ވަޒީފާ ގެއްލުނު މީހުންނަށް އެލަވަންސް ދޭން ގޮވައިލާ ޖާބިރު ހުށަހެޅުއްވި ގަރާރު ބަލައެއް ނުގަތް
ވަޒީފާ ގެއްލުނު މީހުންނަށް އެލަވަންސް ދޭން ގޮވައިލާ ޖާބިރު ހުށަހެޅުއްވި ގަރާރު ބަލައެއް ނުގަތް

ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ މީހުންނަށް މިހާރުން ފެށިގެން އެލަވަންސެއް ދޭން ގޮވާލައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު މަޖިލީހަށް ހުށަހެޅުއްވި ގަރާރު މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

އެ ގަރާރަށް މަޖިލީހުގައި ބަހުސް ކުރުމާ ގުޅޭ ގޮތުން ނެގި ވޯޓަށް ފެންނަ ކަމަށް ވޯޓް ދެއްވީ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި 33 މެންބަރުންގެ ތެރެއިން އެންމެ މެމްބަރެކެވެ. ނުފެންނަ ކަމަށް 27 މެމްބަރުން ވޯޓް ދެއްވި އެވެ.

މީގެ ކުރިން ވެސް އެކި ކަންކަމާ ގުޅޭ ގޮތުން ގަރާރުތައް ހުށަހަޅުއްވާފައިވާ ޖާބިރު ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ ކޮވިޑް-19 ގެ ސަބަބުން، ރާއްޖޭގެ އެކި ސިނާއަތުތަކުގައި ވަޒީފާ އަދާކުރަމުން ދިޔަ އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލިފައިވާ ކަމަށެވެ. ވަޒީފާ ގެއްލި ދެ މަހެއްހާ ދުވަސް ވެފައިވާއިރު އެތައް ހާސް އާއިލާއެއް ބިކަހާލުގައި ޖެހިފައިވާ ކަމަށާއި އެކަންކަން މެދުވެރިވެފައިވަނީ ކޮވިޑް-19 ފެތުރޭތީ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ދޯހަޅިކަމުގެ ސަބަބުން ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

އެހެންވެ، ދެ ކަމެއް ކުރުމަށް ޖާބިރު ވަނީ ހުށަހަޅުއްވައިފަ އެވެ. ފުރަތަމަ ކަމަކަށް ރާއްޖޭގައި މަސައްކަތްކުރާ އެންމެންނަށް ލިބިފައިވާ ގެއްލުން ތަކުން އަރައިގަނެވެންދެން ނުވަތަ ވަޒީފާ އަދާކޮށްގެން އާމްދަނީއެއް ލިބެން ފެށުމާ ހަމަ އަށް އެމީހުންނަށް ސަރުކާރުން އިނާޔަތް ދެމުން ގެންދިއުން ހިމެނެ އެވެ. އަދި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ރިބައުންޑް ކުރުމަށް ބޭނުންވާ ރިސޯސަސް މިހާރުން މިހާރަށް ގާއިމުކޮށް ދިނުމަށާއި އެކަަމަށް ބިއުރޯއެއް އުފެއްދުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.

ވަޒީފާ ގެއްލުނު މީހުންނަށް އެލަވަންސެއް ދިނުމަށް ގޮވާލައި ޖާބިރު ގަރާރެއް ހުށަހެޅުއްވި އިރު ސަރުކާރުން މިހާރުވެސް އަންނަނީ ވަޒީފާ ގެއްލުނު މީހުންނަށް މަހަކު 5،000ރ. ގެ އެލަވަންސެއް ދެމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލިފައިވާ ނުވަތަ އަސަރުކޮށްފައިވާ މީހުންނަށް މަހަކު 5،000ރ. ގެ މަގުން ވަގުތީ އެހީތެރިކަމެއް ދިނުމަށް ވޯލްޑު ބޭންކުން ވެސް ވަނީ ރާއްޖެ އަށް އެހީ ދީފަ އެވެ. އެ ބޭންކުގެ މާލީ އެހީތެރިކަމާ އެކު، ގާތްގަނޑަކަށް 13،000 މީހުންނަށް 5،000ރ. ގެ މަގުން އެލަވަންސް ދިނުމުގެ ގާބިލުކަން ސަރުކާރަށް ވަނީ ލިބިފަ އެވެ.