24 ޖޫން 2020 - 07:47

އަންނަ އަހަރު ބާއްވާ އޮސްކާ އެވޯޑްސް ކޮވިޑް-19އާ ހެދި ފަސްކޮށްފައި ވަނިކޮށް، އަންނަ އަހަރުގެ ގޯލްޑެން ގްލޯބް އެވޯޑްސް ބާއްވާ ތާރީހު ވެސް ފަސްކޮށްފި އެވެ.
އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު ބާއްވަން ނިންމި 78 ވަނަ ގޯލްޑެން ގްލޯބް އެވޯޑްސް މިހާރު ބާއްވަން ނިންމާފައި ވަނީ ކުރިން 93 ވަނަ އޮސްކާ އެވޯޑްސް ތާވަލުކުރި ތާރީހު ކަމަށްވާ ފެބްރުއަރީ މަހުގެ 28 ގަ އެވެ.
އަންނަ އަހަރުގެ އޮސްކާ އެވޯޑް ބާއްވަން މިހާރު ނިންމާފައި ވަނީ އެޕްރީލް މަހުގެ 25 ގަ އެވެ.
ގޯލްޑެން ގްލޯބް އެވޯޑްސް އަކީ އޮސްކާ ފިޔަވައި، ފިލްމުތަކަށް ދެން ދެވޭ އެންމެ ޝަރަފުވެރި އަދި އެންމެ ޒަމާންވީ އެވޯޑެވެ. އަދި އެ އެވޯޑް ހަފުލާ އަބަދު ވެސް ބާއްވަނީ އޮސްކާގެ ކުރިންނެވެ.
ގޯލްޑެން ގްލޯބްސްގެ ހާއްސަ އެއް ކަމަކީ ފިލްމުތަކުގެ އިތުރުން ޓީވީ އުފެއްދުންތަކަށް ވެސް އެވޯޑް ދިނުމެވެ. އަންނަ އަހަރުގެ އެވޯޑް ހަފުލާ ހޯސްޓްކުރާނީ ޓީނާ ފޭ އާއި އެމީ ޕޮއެލާ އެވެ.
އޮސްކާ އާއި ގޯލްޑެން ގްލޯބްސްގެ އިތުރުން މިހާރު ވަނީ އަންނަ އަހަރުގެ ބްރިޓިޝް ފިލްމު އެކެޑެމީ އެވޯޑްސް (ބަފްޓާ) ގެ ތާރީހު ވެސް ބަދަލުކޮށްފަ އެވެ. ކުރިން އަންނަ އަހަރުގެ ފެބްރުއަރީ 14 އަށް ތާވަލުކޮށްފައި އޮތް ހަފުލާ ބާއްވަން ނިންމާފައި ވަނީ އެޕްރީލް 11 ގަ އެވެ.