25 ޖޫން 2020 - 08:01

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އުފައްދާފައިވާ، ބަތަލާ ޖާންވީ ކަޕޫރްގެ ފިލްމު "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" ގެ ޑިޖިޓަލް ރައިޓްސް ނެޓްފްލިކްސް އަށް ވިއްކައިލީ 70 ކްރޯޑް ރުޕީސް (9 މިލިއަން ޑޮލަރު) އަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި އެއްބަސްވުން ހަދާފައިވާކަން އިއުލާންކުރީ މި މަހުގެ 9 ވަނަ ދުވަހު އެވެ. ކޮވިޑް-19 ފެތުރޭތީ އިންޑިއާގައި އިއުލާންކުރި ލޮކްޑައުންއާ ހެދި ސިނަމާތައް ބަންދުކުރަން ޖެހި، އަލުން ހުޅުވޭނެ އިރެއް ވެސް ނޭނގޭތީ "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" ނެޓްފްލިކްސް އިން ޕްރިމިއާކުރަން ނިންމައި ޓީޒާއެއް ވެސް ވަނީ ދައްކާލައިފަ އެވެ. ނަމަވެސް ޕްރިމިއާކުރާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.
މި ފިލްމަކީ ކަރަންގެ ދަރުމާ އިން ޑިޖިޓަލްކޮށް ޕްރިމިއާކުރާ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ ދާދި ފަހުން މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތާއި ޖެކްލިން ފެނަންޑޭޒާ އެކު މިދިޔަ އަހަރު ގެނެސްދިން "ޑްރައިވް" އެވެ.
މީގެ އިތުރުން މި އަހަރުގެ ޖެނުއަރީ މަހު ދަރުމާގެ ޑިޖިޓަލް ގޮފި ދަރުމެޓިކް އެންޓަޓައިންމަންޓްގެ ފިލްމު "ގިލްޓީ" ނެޓްފްލިކްސް އިން ސްޓްރީމްކޮށްފައިވެ އެވެ. އެ އުފެއްދުމަކީ ދަރުމާ އާއި ނެޓްފްލިކްސް ގުޅިގެން ޑިޖިޓަލް ކޮންޓެންޓްތައް ގެނެސްދޭން ހެދި އެއްބަސްވުމުގެ ދަށުން ގެނެސްދިން ފުރަތަމަ ފިލްމެވެ.
ނެޓްފްލިކްސް އަށް "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" ގެ ޑިޖިޓަލް ރައިޓްސް ވިއްކައިލި އިރު، އެ ފިލްމަކީ ގާތްގަނޑަކަށް 30 ކްރޯޑް ރުޕީސް (4 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.
ކުރިން މިދިޔަ އެޕްރީލް މަހުގެ 24 ގައި ރިލީޒްކުރަން ނިންމި އެ ފިލްމަކީ ޝަރަން ޝަރުމާ ޑައިރެކްޓްކޮށްފައިވާ ބައޮގްރަފިކަލް ފިލްމެކެވެ.
މީގައި ކިޔައިދޭނީ އިންޑިއާގެ އަސްކަރިއްޔާގެ ފުރަތަމަ އަންހެން ޕައިލެޓް ގުންޖަންގެ ވާހަކަ އެވެ. އެގޮތުން 1999 ގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ކުރި ކަރްގިލް ހަނގުރާމައިގައި އަސްކަރީ އޮފިސަރުން ހެލިކޮޕްޓަރެއްގައި އުފުލަން ގުންޖަން ކުރި މަސައްކަތް ފިލްމުގައި ދައްކުވައިދޭނެ އެވެ.
ސިނަމާތައް ބަންދުކުރަން ޖެހުމާ ގުޅިގެން މި އަހަރު ވަރަށް ގިނަ ފިލްމުތަކެއް ޑިޖިޓަލްކޮށް ޕްރިމިއާކުރާނެ ކަމަށް ބެލެވެ އެވެ.
އެގޮތުން މި އަހަރު ޑިޖިޓަލް ޕްރިމިއާއަކަށް ދިޔަ ފުރަތަމަ ފިލްމަކީ މި މަހުގެ 12 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރި އަމީތާބް ބައްޗަނާއި އަޔޫޝްމަން ކްރާނާގެ "ގުލާބޯ ސިތާބޯ" އެވެ. ރިޕޯޓްތައް ބުނާގޮތުން އެ ފިލްމުގެ ޑިޖިޓަލް ރައިޓްސް ވިއްކީ 65 ކްރޯޑް ރުޕީސް (8 މިލިއަން ޑޮލަރު9 އަށެވެ.