24 ޖޫން 2020 - 14:35

ނިއު ދިއްލީ (ޖޫން 24) - ޖާސޫސްކުރާ ކަމުގެ ތުހުމަތާ އެކު، ނިއު ދިއްލީގައި ހުންނަ ޕާކިސްތާން ހައި ކޮމިޝަނުގައި މަސައްކަތް ކުރާ ދެބައިކުޅަ އެއްބައި ޑިޕްލޮމެޓުން ފޮނުވާލަން އިންޑިއާ އިން ނިންމައިފި އެވެ.
އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނީ އިސްލާމްއާބާދުގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުގެ ސްޓާފުންގެ އަދަދު ވެސް ދެބައިކުޅަ އެއްބަޔަށް މަދުކުރާނެ ކަމަށެވެ.
މީގެ ތިން ހަފުތާއެއްހާ ދުވަސްކުރިން ޕާކިސްތާން ހައި ކޮމިޝަނުގެ ދެ ސްޓާފަކު އިންޑިއާ އިން ފޮނުވާލުމާ ގުޅިގެން ދެ ގައުމުގެ ހީނަރުވެފައިވާ ގުޅުން އިތުރަށް ވަނީ ގޯސްވެފަ އެވެ. އެ ދެ ސްޓާފުންގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ އިންޑިއާ ސިފައިންގެ ހަރަކާތްތަކާ ގުޅޭ މައުލޫމާތު ހޯދަން އުޅުމެވެ.
ޕާކިސްތާނުގައި މަސައްކަތް ކުރާ އިންޑިއާގެ ދެ ޑިޕްލޮމެޓަކު ވަގަށް ނެގި ކަމަށް ނިއު ދިއްލީން މިދިޔަ ހަފުތާގައި ތުހުމަތުކޮށްފައިވެ އެވެ. ނަމަވެސް ޕާކިސްތާނުން ބުނެފައި ވަނީ އެ ޑިޕްލޮމެޓުން ނުގެއްލޭ ކަމަށާއި އެ ދެ މީހުން ފުލުހުން ހައްޔަރު ކުރީ މަގުމަތިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ކާރުންޖެހި ހިނގި އެކްސިޑެންޓަކާ ގުޅިގެން ކަމަށެވެ. ޕާކިސްތާން ފުލުހުން ބުނެފައި ވަނީ އެ މީހުން ވަނީ އެކްސިޑެންޓަށް ފަހު ފިލަން މަސައްކަތްކޮށްފައި ކަމަށެވެ. ނަމަވެސް އެ މީހުންގެ ޑިޕްލޮމެޓިކް ހައިސިއްޔަތަށް ބަލައި ދޫކޮށްލާފައި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނެފައި ވަނީ ޕާކިސްތާނުން ހައްޔަރު ކުރި ދެ ޑިޕްލޮމެޓުން ހޯމަ ދުވަހު އަނބުރާ ގެނެސްފައިވާ ކަމަށާއި ޕާކިސްތާން ފުލުހުން އަމަލު ކުރި ދަށު ދަރައިގެ ގޮތްތައް އެ ދެ ސްޓާފުން ކިޔައިދީފައިވާ ކަމަށެވެ.
"ޕާކިސްތާނުން އަމަލުކޮށްފައި ވަނީ ވިއެނާ ކޮންވެންޝަނާއި ކޮންސިއުލާ އޮފިޝަލުންނާ މެދު އަމަލު ކުރުމަށް ދެ ގައުމުން އެއްބަސްވެފައިވާ ގޮތާ ޚިލާފަށް. އެހެންވެ އިންޑިއާ އިން ނިންމާފައި ވަނީ ނިއު ދިއްލީގައި ހުންނަ ޕާކިސްތާން ހައި ކޮމިޝަނުގެ ސްޓާފުންގެ އަދަދު 50 ޕަސެންޓަށް މަދުކުރުމަށް،" ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.