23 ޖޫން 2020 - 14:28

ލޮކްޑައުންނަށް ލުއިތަކެއް ލިބުނު ނަމަވެސް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލޭގެ ބްރާންޗްތަކާއި ބްރާންޗްތަކުންނާއި ސާވިސް ސެންޓަރުތަކުން އަދިވެސް ހިދުމަތް ދޭނީ އެޕޮއިންޓްމެންޓް އުސޫލުން ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖާ މުހައްމަދު ސައީދު ވިދާޅުވީ، މި ހާލަތުގައި ބައެއް ފަރާތްތަކުން އެޕޮއިންޓް ނުހަދާ ހިދުމަތް ހޯދަން އަންނަ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް ބޭންކްގެ ހިދުމަތް ދޭނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގައިދުރުކުރުމުގެ އުސޫލުތަކާއި ރައްކާތެރިކަމުގެ މިންގަނޑުގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ދުވާލަކު ހިދުމަތް ދޭން ހަމަޖެހިފައި ވަނީ ވަކި އަދަދެއްގެ ކަސްޓަމަރުންނަށް. ކޮންމެ ބޭފުޅަކަށް ވެސް އެޕޮއިންޓްމަންޓް ހެއްދެވޭނެ. އެޕޮއިންޓްމަންޓް ހަމަޖެހޭ ގަޑި އަށް ކަސްޓަމަރުން ބޭންކަށް ވަޑައިގަތުމަށް އިލްތިމާސްކުރަން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެޕޮއިންޓްމަންޓްގެ ގަޑިއަށް ނުދެވޭ މީހުން އަނެއްކާ ވެސް އަނެއް ދުވަހަށް އެޕޮއިންޓްމަންޓް ހައްދަަން ޖެހޭނެ ކަމަށެވެ. ބޭންކަށް ގޮސް ހިދުމަތްތައް ހޯދުމުގެ ފުރުސަތު މި ވަގުތު އޮތީ އޮންލައިންކޮށް މިހާރު ނުލިބޭ ހިދުމަތްތަކަށް އެކަންޏެވެ. މި މަހުގެ ނިޔަލަށް ބޭންކް ހުޅުވުމަށް ހަމަޖެހިފައިވަނީ ހޯމަ، އަންގާރަ، ބުދަ އަދި ބުރާސްފަތީގެ ހެނދުނު 9:30 އިން މެންދުރު 2:00 އަށެވެ. ކޮންމެ ދުވަހަކަށް ވެސް އޭގެ ކުރިން ދުވަހު އެޕޮއިންޓްމަންޓް ހައްދަން ޖެހެ އެވެ.
އެގޮތުން ކޮންމެ ދުވަހެއްގެ މެންދަމު 12:00 އިން ހަވީރު 5:00 އަށް އޭގެ އަނެއް ދުވަހަށް އެޕޮއިންޓްމަންޓް ހެއްދުމުގެ ފުރުސަތު ބޭންކުން ވަނީ ހުޅުވާލައފަ އެވެ.
ބޭންކުން ބުނީ، މިގޮތަށް ހިދުމަތް ހޯދަން އަންނަން ޖެހޭނީ މާސްކު އަޅައިގެންނެވެ. އަދި ކަސްޓަމާ ސާވިސް ސެންޓަރުތަކުން ފާހަގަކޮށްފައިވާ ނިޝާންތަކާ އެއްގޮތަށް ގައިދުރު ކުރުމުގެ މިންގަނޑު ބަހައްޓަން ވެސް އެ ބޭންކުން އެދެ އެވެ.