އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބުނާ ބަޔަކު ހައްޔަރު ނުކޮށްގެން މުޒާހަރާ ކުރަނީ
އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބުނާ ބަޔަކު ހައްޔަރު ނުކޮށްގެން މުޒާހަރާ ކުރަނީ

އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނާ ބަޔަކު ހައްޔަރު ނުކޮށްގެން، ހދ. މަކުނުދޫގައި ޒުވާނުންތަކެއް މުޒާހަރާ ކުރަން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި، އެ ރަށުގެ ދެ ޒުވާން ދެ ފިރިހެނުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް މީގެ ދެ ދުވަސްކުރިން ވަނީ ލީކުވެފަ އެވެ. މަކުނުދޫގެ މީހުން ރުޅި އައީ، ދެ ދުވަސް ވީއިރު ވެސް އެ މީހުން ހައްޔަރު ނުކޮށްގެންނެވެ.

މަކުނުދޫގެ ޒުވާނުންތަކެއް އަންނަނީ މިއަދު ހަވީރުއްސުރެ، އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. ބޯޑުތައް ހިފައިގެން، އެ މީހުން މުޒާހަރާ ކުރަމުން ދަނީ އެކަމަށް ތުހުމަތު ކުރެވޭ މީހުންގެ ގޭދޮށުގަ އެވެ. އެ ސަރަހައްދުގައި ފުލުހުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

"ފުލުހުން ބުނަނީ ހެކި ދެއްކުމުން ކަމަށް ހައްޔަރު ކުރެވޭނީ. ވީޑިއޯ އިން ވަރަށް ރަނގަޅަށް ފެނޭ އެކަން ކުރި މީހުން. ދެން ހައްޔަރު ނުކުރެވެން ޖެހޭ ސަބަބެއް ނޭނގޭ،" މުޒާހަރާގައި ބައިވެރިވި މީހަކު ބުންޏެވެ.

"އަޅުގަނޑުމެން މިކަން ހުއްޓާލާނީ އެ މީހުން ހައްޔަރު ކުރުމުން."

މިކަމާ ގުޅޭގޮތުން ފުލުުހުންގެ ފަރާތުން އަދި ބަހެއް ނުލިބެ އެވެ.

މިދިޔަ މަހުގެ ތެރޭގައި އުތުރުގެ ރަށެއްގައި، 16 އަހަރުގެ ފިރިހެން ކުއްޖަކާ ޖިންސީ ގޯނާކުރި ފިރިހެނަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާއިރު، އުތުރުގެ އެހެން ރަށެއްގައި ގުރުއާން ޓީޗަރަކު އޭނާގެ ހަ ދަރިވަރަކާ ޖިންސީ ގުޅުން ހިންގި ކަމަށް ބުނާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.