23 ޖޫން 2020 - 09:08

ޒިންމާގެ ގޮތުން އޭނާ ހިމާޔަތުގެ ދަށުގައި ހުރި ރާއްޖޭގެ ރައީސް ހާލިދަކީ އޭނާގެ ބައްޕައޭ، ހިތަށްއަރާނީ ވެސް ކިހިނެއް ހެއްޔެވެ؟ މަންމަގެ ފުރަތަމަ ލޯބިވެރިއެއްގެ ގޮތުގައި އެފަދަ ސަކަރާތެއް ރައީސް ގަނެފައި އޮވެދާނެ ކަމަށް، އޭނާގެ ވިސްނުމުގެ، އޭނާގެ ހިޔާލުތަކުގެ އެއްވެސް ހިސާބަކަށް އަރާފައެއް ނުވެ އެވެ.
އޭނާ ލޯ ފޮހެލި އެވެ. އެކަމަކު އޭރު ގިސްލުން ހުއްޓައެއް ނުލެވުނެވެ. ދެން އަނެއްކާވެސް ބާރަށް ކަރުނަތައް ފައިބައި ގަތީ އެވެ. ފާހާނާ ތެރެއިން އަޑެއް ބޭރުވިޔަ ނުދޭންވެގެން، އަނގަ މަތީގައި އޭނާއަށް އަތް އެޅުނެވެ. އެއީ މީގެ ކުރިން ދުވަހަކު ވެސް އޭނާއަށް ވީ ގޮތެއް ނޫނެވެ. މަންމަ މަރުވެފައި އޮތް ތަން ފެނުމުން ވެސް އޭނާއަށް ހުއްޓުން އަރާފައި ހުރެވުނީ އެވެ. މަރުވިޔަސް އަދި ފަހުން އަންނާނެއޭ ހިތަށްއެރި އެވެ. މާމަމެން ކައިރިއަށް އަނބުރާ ގެންދިއުމުން ވެސް، މަންމަގެ ވަކިވުމަކީ މުޅި އުމުރު ދުވަހަށް ދެމިގެންދާނެ ކަމެއް ކަމަކަށް ހިއެއްނުކުރެ އެވެ. އެހެންކަމުން ގިސްލާފައި ރުއިމަކީ، އޭނާގެ ހަޔާތުގައި، ދިމާވި ކަމެއް ނޫނެވެ.
އޭނާ ފާހާނާ ތެރޭގައި ހުރީ އެވެ. މާމައަކީ ދުނިޔޭގެ މި ހަޔާތުގެ ތަޖުރިބާ ލިބިފައި ހުރި މީހެކެވެ. އެހެންކަމުން އޭނާއަށް ގޮވައި، އުނދަގޫކުރާކަށް ބޭނުމެއް ނުވި އެވެ. އޭނާ ގިސްލާނެ ވަރަކަށް، ކަރުނަ ބާލާނެ ވަރަކަށް، ދޫކޮށްލީ އެވެ.
ދުނިޔޭގެ ހަގީގަތްތަކާ ދުރަކަށް ނުދެވޭނެ އެވެ. އެއީ މިވަގުތު ފާހާނާ އިން ނުކުންނަ ތަނުން ވެއްޓި މަރުވުން ކަމަށް ވިޔަސް، އަދި ނުކުންނަ އިރު މާމަ މަރުވެފައި އޮތުން ކަމަށް ވިޔަސް، ހަގީގަތް ވާނީ ހަގީގަތަށެވެ. އޭނާ ސިފައިންގެ ވަރުގަދަ ތަމްރީންތަކުގައި އެމެރިކާ އާއި އިންޑިއާ ފަދަ ގައުމުތަކުގެ އެންމެ މަތީ ފެންވަރުގެ ފަހުލަވާނުންނާ ވާދަކުރި އިރު، ކޮންމެ ކަމަކުން ވެސް އެންމެ ކުރީގައި އުޅުނެވެ. އެއީ ހަގީގަތެވެ. ބިޔަ ހަށިގަނޑެއް ނަމަވެސް، އޭނާގެ ހަރަކާތްތައް އަވަސްވެފައި، ލުއިކަމުން، އެހެން މީހުން ހައިރާންވި އެވެ. އެކަމަކު އެއީ އޭނާއަށް ލިބިފައި ހުރި ގުދުރަތީ ހުނަރުތަކެވެ. އެއީ ހަގީގަތެވެ. އޭނާއަށް ރައީސްގެ ބޮޑީގާޑުކަން ލިބުނީ ބޭނުންވެގެން، އަދި އެކަން ކުރަން ހިތުގައި ނިޔަތެއް ވެސް އޮވެގެންނެއް ވެސް ނޫނެވެ. އެކަމަކު ސިފައިންގެ އިސް އޮފިސަރުން ނިންމީ، އޭނާގެ އިސްކޮޅާއި ހަށިގަނޑާއި ސިފަޔަށް ބަލާފައި، އެފަދަ ސިފައިންގެ މީހަކު ރައީސް ކައިރީގައި ބަހައްޓައިފި ނަމަ، އެހެން މީހުންނަށް ފެންނަ މަންޒަރު ތަފާތުވާނެ ކަމަށެވެ. އެއީ ހަގީގަތެވެ. ރައީސްގެ އެންމެ ކައިރި ހަށިފާރަވެރިޔާގެ ވާހަކަ އާންމުންގެ ތެރޭގައި މިހާރު ވެސް އޮތީ މަޝްހޫރުވެފަ އެވެ. ހިނިތުންވުމެއް ނެތް، އެކަމަކު އެހާ ސުމާޓް މީހެއްގެ ގޮތުގަ އެވެ. އެއީ ހަގީގަތެވެ. ރައީސްގެ ހަފުލާތަކާއި ދާ ތަންތަނުގެ އަންހެން ކުދިން އޭނާއާ ދިމާއަށް ކަަޅިޖަހާ ނުލައި ބަލަހައްޓައިގެން ތިބޭކަން އެނގެ އެވެ. އެއީ ހަގީގަތެވެ. އޭނާ ދެކެ ސިފައިންގެ ގިނަ ބަޔަކު ޖެހިލުންވެ އެވެ. އޭނާ ހުންނަ ހިސާބެއްގައި ކޮންމެ ކޮންމެ ވާހަކައެއް ދައްކާކަށް ވެސް ނުކެރެ އެވެ. އެއީ ހަގީގަތެވެ.
މި ހުރިހާ އެއްޗެއް ހިތަށްއެރުމުން އޭނާގެ ވިސްނުމުގެ ނަޒަރު ހަގީގަތާ ދިމާއަށް އެނބުރުނެވެ. އޭނާއަށް ހިތްވަރު އަ އެވެ. އޭނާ ލޯ ފޮހެލި އެވެ. އަތް ދޮންނަ ތަށީގެ މަތީގައި ހަރުކޮށްލާފައި ހުރި ލޯގަނޑުން މޫނު ބަލައިލި އެވެ. ލޮލުގައި ކުރިން ނުފެންނަ ރަތްކަމެއް ހުއްޓެވެ. އަޑުން އަޑު ނަގާފައި ނުރޮވުނަސް، ލޮލުން އަންނަ ކަރުނައިން މީހާގެ ލޯ ތެރެ ހަރާބުކޮށްލަ އެވެ. އެކަން އެ އޮތީ ވެފަ އެވެ. އެކަން އެ ނިމުނީ އެވެ. އޭނާ މޫނު ދޮވެލި އެވެ. ތަށި މަތީގައި ބަހައްޓާފައި ހުރި ޓިޝޫއިން ފޮހެލި އެވެ.
ހަގީގަތާ ކުރިމަތިލަމުން، އޭނާ ފާހާނާއިން ނުކުތެވެ. މާމަ އޮތީ އޭނާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. އޭނާ ގޮސް މާމަ ކައިރީގައި އިށީނދެ، މާމަގެ އަތް ތިލާގައި މަޑުމަޑުން ހިފަހައްޓާލި އެވެ.
"ވަރިހަމަތަ ބޭބެ ގެނެޔަސް، އަހަރެން ގެޔަށް ދިޔަސް؟" މަޑުމަޑުން އެކަމަކު ލޯބިން އަހާލި އެވެ.
"ދަރިފުޅު އަނެއްކާ ގޯސް ކަމެއް...."
"އަހަންނެއް ގޯސް ކަމެއް ނުކުރާނެ. ހަމަ ބޭނުންވީ ކޮޓަރީގައި އޮވެ ނިދާލަން. މާދަމާ ހެނދުނު މާމަ ކައިރިއަށް އަންނާނަން،" އޭނާ ބުންޏެވެ.
"ގުޅާ އެހެންވިއްޔާ ބޭބެއަށް،" މާމަ ބުނެލި އެވެ.
މާ ގިނައިރެއް ނުވެ، އޭނާގެ ބޮޑުބޭބެ ހޮސްޕިޓަލަށް އައިސް ކޮޓަރިއަށް ވަނެވެ.
ޔޫނުސް ހޮސްޕިޓަލުން ނުކުމެގެން، ސައިކަލަށް އަރާފައި ފުރަތަމަ ދިޔައީ ގެޔަކަށް ނޫނެވެ. އޭނާ މަޑުމަޑުން، ވިސްނަމުން، ހިތްވަރު ހޯދަމުން، ސިފައިންގެ ވަރުގަދަ އަޒުމްގެ މަތިން ހަނދާންކުރަމުން މާލެ ވަށައި ބުރެއް ޖަހާލީ އެވެ. އޭނާއަށް ފެނުނީ އެކި ކޮޅުކޮޅަށް ދުއްވާ ވެހިކަލްތަކެވެ. ހިނގާ މީހުންނެވެ. އޭނާއަށް ވިސްނުނީ އެއިން ކޮންމެ މީހެއްގެ ހަޔާތުގައި ވެސް ސިއްރުތައް ހުންނާނެ ކަމެވެ. ރޯނެކަމެވެ. ހޭނެކަމެވެ. ބިރުގަންނާނެކަމެވެ. ހައިރާންވާނެކަމެވެ. އެކަމަކު ގާތްގަނޑަކަށް އެ އެންމެންހެން، މި ހަޔާތް ނިމެންދެން، ކެތްތެރިކަމާ އެކު އުޅެ އެވެ. ހިތްވަރުކުރެ އެވެ. ހަގީގަތާ ކުރިމަތިލަ އެވެ.
އޭނާގެ ހަޔާތުގެ ބޮޑު ސިއްރަކީ ވެސް ހަގީގަތެކެވެ. އެހެންކަމުން އެ ހަގީގަތް އޭނާ ހިތުގެ އަޑިން ގަބޫލުކުރި އެވެ. ދެން އޮތީ އެ ކަށަވަރުކަން މަތީގައި ދިރިއުޅުން ކުރިއަށް ގެންދިއުމެވެ. އޭނާގެ ބައްޕަ ނުވަތަ ރައީސް ހާލިދުގެ ހިމާޔަތުގައި އޭނާގެ ޒިންމާ އަދާކުރުމެވެ.
---
ރައީސް ބޭނުންވެއްޖެ ކަމެއް ވެދެ އެވެ. މިއީ ބާރުގަދަ ރައީސެކެވެ. ޑިފެންސް މިނިސްޓަރާއި ސިފައިންގެ މަތީ އޮފިސަރުންނަށް "އަޅާލައިގެން" ނަމަވެސް ބޭނުންވި ކަންތައް ކޮށްފި އެވެ. އެ އެންމެންނަށް ރައީސް އެންގީ، ހަނިމާދޫ ފަޅުގައި ކޯސްޓް ގާޑުގެ ލޯންޗުތައް އޮތަސް އެންމެ ރަނގަޅު ކަމަށެވެ. ނަމަވެސް އޭނާ ދަތުރުކުރާ ލޯންޗުގެ ފަހަތުން އައިސްގެން ނުވާނެ ކަމަށް ބުނެ ކުރީ އަމުރެވެ. އެހީއެއް ބޭނުންވެއްޖެ ނަމަ، އޭނާގެ ހާއްސަ ބޮޑީގާޑުން އެކަން އަންގާނެ އެވެ. އާދެވޭ ވަގުތެއްގައި އަންނަންވީ އެވެ.
މިހާރު ރައީސް ހާލިދު އެ އިނީ، ޔޫނުސްއާ އެކު، ކުޑަ ޑިންގީގަ އެވެ. ހަނިމާދޫން ފިއްލަދުއާ ހަމައަށް ދަތުރުކުރި ލޯންޗުގެ ބޮކިތައް ނިންވާލާފައި، ފިއްލަދޫގެ އުތުރު ފަރާތުން ބޭރުގައި އެޅީ އެވެ.
އުޑުމަތީގައި އެއްވެސް އަލިކަމެއް ނެތެވެ. ޑިންގީ ކުރިއަށް ދިޔައީ ޔޫނުސްގެ ބާރުގެ ދަށުންނެވެ. ޑިންގީގެ ހުންގާނު ހުރީ ކުރީކޮޅުގަ އެވެ. ރައީސް ހުރީ އޭނާއާ ޖެހިގެން ހަމަ ކޮޅަށެވެ. ކަނޑުގައި ރޮނގެއްހާ ވަރު ވެސް ނެތެވެ. އެހާ މަޑު ރެއަކާ، މި މަސައްކަތާ ދިމާވިކަން ރަނގަޅޭ ޔޫނުސްގެ ހިތަށްއެރި އެވެ. އެކަމަކު އޭނާ ދުއްވަމުން ދިޔައީ ވަރަށް ބަލައިގެން، ފިއްލަދޫގެ ފަރުމައްޗަށް ނާރާނެހާ ދުރުންނެވެ.
"މިއީ އަހަރެމެން ދެ މީހުންގެ މެދުގައި އޮތް ސިއްރެއް. މަށަށް އެނގޭ އެތައް ފަހަރަކު މިހެން ބުނެވިއްޖެކަން ވެސް،" އިންޖީނުގެ އަޑުން ހިމޭންކަން ގެއްލިފައި އޮތް މާހައުލުގެ ތެރެއިން، ރައީސް ހާލިދު ބުނި އަޑުއިވުނެވެ.
"ރައީސް ކުރާ އެއްވެސް ކަމެއްގެ ވާހަކަ އަހަންނެއް ނުދައްކާނަން. އެއީ ސިއްރު،" ޔޫނުސް ވަރަށް ސާފުކޮށް ޖަވާބުދިނެވެ.
"ތެދަށް ބުނަންޏާ އަހަންނަކަށް ނޭނގެ އެއީ ކޮން ކަހަލަ، ކިހިނެއް ހުންނަ އަންހެނެއް ކަމެއް ވެސް. މިއީ ވެސް ހޯދަން ޖެހޭ ފިލާވަޅެއް. މި ހުރިހާ ރިސްކެއް ވެސް ނަގަމުން ވެރިކަން ކުރެވޭނީ،" ރައީސް ހާލިދު ބުންޏެވެ.
އެ ވާހަކައަށް ދޭނެ ޖަވާބެއް، ޔޫނުސްގެ ނެތެވެ. އެއީ ރައީސްގެ އަމިއްލަ ނިންމުމެކެވެ. އެހެންކަމުން އޭނާ ވާހަކައެއް ނުދައްކަ އެވެ.
"އެއްވެސް ކަމެއް ވެއްޖެއްޔާ މަޑުނުކުރާތި، ކޯސްޓް ގާޑަށް ގުޅާތި. އަހަންނަށް ވަރަށް ޔަގީން، އެގޭ ތެރެއިން މީހަކަށް ޔޫނުސްއާ ކައިރިނުވެވޭނެކަން،" ރައީސަށް އޭނާއާ މެދު އޮތް އިތުބާރު ބޮޑުކަން ދައްކައިދޭންވެގެން ބުންޏެވެ.
"ރައީސަށް އިރާދަކުރެއްވިއްޔާ ކަމެއް ވިޔަކަނުދޭނަށް،" ފަރުވާތެރިކަމާ އެކު ކުރިމައްޗަށް ބަލަހައްޓައިގެން ހުރެ، ޔޫނުސް ކުރުކޮށް ޖަވާބު ދިނެވެ.
"އަހަރެންގެ ހިތަށްއަރަނީ ރާއްޖޭގެ ރަށްރަށުގައި ވެސް ހާދަ ބޮޑެތި ސިއްރުތަކޭ މި ހުންނަނީ. އެދައިތަގެ ވާހަކަ ވެސް އެ އެނގެނީ ހާދަ މަދު މީހަކަށޭ. ފިއްލަދޫގެ ރައްޔިތުންނަށް ވެސް އެދައިތައާ ބެހޭ މާ ގިނަ މައުލޫމާތެއް ނޭނގޭ. ހުސް ސިއްރު،" ރައީސް ހާލިދު ބުންޏެވެ.
އެ ވާހަކައަށް ދޭނެ ޖަވާބު އެބަ ހުއްޓެވެ. އެކަމަކު ޔޫނުސް ނިންމީ އަނގައިން ނުބުނާށެވެ. ރައީސް ހާލިދުގެ އަމިއްލަ ހަޔާތުގައި ހުރި ސިއްރުތަކާ މެދު ނުވިސްނޭ ކަމަށް ވަންޏާ އެ ވާހަކާގައި ހިފުމުގެ ބޭނުމެއް ނުފެނުނެވެ. ކޮނޑާކޮނޑު ޖެހިގެން އެ ހުރީ އަމިއްލަ ދަރިފުޅުކަން ރައީސަކަށް ނޭނގެ އެވެ. މީގެ އަށާވީސް އަހަރު ކުރިން ގެންގުޅުނު ލޯބިވެރިޔާ، އޭނާގެ ދަރިއަކަށް ވިހޭ ކަމެއް، ރައީސަކަށް ނޭނގެ އެވެ. އަދި ކިތައްމެ ބޮޑު އިއްތިފާގަކުން ނަމަވެސް، މިވަގުތު މި އަނދިރީގައި، މި ބޮޑު ކަނޑާއި ފަޅުގައި، ރައީސް އެހުރީ އޭނާ ގަބޫލުނުކުރި ދަރިފުޅުގެ ހިމާޔަތުގެ ދަށުގައި ކަމެއް ވެސް ނޭނގެ އެވެ. މި ހުންނަނީ، ބައްދަލުކުރަން އެ އުޅޭ މުސްކުޅިޔާގެ ސިއްރުތައް ނޫނަސް، ރައީސްގެ އަމިއްލަ ހަޔާތުގެ ވެސް މުހިންމު ސިއްރުތަކެވެ.
"ރަނގަޅަށް ވާހަކަ ވެސް ނުދެއްކޭހާ ވަރަށް ސަމާލުވެގެން ދޯ ތިހުރީ،" ޔޫނުސް އެއްޗެކޭ ނުބުނުމުން، އެކަނިވެރިކަން ފިލުވާލުމުގެ ގޮތުން، އެންމެ ފަހުން ރައީސް އަހާލި އެވެ.
"މި ހިސާބުގައި ދުވަހަކު ވެސް އަމިއްލައަކަށް އެއްޗެއް ނުދުއްވަން. އެހެންވެ ވަރަށް ބަލައިގެން މި ދަނީ،" ޔޫނުސް ޖަވާބު ދިނެވެ.
"ރަނގަޅު. މަ ވެސް ދެން ވާހަކައް ނުދައްކާނަން،" ހަށިފާރަވެރިޔާއަށް އެއްބަސްވުމުގެ ގޮތުން ރައީސް ވެސް މައިތިރިވި އެވެ.
ފިއްލަދުއާ ދިމާއަށް ޑިންގީ އަނބުރާލީ، މީހުން ނޫޅޭ ހިސާބާ ހަމައަށް ގޮސްފަ އެވެ. ދެން ޑިންގީގެ ހުރިހާ ބޮތްކެއް ނިންވާލައި، މަޑުމަޑުން ގޮނޑުދޮށަށް މިސްރާބު ޖެހި އެވެ. ސީދާ ހުދު ވެލިގަނޑަށް ޑިންގީ އަރުވާލީ އެވެ. ދެން ޔޫނުސް ވެލިގަނޑު މައްޗަށް ފުންމާލައި، ހުރަހަށް ވާ ގޮތަށް ލޯންޗު އެއްގަމަށް ޖައްސާލި އެވެ. ރައީސް ބޭލީ އޭގެ ފަހުންނެވެ.
ރަށުތެރެއަށް އަރަން އޮތް މަގު ހޯދަން އިރުކޮޅެއް ނެގި އެވެ. ދެން ރައީސް ހާލިދާއި ޔޫނުސް އެކުއެކީގައި ކަހަލަ ގޮތަކަށް، ރަށުގެ އެންމެ އުތުރު ގެ ފެނޭތޯ ބަލަމުން ދިޔަ އެވެ. އަލިކޮށްދެނީ ޔޫނުސްގެ އަތުގައި އޮތް ވަރުގަދަ ބައްތިންނެވެ. ވަކި ހިސާބަކަށް ދެވުނު ތަނުން އަނދިރީގެ ތެރެއިން އެ ދެ ގެ ފެނުނެވެ. އެކަމަކު ދެ ގޭގައި ވެސް ހުރީ، ކަރަންޓްގެ ބަދަލުގައި ބައްތި ދިއްލާފައިކަން އެނގުނެވެ.
"މިއީ ކަރަންޓް ވެސް ބޭނުންކުރާ ބައެއް ނޫންތަ؟" ރައީސަށް ބުނެވުނެވެ.
ޔޫނުސް އެއްޗެކޭ ނުބުނެ، ރައީސާ އެކު ހިނގަމުން ދިޔައީ އެވެ. ގެއާ ހަމައަށް ދެވުނު އިރު، އޭގެ ތެރެއިން ބޮޑުކޮށް ހުރި ގޭގެ ދޮރުމަތިން ބޭރުގައި، ހުދު ގަމީހާއި ހުދު މުންޑު އަނދެ، ބޮލުގައި ހުދު ފޮތިގަނޑެއް އައްސާފައި ހުރީ، އިސްކޮޅުން ދިގު ވަރުގަދަ ވީރު މުހައްމަދެވެ. ރައީސަށް ވުރެ ކުރިން، އޭނާގެ ކުރިމައްޗަށް ހުއްޓުނީ ޔޫނުސް އެވެ.
"މިހިރީ ރާއްޖޭގެ ރައީސް ހާލިދު. ރައީސް ބޭނުންވަނީ މުސްކުޅި އަންހެންމީހާއާ ބައްދަލުކުރަން،" ޔޫނުސް ބުންޏެވެ.
"ނަމަކީ ދަލޭކަދައިތަ. މުސްކުޅި އަންހެނެކޭ އެކަކު ވެސް ނުކިޔާނެ،" ވީރު މުހައްމަދު، އެއްވެސް ޖެހިލުމެއް ނެތި، ބުންޏެވެ.
"އެހެންވިއްޔާ ދަލޭކަދައިތަ. ކޮބާ އޭނާ؟" ޔޫނުސް ސުވާލުކުރި އެވެ.
"ކަލޭ މި ތަނުގައި ގުޑާ ވެސް ނުލައި މަޑުކުރޭ. އަހަރެން ދާނަން ރައީސް ގޮވައިގެން،" ވީރު މުހައްމަދު، ހަރުކަށި ރާގެއްގައި ބުންޏެވެ.
ޔޫނުސް ބަލައިލީ ރައީސް ހާލިދަށެވެ. ޖަވާބުގައި އޭނާ ބޯ ޖަހާލި އެވެ. ދެން ވީރު މުހައްމަދާ އެކު ހިނގައިގަތެވެ.
"ބިސްމިން ކިޔާފައި އޮޅިގަނޑުން ގިރާކުރަން ޖެހޭނީ. ދަލޭކަދައިތަ ބުނުމުގެ ކުރިން ގޮނޑީގައި އިށީދެގެން ނުވާނެ،" ކުޑަކުޑަ ގޭގެ ދޮރާ ހަމައަށް ދެވުމުގެ ކުރިން، ވީރު މުހައްމަދު ބުންޏެވެ. ދެން ރައީސް ހާލިދަށް، އެ ގެއަށް ވަންނަން ތަން ދެއްކި އެވެ. ރައީސް ވަނުމާ އެކު، އޭނާ ގޮސް ހުއްޓުނީ ޔޫނުސްގެ ކުރިމައްޗަށެވެ. އެއްވެސް ވާހަކައެއް ނުދައްކާ ބަލަހައްޓައިގެން ހުރީ އެވެ.
"ރައީސް ހިމާޔަތްކުރުމަކީ އަހަރެންގެ ޒިންމާއެއް،" ޔޫނުސް ބުންޏެވެ.
"ދަލޭކަދައިތަ ކައިރިއަށް އަންނަ މީހުން ތިބޭނީ އަހަރެންގެ ހިމާޔަތުގައި،" ވީރު މުހައްމަދު ރައްދުދިނެވެ.
"އެއީ އާންމު މީހެއް ނޫން، އެއީ މި ގައުމުގެ ރައީސް. ކަލޭ ވެސް، ދަލޭކަދައިތަގެ ވެސް ރައީސް،" ޔޫނުސް ބުންޏެވެ. އޭނާ ބޭނުންވީ ރައީސްގެ ސަލާމަތާ ބެހޭ ކަންކަން، އެހާ ފަސޭހައިން އެހެން ބައެއްގެ އަތްމައްޗަށް ދޫކޮށްލެވެން ނޯންނާނެ ކަމެވެ.
ވީރު މުހައްމަދު ވަކި އެއްޗެކޭ ނުބުނެ އެވެ.
ދެން ފެނުނީ ވީރު މުހައްމަދުގެ ފަހަތަށް ވާ ގޮތަށް ހުރި ގޭގެ ދޮރު ހުޅުވާލައިފައި، ދިވެހި ރަތް ލިބާހުގައި ތިބި ހަތަރު އަންހެނަކު ނުކުތް ތަނެވެ. އޭގެ ތެރެއިން އެކެއްގެ ބޮލުގައި، ފެން ބަނޑިޔަލެއް، އަނެކަކު އަތުގައި ކުޑަކުޑަ ހުސް ތެއްޔެއް އޮތެވެ. އެމީހުން ހިނގާފައި ގޮސް މަޑުކުރީ ދަލޭކަދައިތަ އޮތް ގޭގެ ކުރިމައްޗަށެވެ. އެވަގުތު ރައީސް ހާލިދު، ގެއިން ނުކުތެވެ. ހަތަރު އަންހެނުން ވަދެ، އެތެރެއިން ދޮރު ލެއްޕި އެވެ. ރައީސް ހުރީ ގޭގެ ދޮރުމަތީގަ އެވެ. ޔޫނުސް ކައިރިއަށް އަންނާކަށް ބޭނުމެއް ނުވި އެވެ. އެހެންކަމުން ރައީސް ކައިރިއަށް ދާން އޭނާ ހިނގައިގަންނަން އުޅުނެވެ. އެވަގުތު ވީރު މުހައްމަދުގެ ކަނާތް ދިއްކޮށްލައި، އެކަން މަނާކުރި އެވެ.
"ބައްދަލުވުމެއް އަދި ނުނިމޭ. އެ އަންހެނުންތައް ނުކުތީމާ އަލުން ވަންނާނެ،" ވީރު މުހައްމަދު ބުންޏެވެ.
އެ ވާހަކައަށް އަޅާލުމެއް ނެތި ޔޫނުސް ބެލީ ރައީސްގެ އިޝާރާތަކަށެވެ. ރައީސް ހަމަ ހުރި ގޮތަށް ހުރީ އެވެ. އެހެންކަމުން އޭނާ ހިނގައިނުގަނެ މަޑުކޮށްލި އެވެ.
މާ ގިނަ އިރެއް ނުވެ، ދޮރު ހުޅުވާލައިފައި ހަތަރު އަންހެނުން ނުކުމެ، އެއްވެސް މީހަކާ ދިމާއަށް ބަލައިލުމެއް ވެސް ނެތި، ގޮސް އަނެއް ގެއަށް ވަދެ، ދޮރު ލެއްޕި އެވެ. އޭރު ރައީސް، އަނެއް ގެއަށް ވަދެއްޖެ އެވެ.
ދަލޭކަދައިތަ އާއި ރައީސް ހާލިދާ ދެމެދު ހިނގަމުން ދާ އެއްވެސް ކަމެއް، ޔޫނުސްއަކަށް ރޭކައެއް ނުލަ އެވެ. އެގެ ދޮރު ކައިރިއަށް ދެވޭނެ ގޮތެއް ވެސް ނެތެވެ. އެހެންކަމުން އޭނާއަށް އޮތީ ރައީސް ނުކުންނާނެ އިރަކަށް އިންތިޒާރުކުރުމެވެ. އެކަމަކު އެއީ އޭނާއާ ހަވާލުކޮށްފައި އޮތް ޒިންމާ އަދާނުކުރުމެވެ. އޭނާ އަސްލު ހުންނަން ޖެހޭނީ އެ ކުޑަ ގޭގެ ދޮރުމަތީގަ އެވެ. ރައީސްއާ އެންމެ ކައިރި ހިސާބުގަ އެވެ.
"އަހަންނަށް އެބަ ހީވޭ ރައީސަށް ކަމެއް ވާހެން،" ޔޫނުސް ބުންޏެވެ.
"ރައީސް އެގެއިން ނުކުމެގެން އެނބުރި ދާނީ ސަލާމަތުން،" ވީރު މުހައްމަދު ރައްދުގައި ބުންޏެވެ.
"ކަލޭމެންގެ އާދަތައް ކަމަކުނުދޭ. ތިއީ މިހާރުގެ ދިވެހިން އުޅޭ ގޮތެއް ނޫން،" ޔޫނުސްއަށް ބުނެވުނެވެ.
ވީރު މުހައްމަދު އިތުރު ވާހަކައެއް ނުދައްކަ އެވެ. އޭނާގެ އެ ހަރުދަނާ، ފުން ނަޒަރު ޔޫނުސްއަށް ހުއްޓިފަ އެވެ. ޔޫނުސްގެ މޫނު މަތިން ވެސް ފެންނަނީ ހަރުދަނާކަމާއި ގޮތްދޫނުކުރުމުގެ އަސަރުތަކެވެ. ދެ މީހުންގެ ހިތަށް އަރަމުން ދިޔައީ، "މިއީ ހާދަ ގޮތެއްގައި ހުންނަ މީހެކޭ" އެވެ.
ދެ މީހުން ހަމަ ތިބީ އެވެ. ޔޫނުސްގެ ނަޒަރު ގިނަ ފަހަރަށް ހުއްޓިފައި ހުންނަނީ ރައީސް ވަދެ އިން ގޭގެ ދޮރަށެވެ. ހަމަ ދެންމެއަކު ނުކުމެދާނެއޭ، އޭނާގެ ހިތް ބުނެ އެވެ. އެކަމަކު އެ "ދެންމެއަކު" ނައިސް، ވަގުތު ދިޔައީ ހިނގަމުންނެވެ. ލަަސްވާ ވަރަކަށް އެހެން ސިފައިންގެ ކަންބޮޑުވުން އޮންނާނެ އެވެ. ކޯސްޓް ގާޑުގެ އެންމެ ބޮޑު އެއް އުޅަނދު އޮތީ، ހަނިމާދޫގައި ތައްޔާރީ ހާލަތުގަ އެވެ. އާދައިގެ ކަމެއް ނަމަ، ރައީސްގެ ފަހަތުން އައިސް ބަނދަރުކުރާނީ، ފިއްލަދޫ ފަޅުގަ އެވެ. އެކަމަކު މިއީ އާދައިގެ ކަމެއް ނޫނެވެ. މިއީ އާދައިގެ ބައެއް ނޫނެވެ.
ކުރިމަތީގައި ހުރި، އޭނާ ކަހަލަ ވަރުގަދަ އެކަމަކު އުމުރުން ދުވަސްވީ މީހާއާ ދެކޮޅަށް އެއްވެސް ކަމެއް ކުރެވޭކަށް ނެތެވެ. އޭނާ ބުނާ ގޮތް ނުހައިދި ނަމަ ވާނީ ރައީސްގެ އަމުރަށް ނުކިޔަމަންތެރިވުމަށެވެ. އޭނާއަށް އޮތީ ރައީސް ނުކުތުމުން، ގޮވައިގެން ޑިންގީއަށް އަރުވައި، ނައްޓާލުމެވެ. އެހެން މީހަކާ ދެކޮޅަށް އަތް ވެސް އުފުލައިލެވޭނީ، ރައީސްގެ ހުއްދަ ލިބިގެންނެވެ. އެކަމަކު ރައީސް ހާލިދު، ނުވަތަ އޭނާގެ ބައްޕަ އެފަދަ ހުދައެއް ނުދެ އެވެ. އަދި އެ ގޭތެރޭގައި ރައީސް އާއި އެ ދަލޭކަދައިތައާ ދެމެދު ހިނގަމުންދާ އެއްވެސް ކަމެއް އޭނާއަކަށް ނޭނގެ އެވެ.
ގަޑިއެއްހާ އިރު ފަހުން ރައީސް ހާލިދު މަޑުމަޑުން ގެއިން ބޭރަށް ފިޔަވަޅު އެޅި އެވެ. ޔޫނުސް އާއި ވީރު މުހައްމަދު ވެސް ބަލައިލީ އެ ދިމާއަށެވެ. ރައީސްގެ ހިނގުން މަޑެވެ. ހީވީ ހިތާމަވެރި ހަބަރެއް ނުވަތަ، ގަބޫލުނުކުރެވޭ ފަދަ ވާހަކައެއް އަޑުއިވި، މަޑުމައިތިރިކަމެއް ވެރިވެފައި ހުރިހެންނެވެ.
"ހިނގާ ދަމާ!" ޔޫނުސްއާ ދިމާއަށް ވެސް ބަލައިލުމެއް ނެތި، ރައީސް ބުންޏެވެ.
އައި މަގުން ގޮސް އަތިރިއަށް ފޭބި އެވެ. އަނދިރިކަން ކުރިއަށް ވުރެ ވެސް ބޮޑެވެ. އެކަމަކު ޔޫނުސްގެ އަތުގައި އޮތް ބައްތިން ހިސާބުގަނޑު އަލިކޮށްލި އެވެ. ރައީސް އެރުވުމަށް ފަހު އެކަނިމާއެކަނި ޑިންގީ މޫދަށް އެއްކޮށް ބާލައި، އޭނާ އެރި އެވެ.
ދުއްވަމުން ދިޔަ އިރު، ކުރިއެކޭ އެއްގޮތަށް ރައީސް އޭނާގެ ކައިރީގައި، ހުންގާނު ގެގަނޑުގެ މަތީގައި ހިފަހައްޓާލައިގެން ހުއްޓެވެ. އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެ ދަލޭކަދައިތަގެ ކައިރިއަށް އެ އައީ ޔަގީނުން ވެސް އުފާވެރި ހަބަރުތަކެއް ހޯދާށެވެ. އެކަމަކު ރައީސް ހާލިދު އެ ހުރީ، ހިމޭންކަމުގެ ތެރެއަށް ގެއްލިފަ އެވެ. މިވީ ކިހިނެއް ހެއްޔެވެ؟ ޔޫނުސްގެ ހިތަށްއެރި އެވެ. އެކަމަކު ސުވާލުކުރުމަކީ، އޭނާގެ ޒިންމާއެއް ނޫނެވެ.
"އެއީ އާދަޔާ ހިލާފު މީހެއް،" އެންމެ ފަހުން ރައީސް ބުނި އަޑު އިވުނެވެ.
ޔޫނުސް ހަމަ ހުރީ އެވެ. އޭނާގެ ކިބާގައި އޭގެ އެއްވެސް މައުލޫމާތެއް ނެތެވެ.
"އައިއިރު އަހަންނަށް ބުނެވުނު ދޯ ސިއްރުވެރި ކަންކަން ރާއްޖޭގައި ހާދަ ގިނައޭ. އަހަރެން އެގެއިން ނުކުތީ އެކަހަލަ އަދި އެއަށް ވުރެ ވެސް ބޮޑެތި ސިއްރުތަކާ އެކު. މިއީ އަޖައިބެއް ކަހަލަ ހަޔާތެއް،" ލޯންޗާ ހަމައަށް ދެވެންދެން ކުރިމަތިވި ހިމޭންކަމުގެ ކުރިން ރައީސް ހާލިދު ހަމައެކަނި ބުނީ އެހެންނެވެ.
އެއަށް އެއްކޮށްލާނެ ވާހަކައެއް، ދެން ވެސް ޔޫނުސްއަކަށް ނުވިސްނުނެވެ. ރައީސް އެ ދައްކާ ވާހަކައެއްގެ މާނަ އެނގޭނީ ހަމަ ރައީސް އަށޭ ހިތަށްއެރި އެވެ.
---
ކާނިވާ ސަރަހައްދު އޮތީ މީހުންތަކުން ފުރިބާރުވެފަ އެވެ. އެކި ކުލައިގެ އަލިތަކުން ތަން ކުލަކުރަމުން ގެންދެ އެވެ. ޕާޓީގެ ރަސްމީ ލަވައިގެ އަޑުން ހިސާބުގަނޑު ގުގުމަނީ އެވެ. ރިޔާސީ އިންތިހާބުގެ ކުރިން ރައީސް ހާލިދު އިއުލާންކުރާ އެންމެ މުހިންމު ކަންކަން، މިރޭ ރައްޔިތުންނަށް އިވޭނެ އެވެ. ޕާޓީގެ ސަޕޯޓަރުން ތިބީ އެ ވާހަކަތަކުގެ އިންތިޒާރުގަ އެވެ.
ރައީސް އެތަނަށް އައީ، ބަރާބަރު ނުވަގަޑި ބައިގަ އެވެ. ފުރަތަމަ ކާރުން ފޭބީ ޔޫނުސް އެވެ. އޭނާ ރައީސަށް ދޮރު ހުޅުވާލަދިނުމާ އެކު ރައީސް ފޭބި އެވެ. އެކަމަކު ކައިރީގައި ސަފަކަށް އެތުރިފައި ތިބި ސަރުކާރާއި ޕާޓީގެ އިސް މީހުންނާ ދިމާއަށް އެނބުރުމުގެ ކުރިން ހުދު ކުލައިގެ ކުޑަކުޑަ ސިޓީ އުރައެއް ޔޫނުސްގެ އަތަށް ދިނެވެ.
"މި ޖީބަށް ލައި، ފޮރުވާ،" ރައީސް އޭނާ ކައިރީގައި މަޑުމަޑުން ބުންޏެވެ.
މީހުންނާ ސަލާންކުރަން ފުރަތަމަ ފެށި އިރު ޔޫނުސް އެ ސިޓީ އުރަ ޖީބަކަށް ނުލަ އެވެ. އެކަމަކު އެހެން މީހުންގެ ސަމާލުކަން ރައީސަށް ހުއްޓިއްޖެކަން ޔަގީންވުމާ އެކު ސިޓީ އުރަ އޭނާގެ ވާތު ޖީބަށް ކޮއްޕާލި އެވެ.
ރައީސް ގޮސް އިށީނުމުން ފަހަތުގައި ސެކިއުރިޓީއަށް ހާއްސަކޮށްފައި ހުރި ގޮނޑީގައި ޔޫނުސް އިށީނެވެ. އެހާ ހިސާބުން އޭނާގެ ފަހަތުގައި، އޭނާގެ ގޮނޑިއާ ދިމާވާ ގޮތަށް ތިބި މީހުންނަށް، ކުރިމަތި ބަންދުވީ އެވެ.
ދެން ފެށުނީ، ސިޔާސީ ތައުރީފްގެ ވާހަކަތަކެވެ. ގިނައީ ދޮގެވެ. އެކަމަކު މިއީ ސިޔާސީ އެއްވުންތަކުގެ މައިގަނޑު އުސޫލުކަން އެންމެންނަށް ވެސް އެނގެ އެވެ. ސްޓޭޖަށް އަރަން ރައީސް ހިނގައިގަތީ، ބަރާބަރު ނުވަގަޑި ފަންސާސް ފަހެއްގަ އެވެ. ޔޫނުސް ވެސް ރައީސްއާ އެކު ދިޔަ އެވެ. އެކަމަކު ސްޓޭޖް މަތީގައި އޭނާ ހުރީ، ފޮޓޯ އާއި ޓީވީއަށް އުނދަގޫނުވާނެ ފަދަ ދުރުމިނެއްގައި، ސީދާ ރައީސަށް ބަލަހައްޓައިގެންނެވެ.
ރައީސް ވާހަކަ ދައްކަން ފެށީ ގަޑިން ބަރާބަރު ދިހައެއް ޖެހުމާ އެކު އެވެ. މުޅި ގައުމު ސިއްސުވާލި ހަބަރު ކަމަށްވާ، ނިހާދު ގެއްލުމުގެ އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ރައީސް އެދެމުން ދިޔައީ، މުޅި ގައުމު، ސިޔާސީ ޕާޓީތައް، އަދި އޭނާގެ އަމިއްލަ ނަފުސު ވެސް އިސްހާލުވާން ޖެހޭ ކަމަށެވެ. ދެން އޮތީ އިސްލާހާއި ހެޔޮ ވެރިކަން ކަމަށް، ތަކުރާރުކޮށް އެތައް ފަހަރަކު ބުންޏެވެ. މިއީ އެއްވެ ތިބި އެތައް ހާސް ބަޔަކަށް އާ ވާހަކައެކެވެ. "އިސްލާހުކުރަން ޖެހޭ ކަމެއް ނެތޭ" ބުނުމަކީ ރައީސްގެ މި ފަސް އަހަރުގެ ތެރޭގައި އެންމެ އާންމުކޮށް ބުނި ޖުމްލަ އެވެ. އެކަމަކު މިރޭ ވާހަކަ ފެށީ ވެސް އިސްލާހުވާން ގޮވާލަމުންނެވެ. އިސްލާހު ވާންވީ ކޮން ކަމަކުން ހެއްޔެވެ؟
"މި ދުނިޔޭގައި އަހަރެމެންގެ ވަށައިގެން މި އޮތީ ސިއްރުވެރި މާހައުލެއް. އެންމެ ކައިރީގައި އުޅޭ މީހާގެ ނިޔަތެއް ވެސް އެނގޭ ވަރެއް ނުވޭ. އެންމެން ވެސް އެދެނީ އެންމެ މަތީ މަގާމަށް. އެންމެ ބާރުގަދަ މީހާއަށް ވާން. ޕާޓީ ތެރޭގައި ފިތުނަ އުފެއްދުމާއި އެއް ބަޔަކު އަނެއް ބައެއްގެ ބޮލަށް އަރައިގަންނަނީ، އެ ނިޔަތް ބޮޑުވެގެން. އެއަށް އަހަރެމެން ކިޔަން މި ޖެހެނީ އަމިއްލަ އެދުން. މިރޭ އަހަރެން މި ގޮވާލަނީ ހިނގާށޭ އެންމެން އިސްލާހުވާން. މިރޭ މި ވަގުތު، މި ސިކުންތުގައި، އެކަމަށް އަޒުމް ކަނޑައަޅަމާ ހިނގާށޭ. ހަނދާނުގައި ބަހައްޓާތި، އިސްލާހުވާން ޖާގަ ނެތް ވަގުތެއް، ދުވަހެއް ހަފުތާއެއް، މަހެއް އަހަރެއް، ނާންނާނެ،" އެހާ ހިސާބުން ރައީސް ހާލިދަށް ހުއްޓުން އެރި އެވެ. ޕޯޑިއަމްގެ މަތީގައި އޮތް ގަނޑުކޮޅަށް ނަޒަރު ހުއްޓާލި އެވެ. ދެން ވާހަކަ ފަށާނެ ގޮތަކާ މެދު ވިސްނަން ހުރިހެން ހީވި އެވެ.
މުޅި ސަރަހައްދަށް ހިމޭންކަމެވެ. ރައީސް ބުނަން އެ އުޅެނީ ވަރަށް ބޮޑު އެއްޗެއްކަން، އެނގޭހާ ވަރަށް، ރައީސް އަށް ހުރީ ހުއްޓުން އަރައިފަ އެވެ.
ޔޫނުސްގެ ހިތް ތެޅިގަތެވެ. މިވާ ގޮތް ރަނގަޅު ނޫންކަން އޭނާއަށް ޔަގީންވި އެވެ. އޭނާއަށް ހީވީ ރައީސްގެ ގައިން ބާރު ދޫވަމުން ދާ ހެންނެވެ. ދެން އޭނާއާ ދިމާއަށް ބަލާލިހެންނެވެ. އާއެނކެވެ. ރައީސް އެނބުރުނީ ޔޫނުސް ހުރި ދިމާއަށެވެ. ޔޫނުސް ކުއްލިއަކަށް ދުއްވައިގަތެވެ. އޭރު ރައީސް ހާލިދު ވެއްޓެނީ އެވެ. ޔޫނުސް އަށް ދެވުނު އިރު، ސްޓޭޖް މައްޗަށް ވެއްޓިއްޖެ އެވެ.
ޔޫނުސް ގޮސް އަވަހަށް ތިރިވެ، ދެ ކަކޫ ޖައްސާލައި، ރައީސްގެ ބުރަކަށީގެ ދަށަށް އަތް ކޮއްޕާލި އެވެ.
"ދަރިފުޅާ...." އެވަގުތު ރައީސް ހާލިދަށް މަޑުމަޑުން ބުނެވުނެވެ. އޭރު އޭނާގެ އެންމެ ފަހު ނަޒަރު ހުއްޓިފައި ހުރީ ޔޫނުސްގެ މޫނަށެވެ.
ގަޑިން ރޭގަނޑު ދިހަގަޑި ދިހައެކެވެ. ރައީސް ހާލިދުގެ ފަހު ނޭވާ، އޭނާގެ ދަރިފުޅުގެ އަތް މައްޗަށް ދޫކޮށްލި އެވެ.
އެ ކުއްލި އަދި މުޅި ގައުމަށް ހުއްޓުން ގެނައި ނިމުން އަސްލު ފެށުނީ، ހއ. ފިއްލަދޫގައި ހުރި އެ ކުޑަކުޑަ ގެއިންނެވެ. އެގޭ ދޮރުން އެތެރެއަށް އެޅި ފިޔަވަޅާ އެކު، ރައީސް ހާލިދުގެ ފަހު ވަގުތުކޮޅުގެ ކަށި ހިނގަން ފަށައިފި އެވެ.
(11 ވަނަ ބައި، ޖޫން 25، 2020، ބުރާސްފަތިދުވަހު)