ލޮކްޑައުންއާ ބެހޭ ފިލްމެއް، ނަމަކީ "ޗޮއިސެސް"
ލޮކްޑައުންއާ ބެހޭ ފިލްމެއް، ނަމަކީ "ޗޮއިސެސް"

ކޮވިޑް-19 އެކު ކުރިމަތިވި ލޮކްޑައުން އިން އާންމު ދިރިއުޅުމަށް އައި ބަދަލުތަކާ ބެހޭ ގޮތުން ހަދާފައިވާ ފިލްމެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

"ޗޮއިސެސް" ގެ ނަން ދީފައިވާ މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ދެމަފިރިން ކަމަށްވާ ރާޖް ޝެޓީ އާއި ދާމިނީ އެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ ބޮލީވުޑްގެ ބައެއް ފިލްމުތަކުގެ އިތުރުން ޓީވީ ސިލްސިލާތަކުން ވެސް ފެނިފައިވާ ދެމަފިރިން ކަމަށްވާ ބަރްކާ ސެންގުޕްތާ އާއި އިންދަރުނީލް ސެންގުޕްތާ އާއި ކަރަންވީރު މެހެރާގެ އިތުރުން ދީކްޝާ ސޮނާލްކަރެވެ.

އިޓާނަލް ފްލޭމް ޕްރޮޑަކްޝަންސް އިން ހަދާފައިވާ "ޗޮއިސެސް" އާ ބެހޭ ގޮތުން ފިލްމުގެ ސްކްރީންޕްލޭ ވެސް ލިޔުނު ދާމިނީ ބުނީ ލޮކްޑައުންއާ އެކު ދިރިއުޅުމަށް ކުރިމަތިވި އުންމީދު ވެސް ނުކުރާ ބަދަލުތަކާ ބެހޭ ގޮތުން ފިލްމެއް ހަދަން ނިންމީ މިކަމަކީ އިންސާނީ ތާރީހުގައި ވެސް މިހާތަނަށް ތަޖުރިބާކުރަން ޖެހުނު އެންމެ ހިތްދަތި އެއް ކަމަށްވާތީ އެވެ.

"މީގައި އަހަރެމެން ދައްކުވައިދޭނީ ގޭތެރޭގައި ބަންދުވެގެން ތިބެން ޖެހުމުން ކުރިމަތިލާން ޖެހުނު ކަންކަމާއި އާންމު ދިރިއުޅުމަށް ކުރިމަތިވި ހުރަސްތައް،" އޭނާ ބުންޏެވެ. "ވަރަށް މަސައްކަތްކޮށްފައި ހުންނާނެ ހުރިހާ އެންމެންނާ ވެސް ވަރަށް ރިލޭޓްވާ ގޮތަށް ފިލްމު ގެނެސްދޭން."

"ޗޮއިސެސް" ގެ މަންޒަރުތައް ނަގާފައި ވަނީ އިންޑިއާގައި މާޗް މަހުގެ 22 ގައި ލޮކްޑައުން އިއުލާންކުރުމުގެ ފަހުންނެވެ. އިންޑިއާގައި ލޮކްޑައުން އަށް ލުއިދޭން ފަށާފައި ވަނީ މި މަހުގެ ކުރީކޮޅުން ފެށިގެންނެވެ.

ޝޫޓިން ނިންމައިލުމަށް ފަހު، މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ.