ޗައިނާ ޓޫރިސްޓުން އަންނާނެކަމުގެ ޔަގީންކަން އޮތީ ދީފައި: ރައީސް
ޗައިނާ ޓޫރިސްޓުން އަންނާނެކަމުގެ ޔަގީންކަން އޮތީ ދީފައި: ރައީސް

ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ހުޅުވުމުން ޗައިނާ އިން ވެސް ރާއްޖެ އަށް ޓޫރިސްޓުން ފޮނުވާނެ ކަމުގެ ޔަގީންކަން އެ ގައުމުން ދީފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ މަހު 15 ގައި ބޯޑަރު ހުޅުވައި ޓޫރިޒަމް އަލުން ފަށާކަން އިއުލާނު ކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ބޯޑަރު ހުޅުވައިލަނީ އެއްވެސް ގައުމެއް އިސްތިސްނާ ވުމެއް ނެތި ހުރިހާ ގައުމަކުން ވެސް ރާއްޖެ އަށް މީހުން އާދެވޭ ގޮތަށް ކަމަށެވެ. ނަމަވެސް ދަތުރުފަތުރު ކުރުމުގައި އެކި ގައުމުތަކުން އަމަލުކުރާނެ ވަކި އުސޫލުތަކެއް ހުންނަ ނަމަ އެގޮތަކަށް އަމަލުކުރާނެ ކަމަށް ވިދާޅުވި އެވެ.

"ޗައިނާ އަށް އެނބުރިދާ ކޮންމެ މީހެއްގެ އަތުގައި ވެސް އެބަ އޮންނަންޖެހޭ 120 ގަޑިއިރު ހަމަނުވާ ޕީސީއާރް ޓެސްޓެއްގެ ނަތީޖާ. އެއީ ގާތްގަނޑަކަށް ހަތަރު ދުވަސް ނުވާ ނަތީޖާއެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެކަން ކޮށްދޭ ނަމަ ޗައިނާގެ ޓޫރިސްޓުން ވެސް ރާއްޖެ އަންނާނެ ކަމަށެވެ. އެހެންވެ ޗައިނާ ސަރުކާރުން އެދޭ ގޮތަށް ޗައިނާގެ ޓޫރިސްޓުން ޓެސްޓްކުރުމުގެ އިންތިޒާމުތައް ހަމަޖައްސައިދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. މިކަން އިތުރަށް ފަސޭހަކުރުމަށްޓަކައި ޗައިނާ ސަރުކާރުން އަންނަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓެސްޓް ކުރެވޭނެ ސިސްޓަމެއް ގާއިމް ކުރަމުންނެވެ. މި ސިސްޓަމް މެދުވެރިކޮށް ދުވާލަކު 1،000 މީހުން ޓެސްޓް ކުރެވޭނެ އެވެ.

ރައީސް ވިދާޅުވީ، ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާގެ އިތުރުން އެހެން ގައުމުތަކުން ވެސް ކަނޑައަޅާ އުސޫލުތަކުގެ ތެރެއިން ދަތުރުކުރުމުގައި އެކަންކަން ކުރެވޭނެ އިންތިޒާމުތައް ރާއްޖެއިން ހަމަޖައްސައިދޭނެ ކަމަށެވެ.

ޗައިނާއިން މިދިޔަ އަހަރު ވެސް 284،000 ޓޫރިސްޓުން އައިސްފައިވެ އެވެ. ނަމަވެސް ކޮވިޑް-19 އިން ރައްކާތެރިވާން އެޅި ފިޔަވަޅުތަކުގައި އެންމެ ފުރަތަމަ ޓޫރިސްޓުން އައުން މަނާކުރީ، އެ ބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާއިންނެވެ. މިއަހަރުގެ މިހާތަނަށް ޗައިނާ އިން އައީ 33،000 ޓޫރިސްޓުންނެވެ.