ނުރައްކާ ބަޔަކު ދޫވި މައްސަލަ: 64 ސޮފްހާގެ ރިޕޯޓެއް 241 ކޮމިޓީ އަށް!
ނުރައްކާ ބަޔަކު ދޫވި މައްސަލަ: 64 ސޮފްހާގެ ރިޕޯޓެއް 241 ކޮމިޓީ އަށް!

ހަރުކަށި ފިކުރާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގެ ބަދަލު ހިފުމެއްގެ ގޮތުން ހުޅުމާލޭގައި، ތިން ޓޫރިސްޓެއްގެ ގަޔަށް ވަޅި ހެރި މައްސަލައިގައި ތުހުމަތުކުރެވޭ އަށް މީހަކު ދޫވުމުން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީ އަށް ފުލުހުން ހުށަހަޅައިފި އެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ އަށް މީހަކު ދޫވީ ޓެރަރިޒަމްގެ ކުށް ސާބިތުކުރެވޭ ވަރަށް އެކަށީގެންވާ ހެކި ނެތް ކަމަށް ވިދާޅުވެ ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ދައުވާ ނުކުރައްވަން ނިންމެވުމުންނެވެ. ޕީޖީގެ މި ނިންމެވުމާ މެދު ފުލުހުން ހިތްހަމައެއްނުޖެހެ އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު "މިހާރު" އަށް އިއްޔެ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ (241 ކޮމިޓީ) އިން ވެސް މިހާރު ބަލަމުން އަންނަ އެ މައްސަލައިގައި، މުހިއްމު ތަފްސީލްތަކެއް 64 ސޮފްހާގެ ސިއްރު ރިޕޯޓެއްގެ ގޮތުގައި ހިއްސާކޮށްފައިވާ ކަމަށެވެ. ޓެރަރިޒަމް މައްސަލައެއްގެ ތަހުގީގާ ގުޅޭ ކަމަކަށް ވުމުން، ސިއްރު ބައްދަލުވުމެއް ބާއްވައި ކުށްވެރިން ދޫވި މައްސަލައިގައި ޕޮލިސް ކޮމިޝަނަރާއި ޕީޖީއާ އެ ކޮމިޓީން ވަނީ ސުވާލު ވެސް ކޮށްފަ އެވެ.

ކޮމިޝަނަރު ވިދާޅުވި ގޮތުގައި ހުޅުމާލޭގައި ވަޅި ހެރި މަގްސަދާއި އެ މީހުންގެ ރޭވުންތަކާއި އެ މީހުން ދޫވުމުގެ ނުރައްކަލަށް ބަލައި ފުލުހުންގެ ތަހުގީގުން ހޯދާފައިވާ ހެކިތަކާއެކު ދައުވާ ކުރެވޭވަރުގެ ހެކި ނެތް ކަމަށް ވިދާޅުވުމުން އިންޓާނަލީ ވެސް ރިވިއުއެއް ހަދާފައިވާ ކަމަށެވެ. އޭގެއިން ފާހަގަކުރެވުނީ، މައްސަލައިގައި ދައުވާ އުފުލޭނެ ޖާގަ އޮތް ތަން ކަމަށް ވިދާޅުވި އެވެ.

އެ ރިވިއުގައި ބައިވެރިވެވަޑައިގަތީ ކޮމިޝަނަރުގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ތަހުގީގު ޓީމާއި ފުލުހުންގެ އެގްޒެކެޓިވް ބޭފުޅުންތަކަކާއި ތަހުގީގުތަކުގައި އެކި ޑިޕާޓްމެންޓްތަކުގައި އެންމެ އިސްކޮށް އުޅޭ ފުލުހުންނާއި ތަހުގީގުތަކުގައި ބައިވެރިނުވާ ސީނިއާ ދެ ފުލުހަކާއި ރައީސް އޮފީހުގެ ލީގަލް ކައުންސިލް އެވެ.

"އެންމެން އެއް ތަނެއްގައި ތިބެގެން ހަތަރު ގަޑިއިރު ވަންދެން ބެލިއިރު، އަޅުގަނޑުމެން ސެޓިސްފައިވި ހޯދިފައިވާ ހެކިތަކާ މެދު. މިކަން ޕަބްލިކް ޑޮމެއިނަށް އައިސްގެން 241 ކޮމިޓީ އަށް މިކަމާ ގުޅިގެން ކަން ހިނގި ގޮތް ބަޔާންކުރަން އަޅުގަނޑުމެން ވާނެ 64 ސޮފްހާގެ ތަފްސީލީ ރިޕޯޓެއް އަރުވާފައި،" ހަމީދު ވިދާޅުވި އެވެ.

"ކޮމިޓީގެ ބައްދަލުވުމުގައި، އަޅުގަނޑަށް ފެނުނީ، މެމްބަރުންނަށް ވެސް ވަރަށް ބޮޑަށް ކޮންވިންސްވެފައި އޮތީ އެއީ ދައުވާ ކުރެވޭނެ މައްސަލައެއްގެ ގޮތުގައި."

ވަޅި ހެރުމުގެ ތުހުމަތު ކުރެވޭ އަށް މީހުންނަކީ މިނިވަންވެފައި ތިބުމުން މުޖުތަަމައަށް ނުރައްކާވެދާނެ ބައަކަށް ވާތީ، އެ މީހުން ދޫވުމުން ހޯމް މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން މޮނިކޮން އަމުރެއް ހޯދަން އެދިގެން އެ މީހުންގެ ފައިގައި ވަނީ ޓެގު އަޅުވައިފަ އެވެ. އެ އަމުރު ހައި ކޯޓުގެ ފަނޑިޔާރު ނެރެދެއްވީ، މައްސަލައިގައި ފުލުހުން ހޯދި ހެކިތަކަށް ބަލައިގެން ކަން ކޮމިޝަނަރު ފާހަގަކުރެއްވި އެވެ.

ނެޝަނަލް ސެކިއުރިޓީ ކައުންސިލްގައި އޮންނަ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ރިޔާސަތު ބަލަހައްޓަވާ، ސަބް ކޮމިޓީއާ ވެސް މި މައްސަލަ ފުލުހުން ވަނީ ހިއްސާކޮށްފަ އެވެ.

އެ ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވަނީ ހޯމް މިނިސްޓަރާއި ޑިފެންސް މިނިސްޓަރާއި ޕޮލިސް ކޮމިޝަނަރާއި ޗީފް އޮފް ޑިފެންސް ފޯސް އާއި ޕޮލިސް ކޮމިޝަނަރެވެ.

"އެ ކޮމިޓީގައި ވެސް އިއްތިފާގުވީ ދައުވާ ކުރެވެން ޖެހޭނެ ކަމަށް،" ހަމީދު ވިދާޅުވި އެވެ.

"ފުލުހުން، 70 ދުވަސް ވި އިރު ތަހުގީގު އޮތީ ނިންމާފައި. މީގައި 75 ވަނަ ދުވަހާ ހަމައަށް އޮތީ ޕީޖީ އޮފީހުން މައްސަލައާ ހަވާލުވާނެ ގޮތަކާއި ނުވާނެ ގޮތަކާ މެދު ކޮމިއުނިކޭޓް ނުކުރެވި ވެސް. ދެން ބާކީ އޮތް 15 ދުވަސް ތެރޭގައި އައީ ލޮކްޑައުންގެ 15 ދުވަސް. އެ 15 ދުވަހު، ޕީޖީ އޮފީހުގެ އެކި އެކި ޕްރޮސިކިއުޓަރުން އެކިއެކި ތަންތަނުގައި ތިއްބަވައިގެން ފައިލްތަކާއި ފައިލްތަކަށް އެނެކްސްވާ ވީޑިއޯ ފުޓޭޖްތައް ރަނގަޅަކަށް ރިވިއު ކުރެވިފައެއް ނެތް. މިއީ ހަގީގަތަކީ،" ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.

"މީގައި ދެރަ ތަންކޮޅަކީ ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރި ހިސާބުން ހަތަރު މަރުހަލާ އަށް ޕްރޮސިކިއުޓަރުންގެ ޓީމާ ބައްދަލު ކުރެވި ހެއްކާ ބެހޭ ގޮތުން ހޯދިފައިވާ ކުރިއެރުންތަކާ މެދު ވާހަކަ ދެކެވުނު."

ހެކި ހުރެ ރަނގަޅަށް ނުބަލައި ދައުވާ ނުކުރީ ކަމަށް ފުލުހުން ބުނާ ވާހަކަ ޕީޖީ ދޮގުކުރައްވަ އެވެ.

އެ މައްސަލައިގައި ދައުވާ ނުކުރަން ނިންމެވި ނިންމެވުން ދިފާއު ކުރައްވަމުން ޕީޖީ ޝަމީމް "މިހާރު"އަށް ވިދާޅުވީ މައްސަލަ ހިފައިގެން ކޯޓަށް ގޮސް ސާބިތުކުރެވޭވަރުގެ ހެއްކެއް ނެތް ކަމަށެވެ. ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހުން ސައިކަލްތަކުގައި ހުޅުމާލެ އަށް ދިޔަ ކަން ސާބިތުކުރެވުނަސް ހޯދިފައި ހުރި ހެކިތަކުން، ހަމަލާދިން ކަން ސާބިތުކުރަން ފަސޭހަ ނޫން ކަމަށް ޕީޖީ ވިދާޅުވި އެވެ.

"ތުހުމަތަކީ ވަޅި ހިފައިގެން ގޮސް އެ މީހުން ހަމަލާދިނުން. އެ ވަރަށް ހެކި ހުރި ކަމަށް ގަބޫލެއް ނުކުރެވޭ،" ޝަމީމް ވިދާޅުވި އެވެ.

"އަޅުގަނޑު ވެސް ޕާސަނަލީ އެ މައްސަލަ ބެލިން، ފައިލް ދިރާސާކުރިން. އަޅުގަނޑަށް އެނގޭ އޭގައި ހުރީ ކޯއްޗެއް ކަމާއި ފުލުހުން ހުށަހަޅާފައި ހުރީ ކޯއްޗެއް ކަން ތަފްސީލްތައް ވެސް އެނގޭ. އަޅުގަނޑު ބެލިން ޓީމުން ނިންމާފައި ހުރި ނިންމުން ވެސް ރަނގަޅުތޯ ވެސް އަލުން ބަލަން ވެސް ބެލިން،" ޝަމީމް ވިދާޅުވި އެވެ.

ޓެރަރިޒަމްގެ މި ތަހުގީގުގައި، އޮސްޓްރޭލިއާގެ ޓެރަރިޒަމްގެ ތަހުގީގުތަކާ ގުޅޭ ސީނިއާ އިންވެސްޓިގޭޓަރެއް ވަނީ ތަހުގީގު ޓީމަށް އެހީތެރިވެދީފަ އެވެ. މަހެއްހާ ދުވަހު ފުލުހުންގެ ޓީމާ އެކު މަސައްކަތް ކުރިއިރު، ފުލުހުންގެ ތަހުގީގުގައި ހޯދާފައި ހުރި ކުރިއެރުންތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހި، ތުހުމަތު ކުރެވޭ ވަކިވަކި މީހުންނަށް ދައުވާ ކުރެވޭވަރުގެ ކުރިއެރުން ހޯދިފައި ހުރުމުން އެކަން ފާހަގަކުރެއްވި ކަމަށް ހަމީދު ވިދާޅުވި އެވެ.

"މިފަހަރަކު ނެތް ބުނެވޭކަށެއް ތަހުގީގު ފީކަޅައެކޭ. މުޅި ތަހުގީގަށް ބަލާއިރު ހުރެދާނެ ކަންތައްތަކެއް އަދިވެސް. އެކަމަކު ޓެރަރިޒަމްގެ މިފަދަ ކަމަކަށް ވެފައި، ރައްޔިތުންގެ ސަލާމަތަށް އަދި އިންޓަނޭޝަނަލް ކޮމިއުނިޓީން ވެސް ކައިރިން ބަލަމުންދާ ތަހުގީގެއްގައި، ފުލުހުން ވެސް އާދައިގެ ތަހުގީގެއްގެ ގޮތުގައި ނުގެންދާނެ، ތަހުގީގު ކުރީ ގާބިލް ފުލުހުންތަކެއް،" ކޮމިޝަނަރު ވިދާޅުވި އެވެ.

މި މައްސަލައިގައި ދައުވާ ކުރަން އޮންނަ މުއްދަތު ވެސް ހަމަވެފައިވުމާ އެކު ދެން ޖެހޭނީ ޝަރުއީ ދާއިރާ އިން ގާނޫނީ ހައްލެއް ހޯދާށެވެ. ދޫވި އަށް މީހުންނަށް ދައުވާ ކުރުމުގެ ފުރުސަތު ބަންދުވެފައި އޮތަސް މި މައްސަލައިގެ ތަހުގީގުގައި އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން އަދިވެސް އަންނަނީ ބަލަމުން ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި މިފަދަ ބޮޑެތި ތަހުގީގުތަކުގައި، މިހާރަށް ވުރެން ބޮޑަށް ފުލުހުންނާއި ޕީޖީ އޮފީސް މުއާމަލާތް ކުރުން ރަނގަޅުކޮށްފި ނަމަ ވެސް ކުރިއެރުމެއް ލިބިދާނެ އެވެ.

ވަޅި ހެރި މައްސަލާގައި ތުހުމަތުކުރެވޭ މީހުންނަށް ދައުވާ ނުކުރެވި ދޫވުމުން ފުލުހުން ވަނީ އެ މީހުންގެ މައްސަލަ ހައި ކޯޓަށް ހުށަހަޅައި މޮނިކޮން އަމުރެއްގެ ދަށުން އެ އެންމެންގެ ފައިގައި ޓެގް އަޅުވައި މޮނިޓަކުރަން ފަށައިފަ އެވެ.