ނިއު ރޭޑިއަންޓް އަތުގައި އޮތް ރެކޯޑް ބެންގަލޫރަށް
ނިއު ރޭޑިއަންޓް އަތުގައި އޮތް ރެކޯޑް ބެންގަލޫރަށް

އޭއެފްސީ ކަޕުގެ ފައިނަލުން އިންޑިއާގެ ބެންގަލޫރު އެފްސީ ޖާގަ ހޯދުމާ އެކު މުބާރާތުގައި އެންމެ ބޮޑު ކާމިޔާބެެއް ހޯދި ދެކުނު އޭޝިއާގެ ޓީމުގެ ޝަރަފް ރާއްޖޭގެ ނިއު ރޭޑިއަންޓް އަތުން ގެއްލިއްޖެ އެވެ.

އޭޝިއާގެ ދެ ވަނަ ފަންތީގެ ކްލަބް މުބާރާތުން ދެކުނު އޭޝިއާގެ ކްލަބެއް މިހާތަނަށް ހޯދި އެންމެ މަތީ ވަނަ އަކީ 2005 ވަނަ އަހަރުގެ މުބާރާތުން ނިއު ރޭޑިއަންޓް ތިން ވަނަ ހޯދުމެވެ. އޭގެ ފަހުން 2008 ވަނަ އަހަރު އިންޑިއާގެ ޑެމްޕޯ އަދި 2013 ވަނަ އަހަރު އިންޑިއާގެ އީސްޓް ބެންގާލް ސެމީ ފައިނަލުން ޖާގަ ހޯދި ނަމަވެސް ލިބިފައިވަނީ ހަތަރު ވަނަ އެވެ.

ބެންގަލޫރަށް މި ފަހަރުގެ މުބާރާތުން ދަށްވެގެން ދެ ވަނަ ލިބޭނެކަން ކަށަވަރުވެފައިވާތީ އެ ޓީމަށް މިހާރު ވެސް ވަނީ މުބާރާތުގައި ދެކުނު އޭޝިއާގެ އެންމެ ކާމިޔާބު ޓީމުގެ ޝަރަފް ލިބިފަ އެވެ. ރާއްޖެ އާއި އިންޑިއާ ފިޔަވައި ދެކުނު އޭޝިއާގެ އެހެން ގައުމެއްގެ ކްލަބަކަށް މިހާތަނަށް މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ދެވިފައެއް ނުވެ އެވެ. ނިއު ވަނީ 2013 ވަނަ އަހަރު މުބާރާތުގެ ކުއާޓާ ފައިނަލުގައި ވެސް ވާދަކޮށްފަ އެވެ.

ބެންގަލޫރުން ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި ރޭ މެލެޝިއާގެ ޖޭޓީޑީ އަތުން 3-1 އިން މޮޅުވެ ދެ ލެގުގެ އެގްރިގޭޓުން 4-2 އިން ކުރި ހޯދައިފަ އެވެ. މެލޭޝިއާގައި ކުޅުނު ލެގު 1-1 އިން އެއްވަރުވި އިރު ރޭ އަމިއްލަ ދަނޑުގައި ކުޅެ ބެންގަލޫރު މޮޅުވިއިރު މުހިއްމު ދައުރެއް އަދާކުރީ ސުނިލް ޗެތުރީ އެވެ.

މެޗުގެ 11 ވަނަ މިނެޓުގައި ޖޭޓީޑީގެ މުހައްމަދު ސަފީގް ރަހީމް ލީޑު ނަގައިދީފައިވަނިކޮށް ބެންގަލޫރު ފަހަތުން އަރައި މޮޅުވީ އިންޑިއާ ގައުމީ ކެޕްޓަން ޗެތުރީގެ ދެ ލަނޑާ އެކު އެވެ. ފަހު ލަނޑު ޖެހީ ޖުއަނަން އެވެ.

މުބާރާތުގެ ފައިނަލުގެ އަންނަ މަހުގެ 5 ވަނަ ދުވަހު ބެންގަލޫރު ނުކުންނާނީ އިރާގުގެ އަލް-ގުވާ އަލް-ޖަވިޔާއާ ދެކޮޅަށެވެ. އެ ޓީމު ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުން ލުބްނާނުގެ އަލް-އަހަދު އަތުން މޮޅުވެގެންނެވެ.