ކޮލަމް ކޯދު: ބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 2
ކޮލަމް ކޯދު: ބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 2

(އޮކްޓޯބަރު 13، 2016ގެ އަދަދާ ގުޅޭ)

ކޮލަމް ކޯދު: ބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 2
ކޮލަމް ކޯދު: ބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 2

މިއައި ތަރައްގީއާ ވިދިގެން ޝަރީއަތާއި އަދި ފިޤުހުގެ ގުޅުމަށް ވެސް ބަދަލެއް އަ އެވެ. އިސްލާމީ ތާރީޚުގެ އެންމެ ކުރީކޮޅު، އާދެ، ފުރަތަމަ ދެ ގަރުނުގެ ތެރޭގައި، 'ޝަރީއަތް'، މިލަފްޒު ބޭނުން ކުރެވިފައިވަނީ، ކުރިން ނަންގަނެވިދިޔަ ފަދައިން، ކީރިތި ޤުރްއާނުގައި ބަޔާން ކުރެވިފައިވާ ހިދާޔަތުގެ ތައުލީމާތުތަކަށް، ޖުމްލަ ގޮތެއްގައި، އިޝާރަތް ކުރުމަށެވެ. ފިޤުހު ބޭނުން ކުރެވުނީ މި ތައުލީމާތުތަކާ މެދު ވިސްނައި ފިކުރުކޮށް، މި ތައުލީމާތުތަކުން، އެކިއެކި ކަންކަމާ ބެހޭ، ހުކުމްތައް ނެރެ އިސްތިންބާތުކުރުމަށެވެ. އެ ތައުލީމާތުތަކަށް އަމަލުކޮށް، އެކަންކަން މުޖުތަމައުގައި ހިންގާލެވޭ ސިފައެއް އެކަންކަމަށް ގެނެސްގަތުމަށްޓަކަ އެވެ. ފިޤުހު އިލްމު ތަރައްގީވެ އެއަށް އޭގެ އެންމެ ފަހުގެ ސޫރަ ލިބުމުން، ފިޤުހާއި ޝަރީއަތް މި ދެ މަފްހޫމު ވެސް އެކައްޗަކަށްވެ، އެއ މާނައެއްގައި ބޭނުންކުރެވޭން ފެށި އެވެ. އާދެ، އިސްލާމީ ޝަރީއަތަކީ އިސްލާމީ ފިޤުހު ކަމުގައި ވެގެން ދިޔަ އެވެ.

ކޮލަމް ކޯދު: ބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 2
ކޮލަމް ކޯދު: ބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 2

މިއަދު އިންސާނީ ހަޔާތުގެ ކަންތައްތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. އިންސާނުންގެ ވިސްނުމާއި ފިކުރަށެވެ. އޭނާ މަސައްކަތްކޮށް އުޅޭ ގޮތްތަކަށެވެ. އޭނާ ގަބޫލުކުރާ ބައެއް އަގުތަކަށެވެ. މިސާލަކަށް އިންސާނުން އަޅުވެތި ކުރުމާއި އަޅުން ގެންގުޅުމަކީ އެއް ދުވަސް ވަރެއްގައި ހަމަ އެންމެ ރަނގަޅު ކަމެއްގެ ގޮތުގައި ބެލެވިދިޔަކަމަށް ވިޔަސް، މިކަންވަނީ މިއަދު ބަދަލުވެފަ އެވެ. އިސްލާމީ ޝަރީއަތުގައި އަޅުން މިނިވަން ކުރަން އިރުޝާދު ދެވި އެކަމަށް ބާރުއެޅިފައި އޮތް ކަމުގައިވިޔަސް، ސީދާ ސަރީހަ އިބާރާތުން އެކަން މަނާ ކުރެވިފައި ނެތުމުން، އިސްލާމީ ފިގުހުގައި އެކަން އޮތީ ހުއްދަ ކުރެވިފަ އެވެ.

އަދި ހަމަ އެފަދައިން، އިންސާނުން އަތުންފައިން ކުރަމުން އައި ގިނަ މަސައްކަތްތަކެއް، މިއަދު، ކުރެވެމުން އަންނަނީ މެޝީންތަކުގެ ޒަރިއްޔާއިންނެވެ. މީގެ އިތުރުން، އިސްލާމީ ފިޤުހު ތަރައްގީ ކުރެވުނު ދުވަސްވަރުގައި ފައިސާ މާނަ ކުރެވުނު ގޮތާއި މިއަދު ފައިސާ މާނަ ކުރެވޭ ގޮތް ވަނީ ބަދަލުވެފަ އެވެ. ގެރިބަކަރި އާއި ގޮވާމުގެ ބާވަތްތަކާއި ރަނާއި ރިއްސާއި މިފަދަ ހުރިހާ މުދަލަކީ، އެދުވަސްވަރު، ފައިސާގެ ގޮތުގައި ބޭނުން ކުރެވުނެ އެއްޗިއްސެވެ.

އެހެންވެ، އިސްލާމީ ފިޤުހުގައި ޒަކާތުގެ ހުކުމްތައް ބަޔާންކުރެވިފައިވަނީ ފައިސާގެ މިތަސައްވުރުގެ މައްޗަށް ބިނާކޮށެވެ. މިތަކެއްޗަކީ ފައިސާކަމުގައި ބެލެވިގެންނެވެ. ނަމަވެސް މިއަދު މިކަން ވަނީ ބަދަލުވެފަ އެވެ. އާދެ، ފައިސާގެ މަފްހޫމުވަނީ މުޅިން އާވެ، ފައިސާގެ އަގު ގުޅިފައިވަނީ އޭގެ ޒާތަކާއި ނޫނެވެ. ދައުލަތަކުން އެ އަށް ދެވިފައިވާ އިތުބާރާއި އަދި އިގްތިސާދީ އަވާމިލު ނުވަތަ ސަބަބުތަކާ އެވެ. އަދި މީނޫންވެސް، އިސްލާމީ ފިޤުހުގެ ހުކުމްތައް، އޭގެ މައްޗަށް ބިނާވެފައިވާ ގިނަ ތަސައްވުރުތަކެއް، މިއަދު، ވަނީ ބަދަލުވެފަ އެވެ.

މި ބަދަލުތައް އަންނާން ފެށީ ގާތްގަނޑަކަށް މީލާދީ ސަނަތުން އަށާރަ ވަނަ ގަރުނުގެ ހިސާބުން ފެށިގެންނެވެ. ސިނާއީ އިންގިލާބު، ނުވަތަ އިންޑަސްޓްރިއަލް ރެވޮލޫޝަން، އާއި ތަންވީރީ ފިކުރުގެ ނުވަތަ އެންލައިޓްންމަންޓްގެ ފެށުމާއި، މިކަންކަމުގެ އަސަރު އިސްލާމީ ދުނިޔެ އަށް ވެސް ފޯރައި މުޅި ދުނިޔެ އަށް މިކަންފެތުރި އާއްމުވެގެން ދިޔުމުގެ ސަބަބުންނެވެ.

'އަސްރާނިއްޔަތު'ގެ ނުވަތަ 'މޮޑާރނިޓީ'ގެ ނަމުން ނަންދެވޭ ޒަމާނީ މި ބޮޑު ބަދަލުގެ އަލީގައި، ކީރިތި ޤުރްއާނުގެ ޝަރީއަތުގެ ތައުލީމާތުތައް މުޖުތަމައުގައި ހިންގާލުމަށްޓަކައި އިހުގައި މާނަ ކުރި ފަދައިން، އަލުން އެ ތައުލީމާތުތައް މާނަކޮށް، އިސްލާމީ ފިޤުހު އިލްމު ތަޖުދީދުކޮށް، އާކުރުމަކީ، މިއަދު މުސްލިމުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމުގައި، މިމައްސަލަ ބަހުސް ކުރައްވާ އިސްލާމީ ދިރާސާތުގެ ބައެއް މުސްލިމު އިލްމުވެރިން ވިދާޅުވެ އެވެ.

ހިޖުރީ ފަނަރަ ވަނަ ގަރުނު ގޮވަމުން ދަނީ މިކަމަށް މުސްލިމު މުޖުތަމައުތައް ހޭލުންތެރިވެ، މުސްލިމުންގެ ތެރެއިން މިކަން ކުރާނޭ ބަޔަކު އުފަންވުމަށެވެ! ކީރިތި ޤުރްއާނުގެ މާނަ ފަހުމްކޮށް ދެނެގަތުމުގެ މަސައްކަތް ކުރަމުން ދާއިރު މިކަމާ ދޭތެރޭ ވިސްނައި ފިކުރު ކުރުމަކީ ނުހަނު މުހިއްމު ކަމެއް ކަމުގައި ދެކެމެވެ. މީގެ މާނައަކީ އިސްލާމީ ޝަރީއަތް ބަދަލު ކުރުމެއް ނޫނެވެ. ބަދަލުވެ ތަރައްގީ ވާނީ އިސްލާމީ ފިޤުހެވެ. އާދެ، ދެން، އަލްބަޤަރާ ސޫރަތުގެ މައުޟޫއުގެ ވާހަކައާއިގެން ކުރިއަށް ދަމާތޯ އެވެ.

ކީރިތި ޤުރްއާނުގެ މައިގަނޑު މައުޟޫއަކީ އިލާހީ ހިދާޔަތުގެ ވާހަކަކަން ކަނޑައަޅާލުމަށް ފަހު، ކީރިތި ޤުރްއާނުގެ އަސާސީ ތަޢުލީމާތުތައް މިސޫރަތުގައި ބަޔާން ކުރެވިފައިވެ އެވެ. އެގޮތުން އެންމެ ފުރަތަމަ މާތްﷲ ވޮޑިގެންވާކަން ފާހަގަ ކުރެވިފައި ވެ އެވެ. މި ސޫރަތުގައި މާތްﷲގެ މުހިއްމު ސިފަފުޅެއް، ތަސައްވުރެއް، ހުށަހަޅާލެވިފައި ވެ އެވެ. އެކަލާނގެއީ 'އަލް ގައްޔޫމު' ކަމުގައި ބަޔާންކުރެވި ސިފަކުރެވިފައި ވެ އެވެ. އެކަލާނގެއީ އެކަލާނގެ ވޮޑިގެންވުމުގައި، އެހެން އެއްވެސް ފަރާތެއްގެ އެހީއަކަށް ބޭނުންވެ ވޮޑިގެންނުވާ، އަމިއްލަ ޒާތީ ފުދުންތެރިކަން ލިބިވޮޑިގެންވާ، މުޅި ވުޖޫދުގެ ފަނާރު ކަމުގަ އެވެ. އަސްލު ކަމުގައެވެ.

އަދި، އިންސާނާގެ ބުއްދި އާއި ވިސްނުން ބޭނުން ކޮށްގެން، މިކަން، މާތްﷲ ވޮޑިގެންވާކަން، ރަނގަޅަށް ދެނެގަނެވޭނޭ ކަން ވެސް މިސޫރަތުގައި ބަޔާކޮށްދެވިފައި ވެ އެވެ. އިންސާނީ ތާރީޚު ފެށުނީއްސުރެން، މީސްތަކުންގެ ތެރެ އަށް ރަސޫލު ބޭކަލުން ފޮނުއްވައި، އެބޭކަލުންގެ ގައުމުތަކުގެ މީސްތަކުންނަށް ކެނޑިނޭޅި އުނގަންނައިދެއްވި އުނގަންނައި ދެއްވުމަކީ މިއީ ކަން ވެސް ބަޔާން ކުރެވިފައި ވެއެވެ. އަދި، މިކަން ދެނެގެނެ، މާތް ﷲ އަށް އީމާންވެ، މި އީމާންކަމާއި އެކަށީގެންވާ ގޮތެއްގައި މުއުމިނާގެ ހަޔާތް ބައްޓަންކުރުމަށް، މިސޫރަތުގައި، މީސްތަކުންނަށް ގޮވާލައި، ދައުވަތު ދެވިފައި ވެ އެވެ.

އަލްބަޤަރާ ސޫރަތުގައި ހުށަހަޅާލެވިފައިވާ އިސްލާމީ ތައުލީމާތުގެ ވާހަކަތަކުގެ ތެރެއިން ދެ ވަނަ ކަމަކަށް ފާހަގަ ކުރެވެނީ އާޚިރަތުގެ ވާހަކަ އެވެ. އިންސާނާ، އޭނާގެ ދުނިޔެވީ އަމަލުތަކުގެ މަސްއޫލިއްޔަތު އުފަލަން ޖެހޭނޭ ދުވަހެއް އަންނާނޭކަމާއި އެދުވަހުން އޭނާގެ އަމަލުތަކާ މެދު ޖަވާބުދާރީ ވާންޖެހޭނެ ކަމުގެ ވާހަކަ އެވެ. އުޚްރަވީ ހަޔާތެއް ނެތް ނަމަ، އިންސާނާ އޭނާގެ އަމަލުތަކާ ދޭތެރޭ ޖަވާބުދާރީވާކަށް ނުޖެހޭނެ އެވެ. މިފަދަ ދުވަހެއް ނެތް ނަމަ، އެއްވެސް އަޚުލާގީ މިންގަނޑަކަށް ބެލުމެއް ނެތި، ބޭނުން ގޮތަކަށް، އިންސާނާ، އޭނާގެ ދުނިޔެވީ ހަޔާތް، ވޭތުކޮށްލަންވީ އެވެ.

ހެވާ ނުބައި، ރަނގަޅާއި ނުރަނގަޅު، ހުރިހާ ހާލަތެއްގައި ވެސް ނިސްބީ ގޮތެއްގައި މާނަ ކުރެވިގެންނެވެ. މީގެ މާނައަކީ ހުރިހާ ހާލަތެއްގައި 'ރަނގަޅު' ރަނގަޅަކަށް ނުވުމެވެ. އަދި 'ނުބައި' ނުބަޔަށް ވެސް ނުވުމެވެ. މިސާލަކަށް، ތެދުބުނުމާއި އަމާނަތްތެރިކަމުގެ ސިފަތަކަކީ ރަނގަޅު މާތް ސިފަތަކެއް ކަމުގައި ވިޔަސް، ބައެއް ހާލަތްތަކަށް މި ކަންކަން ނިސްބަތް ކުރާ އިރު، އެއީ ރަނގަޅު ސިފަތަކެއްގެ ގޮތުގައި ނުބެލެވިދާނެ އެވެ.

ތިމާގެ އަމިއްލަ ނުވަތަ ތިމާގެ ގައުމީ މަސްލަހަތު ރައްކާ ކުރުމަށްޓަކައި ދޮގުހެދުމާއި ޚިޔާނަތްތެރިވުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ބެލެވިގެން ހިނގައިދާނެ އެވެ. އެހެންވެ، އުޚްރަވީ ހިސާބު ބެއްލެވުމެއް ނެތް ކަމުގައި ބެލެވިއްޖެނަމަ ރަނގަޅާއި ނުބައިގެ މާނަ ގެއްލިގެން ދެ އެވެ. މިއީ ސަލާމަތް ބުއްދި ގަބޫލު ކުރާނޭ ކަމަކަށް ނުފެނެ އެވެ. އަދި، އުޚުރަވީ ހަޔާތެއް އޮތުން ލާޒިކުރުވަ އެވެ.

މި ސަބަބަށްޓަކައި، އުޚްރަވީ ހަޔާތެއް އޮންނާނޭކަން ގަބޫލު ކުރަމަކީ، އިންސާނާ ހެޔޮ ގޮތަށް ލެނބިގެން ދިޔުމަށް ބާރު އަޅައިދޭ ގަބޫލު ކުރުމެއް ކަމުގައި، އަލްބަޤަރާ ސޫރަތުގައި ފާހަގަކޮށް ދެވިފައި ވެ އެވެ. އާދެ، އިންސާނާ، އޭނާގެ ދުނިޔަވީ ހަޔާތުގެ އަމަލުތަކާ މެދު މަސްއޫލުވާން ޖެހޭނޭކަން، ހިތުގެ އަޑިން ގަބޫލު ކުރުން ހިމެނިފައިވަނީ އޭނާގެ ހަޔާތް ސީދާ މަގަށް އަޅުވައިދިނުމަށް އެހީވެދޭ ވަރަށް މުހިއްމު ބާރަކަށެވެ. އެހެނީ، އާޚިރަތުގައި އިންސާނާގެ މިންޖުވުން ބިނާވެފައި އޮތީ ހަމަ އެކަނި ތިމަން އީމާން ވެއްޖައީމުއޭ ބުނުމުގެ މައްޗަކަށް ނޫނެވެ.

މީގެ އިތުރުން، އެކަން ބިނާވެފައި އޮތީ، އޭނާގެ ހަޔާތް، މި އީމާންކަން ނިޔާ ކުރާ ގޮތެއްގައި، ވޭތުކޮށްލެވިގެން ވެސްމެ އެވެ. އާދެ، މި އީމާންކަން މަތީ ދެމިހުރެ، ހެޔޮ އަމަލު ކުރެވިގެންނެވެ. މާތްﷲ އަށް އީމާންވެ، ހެޔޮ އަމަލު ކުރުންމަތީ، އެމީހުންގެ ހަޔާތް ވޭތު ކޮށްލާ މީހުން، ހިތާމަކުރަން ޖެހޭނޭ ކަމެއް، ބިރުގަނެ، ޖެހިލުންވާން ޖެހޭނޭ ކަމެއް ވެސް، އާޚިރަތް ދުވަހުން، ނޯންނާނޭކަން، މި ސޫރަތުގައި ބަޔާން ކުރެވިފައިވެ އެވެ.

އަލްބަޤަރާ ސޫރަތަކީ ކީރިތި ޤުރްއާނުގެ އެންމެ ދިގު ސޫރަތެވެ. އެ ސޫރަތުގައި 286 އާޔަތް ވެ އެވެ. އަލްބަޤަރާ ސޫރަތުގެ މައިގަނޑު މައުޟޫއަށާއި އަދި އެ ސޫރަތުގެ އާޔަތްތަކުގެ މާނަ އަށް ރިއާޔަތްކޮށް، އެސޫރަތް ފަސް ބަޔަކަށް ބަހާލެވިދާނެ އެވެ. މިގޮތުގެ މަތީން އަލްބަޤަރާ ސޫރަތުގެ އާޔަތްތައް، ބައެއް ތަފާތާއި އެކު، ބައެއް މުފައްސިރުން ބައްސަވާލައްވަ އެވެ.

އަބްދުﷲ ޔޫސުފު އަލީ، އޭނާގެ ކީރިތި ޤުރްއާނުގެ 'ތަރުޖަމާއާއި ތަފްސީރު' ގައްޔާއި، އަލް މައުދޫދީ، އޭނާގެ 'ތަފްހީމު'ގައްޔާއި އަދި ސައްޔިދު ޤުޠްބު އޭނާގެ ޡިލާލުގައި ވެސް މެއެވެ. އަލްބަޤަރާ ސޫރަތުގެ އާޔަތްތައް، ތިރީގައި، އަޅުގަނޑު ބަހާލައި، އެކި ބައިބަޔަށް ބައިކޮށްލުން ކުދިކުދި ތަފާތާ އެކު، ބިނާވެފައި ވަނީ މިނަންގަނެވުނު ތަފްސީރުތަކުގައިވާ ބައިކޮށްލުމާއި ބަހާލުމުގެ މައްޗަށެވެ.

މިގޮތުން ބައިބަޔަށް ބަހާލުން، އަލްބަޤަރާ ސޫރަތުގެ މާނާ ފަހުމްކޮށް ދެނެގަތުމަށް އެހީވެދެ އެވެ. އަދި މީގެ އިތުރުން، އެ ސޫރަތަކީ، އެސޫރަތުގެ އާޔަތްތައް، އެއް އާޔަތާއި އަނެއް އާޔަތް، ގުޅި ލާމެހިފައިވާ ވަހުދާއެއް (ޔުނިޓްއެއް) ކަން ވެސް ފެނިގެން ދެ އެވެ. އަދި މުޅި ސޫރަތުގެ މާނަ ހިތުގައި ހަރުކޮށްލަން ވެސް ފަސޭހަވެދެ އެވެ.

(ނުނިމޭ)

އެޑިޓަރުގެ ނޯޓް: ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ، މަދީނާގެ އިސްލާމިކް ޔުނިވަސިޓީން ފުރަތަމަ ޑިގްރީ ހާސިލްކުރައްވައި، އޮސްޓްރޭލިޔާގެ ލެޓްރޯބް އެންޑް މެލްބަން ޔުނވަސިޓީން މާސްޓާޒް އާއި ޕީއެޗްޑީ ނަންގަވާފައިވާ ބޭފުޅެކެވެ. މިހާރު އޭނާ ގެންދަވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވަމުންނެވެ. މީގެ ފަހުން ކޮންމެ ބުރާސްފަތި ދުވަހަކު ޑރ. ޢަބްދުލްޣަފޫރުގެ ކޮލަމް "ކޯދު" ކިޔުންތެރިންނާ ބައްދަލުކުރާނެ އެވެ.