24 ޖޫން 2020 - 18:42

މާލެ އިން ފުރައިގެން މި މަހުގެ 17 ގައި ފުވައްމުލަކަށް ދިޔަ ބޯޓެއް، އެ ރަށު ކައުންސިލުން ކަރަންޓީނު ކުރުމުން އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅައިފި އެވެ.
ފުވައްމުލަކަށް މުދާ އުފުލާ "ނިރްވާނާ ބޯޓު" އެ ސިޓީ އަށް ބަނދަރު ކުރުމުން، ސިޓީ ކައުންސިލުން ވަނީ ބޯޓު ކަރަންޓީނު ކުރި ކަމަށް އަންގައި، އޭގައި ލިޔުމެއް ހަރުކޮށްފަ އެވެ. އެކަމަކު އެއީ ގަވައިދާ ހިލާފު އަމަލެއް ކަމަށް އެ ބޯޓުގެ ވެރިފަރާތުން ބުނެ، ކޯޓަށް މައްސަލަ ހުށަހެޅީ އެވެ.
ވެރިފަރާތުން ބުނަމުން ދިޔައީ ސިޓީ ކައުންސިލުން އެގޮތަށް އެންގީ، ކޮވިޑް-19އާ ގުޅިގެން ރަށްރަށުގައި އެޅި ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތައް އުވައިލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގި ފަހުން ކަމަށެވެ. އެޗްޕީއޭގެ އެ އެންގުމާ ހިލާފަށް ބޯޓު ކަރަންޓީނު ކުރުމަކީ ކައުންސިލަށް ލިބިގެންވާ ބާރެއް ނޫން ކަަމަށް ވެސް ދައުވާކުރި، ބޯޓުގެ ވެރިފަރާތުން ބުނެފައި ވެ އެވެ.
ވެރިފަރާތުން ބުނިގޮތުގައި މި ގޮތަށް ކަރަންޓީނު ކުރުމުން، ކުރިން 17 ނުވަތަ 18 ދުވަހުން ކުރާ ދަތުރުތައް މިހާރު ނިންމައިލެވެނީ މަހަކަށް ވުރެ ގިނަ ދުވަހުންނެވެ. މިއީ މާލީ ގޮތުން ވެސް ލިބޭ ބޮޑު ގެއްލުމެއް ކަމަށާއި ރަށުގައި ތިބެ، އާއިލާއާ ވަކިން ކަރަންޓީނު ކުރުމަކީ ފަޅުވެރިންނަށް ނަފްސާނީ ގޮތުން ވެސް އަސަރު ކުރާނެ ކަމަށް ބުނެފައި ވެ އެވެ.
ދައުވާގައި ބުނީ، އެއީ ރަށަށް ކާބޯތަކެއްޗާއި މުދާ ހިފައިގެން ދަތުރުކުރާ ބޯޓަކަށް ވާތީ، އެގޮތަށް ދަތުރު ދިގު ދަންމައިލުމަކީ ރައްޔިތުންނަށް ވެސް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށެވެ. އެހެންވެ، ފުލުހުން މެދުވެެރިކޮށް އެ ނޯޓިސް ނެގުމަަށް ދައުވާގައި ވަނީ އެދިފަ އެވެ.
އެކަމާ ގުޅޭގޮތުން ސިޓީ ކައުންސިލުން ކޯޓުގައި ބުނީ ބޯޓު ކަރަންޓީނު ކުރީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ކަމަށެވެ. ރަށްރަށުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ބާތިލް ކުރި ކަމަށް އެޗްޕީއޭ އިން އެންގި ނަމަވެސް، އެހެން އެންގުމެއްގައި، މާލެ ދަތުރުކުރާ އުޅަނދުތައް ކަރަންޓީނު ކުރުމުގެ ބާރު އެޗްޕީއޭ އިން ދީފައިވާ ކަމަށް، ފުވައްމުލަކު ސިޓީ ކައުންސިލުން ބުންޏެވެ.
ތިން އަޑުއެހުމަކަށް ފަހު މައްސަލަ ނިމުނީ ބޯޓުގެ ވެރިފަރާތުގެ ކޮޅަށެވެ.
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ބުނީ، މާލެ އިން ހުއްދަ ހޯދައިގެން ރަށަށް ދާ އުޅަނދުތައް ކަރަންޓީނު ނުކުރާނެ ކަމަށް ކައުންސިލުން ބުނެފައިވާއިރު، "ނިރުވާނާ" ބޯޓު ރަށަށް ދިޔައީ ކަމާ ބެހޭ އިދާރާތަކުގެ ހުއްދަތައް ނަގައިގެން ކަން އެނގިފައިވާ ކަމަށެވެ. މިހާރު އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، އެއްވެސް ރަށަކަށް އަރާ ފޭބުމުން މަނާ ކުރުމުގެ ހުއްދަ، ގާނޫނީ ގޮތުން ބާރު ލިބިފައިވާ ފަރާތްތަކުން ނުދެނީސް ކައުންސިލްތަކަށް އެކަން މަނާ ނުކުރެވޭނެ ކަމަށް ބުނެފައި ވެ އެވެ.
އެހެންވެ، ފުވައްމުލަކު ކޯޓުން މައްސަލަ ނިންމީ، ސިޓީ ކައުންސިލުން ނިރުވާނާ ބޯޓުގައި ހަރުކޮށްފައިވާ ކަރަންޓީނު ނޯޓިސް ނެގުމަށް ފުލުހުންގެ މައްޗަށް އަމުރުކުރަމުންނެވެ.