24 ޖޫން 2020 - 22:43

ކައިވެންޏަށް އެންމެ ހަތަރު ދުވަހުގައި އުމުރުން 19 އަހަރުގެ ޒުވާން އަންހެނަކު މިއަދު މަރުވެއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ގދ. ތިނަދޫގެ މީހަކާ ކައިވެނި ކުރި ގދ. ފިޔޯރީ، އިންމާ އިބްރާހިމް 19، މަރުވީ އިތުރު ފަރުވާ އަށް ތިނަދޫން މިއަދު މެންދުރު މާލެ ގެންނަން ކާޑެއްދޫ އެއާޕޯޓަށް ގެންގޮސް މަތިންދާބޯޓަށް ވެސް އެރުވި ފަހުންނެވެ. ބޯޓަށް އެރުވި ފަހުން، އޭނާގެ ހިތުގެ ހިނގުން ދަށްވާން ފެށުމުން ބޯޓު ނައްޓައެއް ނުލަ އެވެ. ނަމަވެސް އިންމާގެ ފުރާނަ ސަލާމަތް ކުރެވޭތޯ 45 ވަރަކަށް މިނިޓު ވަންދެން ބޯޓުގައި ވެސް ސީޕީއާރު ދިން ކަމަށް ވެ އެވެ.
އާއިލާ އިން "މިހާރު" އާ ވާހަކަ ދެއްކި އިންމާގެ ދައްތައަކު ކިޔައިދިން ގޮތުގައި، އިންމާގެ ހާލު ގޯސްވިކަން އެނގުނީ އިއްޔެ ހެނދުނުގެ ސަޔަށް ފަހު، ފެންވަރަން ވަދެ، ލަސްވެގެން ބެލުމުންނެވެ. އިންމާ އޭރު އޮތީ ކޮޓަރީގެ އެނދުމައްޗަށް ވެއްޓިފައި ކަމަަށް އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އިންމާ ކައިވެނިކުރީ ތިނަދޫ ޒުވާނަކާ ކަމަށް ވިޔަސް އާއިލާގެ އެންމެން އުޅެނީ މާލޭގަ އެވެ. އެނގިފައިވާ ގޮތުގައި އިންމާ މަރުވީ، ކައިވެންޏަށް އާއިލާގެ އެންމެން ތިނަދު އަށް ގޮސް ތިއްބަ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އިންމާ އަށް އައިސީޔޫގައި ފަރުވާ ދޭން ފެށި ޚަބަރު ލިބުމާ އެކު، އޭނާގެ މަންމަގެ ހާލު ދެރަވެ ފިޔޯރީ ހޮސްޕިޓަލުގައި ވަނީ އެޑްމިޓުކޮށްފަ އެވެ.
އިންމާ އަކީ ތިން އަންހެން ކުދިން ތިބޭ އެ އާއިލާގެ އެންމެ ދޮށީ މީހާ އެވެ.
ތިނަދޫގައި ނަރުސް ކޯސް ހަދަމުން އައި އިންމާ ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިއުމުން، އެ ތަނުން އެންމެ ފުރަތަމަ ބުނީ ފިޓު ޖެހުނީ ކަމަށެވެ. އޭގެ ފަހުން އެންގީ ސްޓްރޯކެއް ޖެހުނީ ކަމަށް ހޮސްޕިޓަލާ ހަވާލާދީ، އާއިލާ އިން ބުންޏެވެ.
އެކަމަކު، އެއީ ދުވަހަކު ވެސް އެކަހަލަ އެއްވެސް ކަމެއް ވީ މީހެއް ނޫން ކަމަށާއި ބޮޑު ބައްޔަކަށް ވެސް އަދި ދިގު މުއްދަތަކަށް ބޭސްކޮށްފައި ނުވާނެ ކަމަށް އާއިލާ އިން ބުނެ އެވެ.
"ކޮއްކޮގެ އުމުރުން 19 އަަހަރު ވީ. އެންމެ ގިނަ ދުވަހަކަށް ވެސް ބޭސް ކޮށްފައި ހުންނާނީ ދެ ދުވަހަކަށް ހުމެއް އައިސްގެން. ދުވަހަކު ވެސް ފިޓު ޖެހި ކަމެއްވި ކުއްޖެއް ނޫން. ހެނދުނާ ހަމައަށް ވެސް ހުރީ ހަމަ ރަނގަޅަށް،" އިންމަގެ ދައްތަ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ތިނަދޫ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ފެށުމާ އެކު، އިންމާ މާލެ ގެންނަން ވެސް އާއިލާ އިން މަސައްކަތް ކުރި އެވެ.
"މާލެ ގެންދަން ބުނީމަ ބުނީ އެއްވެސް ވަރަކަށް ސިކުނޑި މަސައްކަތެއް ނުކުރެއޭ. ދެން ކުޑަކޮށް މަސައްކަތް ކުރަން ފެށީމާ ދަތުރު ހަމަޖެއްސީ ވެސް،" އޭނާ ބުންޏެވެ.
މިކަމާ ގުޅިހެން ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އިންމާގެ ޖަނާޒާގެ ކަންކަން މިރޭގެ އިޝާ ނަމާދަށް ފަހު ފިޔޯރީގައި ވަނީ ބާއްވައިފަ އެވެ.