މޮޅުނުވުމުގެ ސިލްސިލާ ބަޔާން ނިމުމެއް ގެނެސްފި
މޮޅުނުވުމުގެ ސިލްސިލާ ބަޔާން ނިމުމެއް ގެނެސްފި

މިއުނިކް (އޮކްޓޯބަރު 20) - ޗެމްޕިއަންސް ލީގުގައި ރޭ ނެދަލެންޑްސް ޗެމްޕިއަން ޕީއެސްވީ އަތުން 4-1 އިން މޮޅުވެ، މޮޅުނުވެ ދިޔަ ތިން މެޗުގެ ސިލްސިލާ އަށް ބަޔާން މިއުނިކުން ނިމުމެއް ގެނެސްފި އެވެ.

ޗެމްޕިއަންސް ލީގުގައި އެތުލެޓިކޯ މެޑްރިޑް އަތުން 1-0 އިން ބަލިވެ އަދި ޖަރުމަން ލީގުގައި ބަޔާން އެންމެ ފަހުން ކުޅުނު ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ. އެކަމަކު ރޭ އެ ޓީމު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މެޗުގެ ފުރަތަމަ 20 މިނެޓުގެ ތެރޭގައި ތޯމަސް މުލާ އާއި ޖޯޝުއާ ކިމިޗްގެ ލަނޑުތަކުން ބަޔާނުން ދެ ލަނޑުގެ ލީޑެއް ނެގި އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީއެސްވީ އަށް ތަފާތު ކުޑަކޮށްދިނީ ލޫސިއާނޯ ނާސިން އެވެ. ބަޔާނުގެ ފަހު ދެ ލަނޑު ޖެހީ ރޮބަޓޯ ލެވޮންޑޮސްކީ އަދި އާޔެން ރޮބެން އެވެ.

ބަޔާން އޮތީ ހަ ޕޮއިންޓާ އެކު ގްރޫޕް ޑީ ގެ ދެ ވަނައިގަ އެވެ. އެއް ވަނައިގައި ނުވަ ޕޮއިންޓާ އެކު އޮތީ ރޭ ރޮސްޓޯފް އަތުން 1-0 އިން މޮޅުވި އެތުލެޓިކޯ އެވެ. ޕީއެސްވީ އާއި ރޮސްޓޯފް އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

"މެޗު ފެށީއްސުރެ ބަޔާން މިއުނިކުން ރަނގަޅަށް ކުޅުނު. ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން، އަހަރެން ބޭނުންވި ގޮތަށް ކުޅުނު،" ބަޔާނުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުންޏެވެ.

ރޭގެ އެހެން މެޗުތަކަށް ބަލާއިރު ގްރޫޕް ބީ ގެ ނަޕޯލީ ވަނީ އަމިއްލަ ދަނޑުގައި ބެސިކްޓަސް އަތުން 3-2 އިން ބަލިވެފަ އެވެ. ފުރަތަމަ ދެ މެޗުން މޮޅުވި ނަޕޯލީ އޮތީ ހަ ޕޮއިންޓާ އެކު ގްރޫޕުގެ އެއް ވަނައިގަ އެވެ. ފަސް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތީ ބެސިކްޓަސް އެވެ. ބެންފީކާ އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު ޑައިނަމޯ ކިއޭވަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އެ ޓީމު އަތުން ރޭ ބެންފީކާ މޮޅުވީ 2-0 އިންނެވެ.