ކޮވިޑް-19: އިތުރު 10 މީހަކު ރަނގަޅުވެ އަލަށް 14 ޕޮޒިޓިވް
ކޮވިޑް-19: އިތުރު 10 މީހަކު ރަނގަޅުވެ އަލަށް 14 ޕޮޒިޓިވް

ކޮވިޑް-19 އަށް ޓެސްޓްކުރުމަށް އެންމެ ފަހުން ނެގި 816 ސާމްޕަލްގެ ތެރެއިން މިއަދު އިތުރު 14 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން މިރޭ ހާމަކުރި މައުލޫމާތުގައިވާ ގޮތުން މިއަދު 10 މީހަކު ބަލިން ރަނގަޅު ވެސް ވެފައިވެ އެވެ.

މިއާ އެކު ރާއްޖޭން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2،217 އަށް އަރައިފަ އެވެ. އަދި ރަނގަޅުވި މީހުންގެ އަދަދު ވަނީ 1،813 އަށް އިތުރުވެފަ އެވެ.

ކޮވިޑް-19 ގައި ރާއްޖޭން މިހާތަނަށް 8 މީހަކު މަރުވެފައި ވާއިރު ދެ މީހަކު ވަނީ ރާއްޖޭން ފުރައިގެން ގޮސްފަ އެވެ. އެހެންވެ މިހާރު ރާއްޖޭގައި މި ބަލި ހުރި މީހުންގެ އަދަދަކީ 391 އެވެ. އެހެންވެ މިހާރު ވަނީ ރާއްޖޭން ޕޮޒިޓިވްވި މީހުންގެ ތެރެއިން 81 ޕަސެންޓަށް ވުރެ ގިނަ މީހުން ރަނގަޅުވެފަ އެވެ.

ކޮވިޑް-19 އަށް ރާއްޖޭން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 8 ދިވެއްސަކާއި ބަންގްލާދޭޝް ތިން މީހަކާއި އިންޑިއާ ދެ މީހަކާއި ސްރީ ލަންކާ މީހެކެވެ.

މިއަދު ޕޮޒިޓިވްވި އަށް ދިވެހިންގެ ތެރެއިން ހަތް މީހަކީ ކުރީގެ ކޭސްތަކާ ގުޅުން ހުރި މީހުންނެވެ. ބިދޭސީންގެ ތެރޭގައި ވެސް ކުރީގެ ކޭސްތަކާ ގުޅުން ހުރި މީހުން ހިމެނެ އެވެ.

ކޮވިޑް-19 ކޮންޓްރޯލްކުރަން މާލެ ސަރަހައްދުގައި އިއުލާނުކުރި ލޮކްޑައުން އަށް ލުއި ދިނުމަށް ފަހު މިހާރު އަންނަނީ، އަލަށް ބަލި ޖެހޭ މީހުންގެ އަދަދު ދެނެގަތުމަށް ދިރާސާއެއް ކުރަމުންނެވެ. ހާލަތު ގޯސް ނުވާ ނަމަ އަންނަ މަހު އިތުރު ލުއިތައް ވެސް ދޭން ވަނީ ނިންމައިފަ އެވެ.