20 އޮކްޓޯބަރ 2016 - 10:57

ޓާޓާ ފްލެޓްތަކަށް ހޮވުނު އެންމެން ބައިވެރިކޮށްގެން، ފްލެޓްތައް ތަރުތީބުކުރަން ގުރު ނެގުން އަންނަ އަންގާރަ ދުވަހު ބާއްވާ ގޮތަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަމަޖައްސައިފި އެވެ.
ކުރީގެ ގާކޮށްޓާއި އަރަބިއްޔާ ހުރި ބިމުގައި އަޅާފައިވާ ފްލެޓްތައް ލިބޭ މީހުންގެ ތެރެއިން 147 މީހެއްގެ މެދުގައި ގުރުއަތު ނެގުމުގެ ކަންތައް މި މަހު ހަވަނަ ދުވަހު ކުރިއަށް ގެންދަން އުޅެނިކޮށް އެކަން ފަސްކުރީ ގެޒެޓްކުރި ލިސްޓާއި ގުރުއަތު ނަގާ ލިސްޓުގައި ތަފާތުތަކެއް ހުރުމުންނެވެ. އެ މައްސަލައާ ގުޅިގެން އޭސީސީން ވަނީ ފްލެޓްތައް ލިބޭނެކަން ކުރިން ޔަގީންވެ، ގެޒެޓްގައި ނަން ހިމަނާފައިވާ އެންމެންގެ މެދުގައި ގުރު ނަގަން ޖެހޭނެ ކަމަށް އަންގައިފަ އެވެ.
ވެށިފަހި މާލޭ މަޝްރޫއުގެ ދަށުން ގާކޮށްޓާއި އަރަބިއްޔާ ހުރި ބިމުގައި އަޅާފައިވާ ފްލެޓްތައް ލިބޭ 266 ފަރާތެއްގެ ނަން ހިމެނޭ ލިސްޓް ތިން އަހަރު ކުރިން ވަނީ ގެޒެޓްކޮށްފަ އެވެ.
އޭސީސީން ބުނި ގޮތުގައި ފްލެޓްތައް ތަރުތީބުކުރުމުގެ ގުރު ނަގަން އުޅުނީ ވަކި ބަޔަކަށް ގެއްލުން ލިބޭ ގޮތަށް އަދި ވަކި ބަޔަކަށް ފައިދާ ލިބޭ ގޮތަކަށެވެ. ބައެއް މައްސަލަތައް އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ.
އެޗްޑީސީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ފްލެޓްތަކަށް ހޮވުނު މީހުންނަށް ފްލެޓް ހަވާލުކުރަން ގުރުއަތުލުން އަންނަ އަންގާރަ ދުވަހު ބާއްވާނީ އެއްވެސް މީހަކު އުނިކުރުމެއް ނެތި ކަމަށެވެ.
"އަޅުގަނޑުމެންނަށް އޭސީސީން އަންގާފައިވާ ގޮތަށް އެއްވެސް ބަޔަކު އުނިކުރުމެއް ނެތި ހުރިހާ އެންމެން ހިމަނައިގެން މިފަހަރު ގުރުއަތުލުން ކުރިޔަށް ގެންދާނީ. ކުރިން ވެސް އަޅުގަނޑުމެން ގުރުއަތުލުން ކުރިޔަށް ގެންދަން އުޅުނީ ހައުސިން އިން ފޮނުވި ލިސްޓަކަށް،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ އެ ދުވަހުގެ ގުރުއަތުލުމަށް ފަހު ބޭންކުތައް މެދުވެރިކޮށް ފައިސާ ހޯދަން ބޭނުންވާ އޮފާ ލެޓާ ވެސް ހަވާލުކުރާނެ ކަމަށެވެ.
"އެ ސިޓީ އަޅުގަނޑުމެން ހަވާލުކުރުމުން ލަސްނުވެ އެ ފަރާތްތަކަށް ފައިސާ ވެސް ބޭންކުތަކުން ހަމަޖެހިގެންދާނެ. އަޅުގަނޑުމެން ބޭނުންވަނީ ވީހާ ވެސް އަވަހަކަށް އެ ފްލެޓްތައް ހަވާލުކޮށް ނިންމަން،" އޭނާ ވިދާޅުވި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ގުރުއަތު ނެގުން ފަސްކުރީ ގެޒެޓްގައި ޝާއިއުކުރި، ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ނުހިމެނޭ ބައެއް މީހުންގެ ނަން ގުރުއަތު ނަގަން ހަމަޖައްސާފައިވާ ލިސްޓުގައި ހިމެނިފައި އޮތުމުންނާއި ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ހިމެނިފައިވާ ބައެއް މީހުންގެ ނަން ގުރުއަތު ލިސްޓުގައި ނެތުމުންނެވެ.
ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ހިމެނިފައި ތިބި ބައެއް މީހުންގެ ނަންތައް ގުރުއަތު ނަގާ ލިސްޓުގައި ނެތީ، އެމީހުން ފްލެޓަށް ފައިސާ ދައްކާނެ އުސޫލު ހައުސިން މިނިސްޓްރީ އަށް އެންގުމަށް އެދުނު ނަމަވެސް އެއަށް ޖަވާބު ނުދިނުމުން ކަމަށް އެ މިނިސްޓްރީން ބުނި ކަމަށް އެނގިފައިވެ އެވެ. އެކަމަކު ފައިސާ ދައްކާނެ ގޮތާ މެދު ޖަވާބުދިން ބައެއް މީހުންގެ ނަންތައް ވެސް ގުރުއަތު ލިސްޓުގައި ނެތްކަން އޭސީސީއަށް ފާހަގަވެފައިވާ ކަމަށްވެ އެވެ.
މި އަހަރުގެ މާޗް މަހުމި ފްލެޓްތައް ނިމިފައި ވިޔަސް ފްލެޓް ހަވާލުކުރުން ލަސްވީ އެތަނުގެ މަސައްކަތް ކުރި އެޕެކްސް ރިއަލިޓީ ކުންފުންޏަށް ސަރުކާރުން ދޭން ޖެހޭ 277 މިލިއަން ރުފިޔާ ނުދެއްކި ލަސްވުމުންނެވެ. އެކަމަކު މިހާރު ވަނީ އެ ފައިސާ ދައްކައިފަ އެވެ.