ވަންޕްލަސްގެ އަގުހެޔޮ ފޯނެއް އަންނަ މަހު ނެރެނީ
ވަންޕްލަސްގެ އަގުހެޔޮ ފޯނެއް އަންނަ މަހު ނެރެނީ

ވަންޕްލަސްގެ ފޯންތަކަށް އޮތް މާކެޓް ވެސް ކުޑައެއް ނޫނެވެ. އޭގެ އެކި މޮޑެލްތައް މިހާތަނަށް ނެރެފައިވެ އެވެ. ޗައިނާގެ އެ ކުންފުނިން މިހާރު އަންނަނީ އާންމުކޮށް ބާޒާރުން މިހާރު ލިބެން ހުރި ވަންޕްލަސްގެ މޮޑެލްތަކަށް ވުރެ އަގުހެޔޮ ފޯނެއް ބާޒާރަށް ނެރުމުގެ ތައްޔާރީތައްވަމުންނެވެ.

ވަންޕްލަސްގެ ސީއީއޯ ޕީޓް ލޯ ވިދާޅުވީ ވަން ޕްލަސްގެ ޕްރިމިއަމް ފްލެގްޝިޕެއް މިހާރު އޮތީ މާކެޓަށް އައުމުގެ މަގުމަތީގައި ކަމަށެވެ. އާ ފޯނުގެ ޑިިޒައިން ޓީމްގެ އިސްކޮށް ހުންނެވީ ކުންފުނީ ޕްރޮޑަކްޓް ހާޑްވެއާ ޑިވެލޮޕްމަންޓްގެ ހެޑް ޕޯލް ޔޫ އެވެ.

މިކަމާ ދިމާކޮށް ވަންޕްލަސް އިން ވަނީ "ވަން ޕްލަސް ލައިޓްޒީ ތިންގް" ގެ ނަމުގައި އިންސްޓަގްރާމް އެކައުންޓެއް ވެސް ހުޅުވައިފަ އެވެ. އެކަމަކު އެއަކު އަދި އެކައްޗެއް ވެސް ނެތެވެ.

އާ ފޯނު އެންމެ ފުރަތަމަ ނެރެން ނިންމާފައި ވަނީ ޔޫރަޕާއި އިންޑިއާގެ މާކެޓްތަކަށް ކަމަށްވެ އެވެ. އޭގެ ފަހުން އުތުރު އެމެރިކާގެ ބާޒާރަށް ވެސް ފޯނު ނެރޭނެ އެވެ.

ޕީޓް ވިދާޅުވި ގޮތުގައި ގިނަ ބަޔަކަށް އަތްފޯރާ އަގެއްގައި ވިއްކަން އަމާޒު ހިފާފައިވާ ފޯނަކީ ހަމަ އާދައިގެ އެއްޗެއް އުފެއްދުމުގެ ގޮތުން ކުރާކަމެއް ނޫނެވެ.

"އަހަރެމެންގެ އަމާޒަކީ ހަމައެކަނި އަތްފޯރާ ކުޑަ އަގެއްގައި ފޯނު ވިއްކުމެއް ނޫން. މީގެ ބޭނުމަކީ ކޮލިޓީ އަދި އެންމެ މި ޒަމާނަށް ފެތޭ ޑިވައިސްއެއް ގެނެސްދިނުން،" އޭނާ ވިދާޅުވި އެވެ. "އަހަރެމެން އަބަދު ވެސް ބޭނުންވޭ ސްމާޓް ފޯނުގެ ވިޔަފާރީގައި ލީޑްކުރާ ބަޔަކަށް ވާން. އެހެންވީމާ ކޮލިޓީ ކޮމްޕްރަމައިޒެއް ނުކުރާނެ."

ނަމަވެސް އާ ފޯނާ ބެހޭ މާ ގިނަ ވާހަކަތަކެއް އަދިއެއް ނެތެވެ. ހާއްސަކޮށް މީގެ ފީޗާތަކާއި ހާއްސަ ކަންކަމަކީ ކޮބައިކަން މުޅިއަކުން ކަށަވަރެއް ވެސް ނުވެ އެވެ. އެކަމަކު އެކްޑީއާ ޑިވެލޮޕާޒް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ވަން ޕްލަސް އިން ނެރޭ ބަޖެޓް ފޯނަކީ ސުޕަ އެމޯލެޑް ޑިސްޕްލޭއަކާ އެކު 6.55 އިންޗީގެ ސްކްރީނެއް އިންނާނެ އެއްކެވެ. އަދި 5ޖީ ސަޕޯޓްކުރާނެ އެވެ. މީގެ އިތުރުން 6ޖީބީގެ ރޭމަކާ އެކު، 128 ޖީބީގެ ސްޓޯރޭޖް ހުންނާނެ އެވެ.

އަލަށް ނެރޭ ފޯނުގެ އަގު 200 ޑޮލަރަށް ވުރެ ބޮޑުނުވާނެ ކަމަށްވެ އެވެ. ވަންޕްލަސް އިން އެންމެ ފަހުން ނެރުނު އަގު ހެޔޮ ފޯނަކީ 2015 ގެ ވަންޕްލަސް އެކްސް އެވެ. އޭގެ އަގަކީ 249 ޑޮލަރެވެ.