ސިންގަޕޫރުގައި ކޮމިއުނިޓީ ކޭސްތައް ވަރަށް މަދުވެއްޖެ
ސިންގަޕޫރުގައި ކޮމިއުނިޓީ ކޭސްތައް ވަރަށް މަދުވެއްޖެ

ސިންގަޕޫރު (ޖޫން 23) - ސިންގަޕޫރުގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުން ދިޔަ ނަމަވެސް ކޮމިއުނިޓީ ސްޕްރެޑުގެ ގޮތުގައި ފެންނަ ކޭސްތައް ވަރަށް މަދުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

މިއަދު އަލަށް 119 ކޭސް ރިޕޯޓްކުރިއިރު އޭގެ ތެރޭގައި ހިމެނެނީ ކޮމިއުނިޓީ ތިން ކޭސް އެވެ. ހެލްތު މިނިސްޓްރީން ބުނީ އެ ތިން މީހުންގެ ތެރޭން އެކަކީ ޕާމަނަންޓް ރެސިޑެންސީ އޮންނަ މީހެއް ކަމަށާއި ދެން ތިބީ ވޯކް ޕާމިޓް ފާސް އޮންނަ ދެ މީހުން ކަމަށެވެ. ހޯމަ ދުވަހު ރިޕޯޓްކޮށްފައި ވަނީ ކޮމިއުނިޓީ އެންމެ ކޭސް އެކެވެ. އެކަމަކު ހޯމަ ދުވަހު ވަނީ ޑޯމިޓަރީތަކުން 217 ބިދޭސީން ޕޮޒިޓިވްވެފަ އެވެ.

ވޭތުވެދިޔަ ހަފުތާއެއްހާ ދުވަހަށް ބަލާއިރު ކޮމިއުނިޓީ ކޭސްތަކުގެ އެވްރެޖަކީ ހަތަރެކެވެ.

ސިންގަޕޫރުން އަދިވެސް އެންމެ ގިނައިން ޕޮޒިޓިވް ވަނީ ޑޯމިޓަރީތަކުގައި އުޅޭ ބިދޭސީ މަސައްކަތު މީހުންނެވެ.

މިއަދަކީ އެޕްރީލް 7 ގެ ފަހުން އެންމެ މަދުން ސިންގަޕޫރުން ކޮވިޑް-19 އަށް މީހުން ޕޮޒިޓިވްވި ދުވަހެވެ. އެޕްރީލް 7 ވަނަ ދުވަހު ވަނީ 106 މީހުން ޕޮޒިޓިވްވެފަ އެވެ.

ސިންގަޕޫރުން މިހާތަނަށް ވަނީ 42,432 މީހުން ޕޮޒިޓިވްވެ 119 މީހުން މަރުވެފަ އެވެ.

އާބާދީގައި 5.7 މިލިއަން މީހުން ހިމެނޭ ސިންގަޕޫރުގައި ބިދޭސީ މަސައްކަތު މީހުންގެ ގޮތުގައި ގާތްގަނޑަކަށް 300،000 މީހުން އުޅެ އެވެ. އޭގެ ތެރޭން ގިނައީ ދެކުނު އޭޝިއާގެ މަސައްކަތު މީހުންނެވެ.