަސްދުވަހު ކާރުތެރެ އަށް ސެނިޓައިޒާ ފުޅި ދޫކޮށްނުލަން ހަނދާނުގައި ބެހެއްޓުމަށް އެދިފަ އެވެ.

އެލާޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ކާރުގެ ބޭރުގެ ފިނިހޫނުމިން 25 ޑިގްރީ ސެލްސިއަސްގައި ހުރި ނަމަ އެތެރޭގެ ފިނީހޫނުމިން 55 ޑިގްރީ އަށް އަރާނެ އެވެ. އެހެންވެ އެންމެ ރައްކާތެރި ގޮތަކީ ކާރުން ފައިބާ އިރު، ކާރު ތެރޭގައި ސެނިޓައިޒާ ފުޅި ނުބޭއްވުމެވެ.