ރިސޯޓު މުވައްޒަފުންގެ ދިރިއުޅުމަށް ކުރި އަސަރު ބަލަން ސާވޭއެއް
ރިސޯޓު މުވައްޒަފުންގެ ދިރިއުޅުމަށް ކުރި އަސަރު ބަލަން ސާވޭއެއް

ކޮވިޑް-19ގެ ސަބަބުން ރިސޯޓު މުވައްޒަފުންގެ ދިރިއުޅުމަށް ކުރާ އަސަރު ދެނެގަތުމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކުން ސާވޭއެއް ފަށައިފި އެވެ.

މި ސާވޭގައި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ރިސޯޓު ދާއިރާއާ ގުޅުން ހުރި ދާއިރާއެއްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ބައިވެރިވެވޭނެ އެވެ. މި ސާވޭގައި ހުށަހަޅާ ހުރިހާ ޒާތީ މައުލޫމާތެއް ސިއްރު ކުރާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުމާ އެކު އޭގެ އެންމެ ބޮޑު އަސަރެއް ކުރި އެއްބަޔަކީ ރިސޯޓު މުވައްޒަފުންނެވެ. އެގޮތުން ގިނަ ރިސޯޓުތައް ހާލަތު ރަނގަޅުވަންދެން ބަންދު ކޮށްފައިވާއިރު ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. އަދި ބައެއް މުވައްޒަފުން ވަނީ ނޯޕޭގައި ރަށަށް ފޮނުވައިފަ އެވެ.

ސަރުކާރުން ވަނީ ރިސޯޓު މުވައްޒަފުންނާއި މި ވަގުތު އާމްދަނީ އަށް އަސަރު ކުރާ މީހުންނަށް އެހީވުމުގެ ގޮތުން އެލަވެންސެއް ދޭން ފަށައިފަ އެވެ. އާމްދަނީ އަށް އަސަރު ކުރާ މީހުންނަށް ގިނަވެގެން 5000ރ. ގެ އެހީތެރިކަން ފޯރުކޮށްދެ އެވެ.

ގިނަ ރިސޯޓުތަކުން މުވައްޒަފުން ނޯޕޭގައި ފޮނުވި ނަމަވެސް ބައެއް ރިސޯޓުތަކުން ވަނީ މި ވަގުތު އެ ރިސޯޓުތަކުގެ މުވައްޒަފުންނަށް އެހީވުމަށް ހާއްސަ ޕްލޭންތަކެއް ތައްޔާރުކޮށްފަ އެވެ. މީގެ ތެރޭގައި ރިސޯޓު ބަންދު ނަމަވެސް ހާއްސަ އެލަވެންސެއް ދިނުމާއި ފިކްސް ސާވިސް ޗާޖެއް ދިނުން ހިމެނެ އެވެ.

އަންނަ މަހު ރާއްޖޭގެ ބޯޑަރު ހުޅުވަން ސަރުކާރުން މަސައްކަތް ކުރަމުން އަަންނައިރު ގިނަ ރިސޯޓުތައް ވެސް އަންނަ މަސް ތެރޭގައި ހުޅުވާލާނެ އެވެ. ނަމަވެސް ބައެއް ރިސޯޓުތައް ހުޅުވަން ނިންމާފައި ވަނީ ސެޕްޓެމްބަރު މަސްތެރޭގަ އެވެ.