ކުޑަކުދިންގެ ހިޔާގައި މަރުވި ކުއްޖާގެ މަރުގައި "ޝައްކުތަކެއް"
ކުޑަކުދިންގެ ހިޔާގައި މަރުވި ކުއްޖާގެ މަރުގައި "ޝައްކުތަކެއް"

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ބަހަލައްޓަމުން އަންނަނިކޮށް މިދިޔަ ހޯމަ ދުވަހު މަރުވި، ފަސް މަހުގެ ކުއްޖާގެ މަރުގައި ޝައްކުތަކެއް ހުރިކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ކުޑަކުދިންގެ ހިޔާގައި މަރުވި ކުއްޖާގެ މަރުގައި "ޝައްކުތަކެއް"
ކުޑަކުދިންގެ ހިޔާގައި މަރުވި ކުއްޖާގެ މަރުގައި "ޝައްކުތަކެއް"

ނޭވާ ނުލައިގެން އެ ކުއްޖާ ހޮސްޕިޓަލަށް ގެންދަން އުޅުނީ މަރުވި ދުވަހުގެ 11:4 ހާއިރެވެ. އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަން ފުލުހުންނަށް ރިޕޯޓުކުރީ ވެސް އެ ވަގުތެވެ.

އެ ކުއްޖާ ނޭވާ ނުލާކަން އެނގުމުން އެންމެ ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް، އެ ކުއްޖާ ބެލި ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ކުރިން ބުންޏެވެ. އެ އަށް ފަހު ސްކޭންތަކެއް ހެދުމަށް އެ ކުއްޖާ ގެންދިޔައީ އައިޖީއެމްއެޗަށެވެ.

މައުލޫމާތު އެނގި ހުރި މީހަކު "މިހާރު" އާ ވާހަކަ ދައްކަމުން ބުނި ގޮތުގައި އެ ކުއްޖާ އައިޖީއެމްއެޗަށް ގެންގޮސް ކުއްޖާގެ އަތުގެ ސީޓީ ސްކޭނެއް ހެދި ކަމަށް ވެ އެވެ. އަދި އެ ސްކޭނުން ވެސް ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ޕޯސްޓްމޯޓެމް ހަދަން ނިންމީ އެވެ.

"ކުޑަކުއްޖެއް ވީމަ ހުންނާނެ ކުޑަކޮށް އަނިޔާ ލިބުނަސް އޭގެ ނިޝާން ފެންނަންް،" "މިހާރު"އާ ވާހަކަދެއްކި މީހާ ބުންޏެވެ.

ޖެންޑާ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު މުހައްމަދު ޝަކީބު ވިދާޅުވީ އެ މައްސަލަ ބަލައިދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަނާއި ފުލުހުންގެ މުއައްސަސާގައި ރަސްމީކޮށް އެދިފައިވާނެ ކަމަށެވެ. އަދި މިނިސްޓްރީން ވެސް އެ މައްސަލަ ތަހުގީގު ކުރުމަށް ހާއްސަ ކޮމެޓީއެއް އުފައްދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ދެ މުއައްސަސާ އިން މައްސަލަ ތަހުގީގުކޮށް އަޅުގަނޑުމެންނަށް ރިޕޯޓުތައް ފޮނުވީމަ، މިނިސްޓްރީން ވެސް މައްސަލަ ތަހުގީގު ކުރާނަން،" ޝަކީބް ވިދާޅުވި އެވެ.

ޖެންޑާ މިނިސްޓްރީން ވަނީ އެތަނުން ބަލަހައްޓަމުން އަންނަ މަރުކަޒުތަކުގައި ތިބޭ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެކަމުގެ ޔަގީންކަން ދީފަ އެވެ.

ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބޭ ނުވަ އަހަރުން ދަށުގެ ކުދިން ބަލަހައްޓަން ހާއްސަ އެ މަރުކަޒު ހުޅުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެތަން އިމާރާތްކުރީ ޔޫއޭއީގެ ވިޔަފާރިވެރިއެއްގެ ހަރަދުގަ އެވެ. އެ މަރުކަޒުގައި މިހާރު ވެސް 85 ކުދިން އަންނަނީ ބަލަހައްޓަމުންނެވެ.