22 ޖޫން 2020 - 19:28

ކޮވިޑް-19ގެ ސަބަބުން މާލެ ނާދެވި ރަށްރަށުގައި ތިބި ދަރިވަރުން ކިޔަވާ ގްރޭޑް ނުވަތަ ސްޓްރީމް އެ ރަށު ސްކޫލްގައި ނެތަސް މާލެ ނައިސް ރަށުގައި ތިބެގެން ކިޔެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ސްކޫލްތަކަށް އަންގައިފި އެވެ.
ކޮވިޑް-19 ފެތުރެން ފެށުމާ އެކު އެއްރަށުން އަނެއް ރަށަށް ވަގުތީ ގޮތުން ބަދަލުވެފައިވާ ދަރިވަރުންގެ ތެރެއިން މިހާރު ރަށްރަށުގައި ތިބި ދަރިވަރުން އެ ކުދިން ތިބި ރަށެއްގެ ސްކޫލެއްގައި ކިޔެވުން ކުރިއަށް ގެންދަން އެޑިއުކޭޝަނުން ވަނީ އަންގައިފަ އެވެ. މިނިސްޓްރީން ސްކޫލްތަކަށް މިއަދު ފޮނުވި އީމެއިލެއްގައި ބުނެފައި ވަނީ ދަރިވަރު ހުރި ރަށެއްގައި އެ ދަރިވަރަކު ކިޔަވާ ގްރޭޑް ނުވަތަ ސްޓްރީމް ނެތް ނަމަ އެ ދަރިވަރުގެ ސްކޫލްގެ އޮންލައިން ކުލާސްތައް މެދުވެރިކޮށް ކިޔެވުން ކުރިއަށް ގެންދަން އެދޭ ކަމަށެވެ.
"މިފަދަ ދަރިވަރުންގެ އުނގެނުމާއި އުނގަންނައިދިނުމުގެ ކަންތައް ގާތުން ބަލަހައްޓަހައި ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން އެ ދަރިވަރުން މިހާރު ކިޔަވާ ސްކޫލުން ފޯރުކޮށްދޭންވާނެ،" ކިޔެވުން އަލުން ފަށާއިރު އުފެދިފައިވާ އާންމު ސުވާލުތަކަށް ޖަވާބުދީފައިވާ މެއިލްގައިވެ އެވެ.
މިނިސްޓްރީން ބުނީ އެ ދަރިވަރަކު މިހާރު އުޅެމުން އަންނަ ސްކޫލުން ވަކިވެ ދާއިމީގޮތަކަށް އެހެން ސްކޫލަކަށް ބަދަލުވުން ނުވަތަ ވަގުތީ ގޮތުން އެހެން ސްކޫލަކަށް ދާން ފެށިޔަސް އެ ހުރި ރަށެއްގެ ސްކޫލުން ޖާގަ ދޭނެ ކަމަށެވެ.
"މި ހާލަތުގައި ވަގުތީ ގޮތުން ސްކޫލްތަކަށް އަލަށް ޖާގަ ހޯދާ ދަރިވަރުންނަކީ ސްކޫލްގައި ކިޔަވާ އެހެން ދަރިވަރުންނެކޭ އެއްފަދައިން ހުރިހާ ހައްގުތަކާއި ހިދުމަތްތައް އެ ދަރިވަރުންނަށް ލިބިދޭ ދަރިވަރުންކަން ކަށަވަރު ކުރަންވާނެ. ޕެންޑަމިކްގެ ހާލަތު ދިގު ދެމިގެން ދާނެ މުއްދަތެއް ކަނޑައެޅިގެން އެނގެން ނެތުމާއެކު، ވަގުތީ ގޮތުން ސްކޫލްތަކުން ޖާގަ ދޭ ދަރިވަރުންނަށް އެ ސްކޫލެއްގައި ތިބޭވޭނެ އިންތިޒާމް ފަހިވެފައި އޮންނާނެ،" މިނިސްޓްރީން އަންގައިފައިވެ އެވެ.
މިހާރު ހުރި ރަށުގެ ސްކޫލަށް ވަގުތީ ގޮތުން ދަރިވަރު ދާއިރު ލާނީ އެ ދަރިވަރުގެ އަސްލު ސްކޫލްގެ ޔުނީފޯމް ކަމަށާއި އިތުރު ޔުނީފޯމެއް ހޯދުމަކީ މިނިސްޓްރީން ބާރު އަޅާ ކަމެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ޔުނީފޯމް ނެތް ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަން މިނިސްޓްރީ އަށް އަންގަން އެދިފައިވެ އެވެ.
ތިބި ރަށެއްގައި ކިޔަވާ ދަރިވަރުންގެ ހާޒިރީ އާއި އެހެނިހެން ރިކޯޑްތައް ބަލަހައްޓާނީ އަލަށް ބަދަލުވާ ސްކޫލުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. ޓެބްލެޓް މެދުވެރިކޮށް ފޯރުކޮށްދޭ ފިލާވަޅުތަކާއި އޮންލައިން ކްލާސްތަކުގައި ބައިވެރިވެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އަލަށް ބަދަލުވާ ސްކޫލްގެ ނަމަށް ޓެބްލެޓް އެންރޯލްކޮށް އޮންލައިން ފިލާވަޅުތައް ލިބޭނެ އިންތިޒާމް ހަމަޖައްސަން ޖެހެ އެވެ.
މިނިސްޓްރީން ބުނީ މި ހާލަތުގައި އެ ދަރިވަރަކު ހުރި ރަށަކުން ކިޔެވުމުގެ ފުރުސަތު ފަހި ކޮށްދީފައިވުމާ އެކު ކޮންމެ ބެލެނިވެރިއަކު ވެސް ފުރުސަތުގެ ބޭނުން ހިފައި ފަރުދީ ޒިންމާ އަދާކުރަން އެދޭ ކަމަށެވެ. ސްކޫލަށް ހާޒިރު ނުވާ މިފަދަ ދަރިވަރުން ރަށުގައި ތިބިކަން ފާހަގަވާ ނަމަ، އެ ދަރިވަރުންގެ މައުލޫމާތު މިނިސްޓްރީއާ ހިއްސާ ކުރުމަށް ވެސް ވަނީ އަންގައިފަ އެވެ.
އަންނަ މަހުގެ އެކެއްގައި ސްކޫލުތައް އަލުން ހުޅުވަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފަ އެވެ. ކިޔަވައިދިނުން ފަށަން ހަމަޖައްސާފައިވަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން ފުރަތަމަ ކެޓަގަރީގައި، ފުލް ލޮކްޑައުންގައި ހިމެނޭ ރަށްރަށުގައި ކިޔަވައިނުދޭނެ ކަމަށާއި މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށުގައި ކިޔަވައިދޭނީ ގްރޭޑު 9 އިން ފެށިގެން މަތީގެ ދަރިވަރުންނަށް އެކަނި ކަމަށް މިނިސްޓްރީން ވަނީ ކަނޑައަޅައިފަ އެވެ. ބަލީގެ އެއްވެސް ނުރައްކަލެއް ނެތް ރަށްރަށުގައި، އަންނަ މަހުން ފެށިގެން ހުރިހާ ގްރޭޑަކަށް ކިޔަވައިދޭން ފަށާނެ އެވެ.