ލަންކާ އިން މިހާތަނަށް 100،000 ޕީސީއާރް ޓެސްޓް ހަދައިފި
ލަންކާ އިން މިހާތަނަށް 100،000 ޕީސީއާރް ޓެސްޓް ހަދައިފި

ކޮލަމްބޯ (ޖޫން 24) - ސްރީ ލަންކާ އިން މިއަދާ ހަމައަށް 100،000 ޕޮލިމަރޭޒް ޗެއިން ރިއެކްޝަން (ޕީސީއާރް) ޓެސްޓް ހަދާފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓަރު ޕަވިތުރާ ވަންނިއަރައްޗީ ވިދާޅުވެއްޖެ އެވެ.

އެކަމަނާ ވިދާޅުވީ އަންގާރަ ދުވަހުގެ ނިޔަލަށް ލަންކާގައި ހަދާފައި ވަނީ 98,634 ޕީސީއާރް ޓެސްޓް ކަމަށެވެ. އަދި އެއް ލައްކަ ޓެސްޓް ފުރިހަމަވީ މިއަދު ކަމަށް ވިދާޅުވި އެވެ.

ކޮރޯނާވައިރަހަށް ޓެސްޓް ކުރުމަށް ލަންކާގައި މިއަދު ވަނީ އާ ލެބެއް ވެސް ހުޅުވައިފަ އެވެ. މިއްލެރިޔަވާގައި ހުޅުވި އެ ލެބުން ދުވާލަކު 500 ޓެސްޓް ހެދޭނެ ކަމަށް އޮފިޝަލުން ބުންޏެވެ.

ސްރީ ލަންކާ އިން މިހާތަނަށް ވަނީ 1،991 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 11 މީހުން މަރުވެފަ އެވެ. އިއްޔެ ވަނީ 40 މީހުން ޕޮޒިޓިވްވެފަ އެވެ. ލަންކާގައި ބަލިން ރަނގަޅުވެފައި ވަނީ 1،561 މީހުންނެވެ. އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ 418 މީހުންނެވެ.

ކޮރޯނާވައިރަސް ފެތުރޭތީ ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅުތައް ލަންކާ އިން މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އަދި އަންނަ އޮގަސްޓް މަހުން ފެށިގެން ބޯޑަރު ހުޅުވާލައި ޓޫރިޒަމް ވެސް ފަށަން ވަނީ ނިންމައިފަ އެވެ.