ސްވިމިން ޓީމުން އިތުރު ފަސް މެޑަލް ހޯދައިފި
ސްވިމިން ޓީމުން އިތުރު ފަސް މެޑަލް ހޯދައިފި

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން އެކުއަޓިކް ޗެމްޕިއަންޝިޕުން ރާއްޖޭގެ ގައުމީ ސްވިމިން ޓީމުން އިތުރު ފަސް ލޯ މެޑަލް ހާސިލްކޮށްފި އެވެ.

ޓީމު އިވެންޓްތަކުން ހޯދި މި ފަސް މެޑަލުގެ ތެރޭގައި ހިމެނެނީ އަންހެން ޓީމުން ހޯދި ތިން މެޑަލާއި މިކްސް ޓީމުން ހޯދި ދެ މެޑަލެވެ. ރާއްޖޭގެ އައިޝަތު ސާޖިނާ އިއްޔެ ހޯދި އިންޑިވިޖުއަލް މެޑަލާ އެކު ރާއްޖޭން ވަނީ މުބާރާތުގައި މިހާތަނަށް ޖުމްލަ ހަ މެޑަލް ހޯދައިފަ އެވެ.

އަންހެން ޓީމުން ލޯ މެޑަލް ހޯދީ 15 އަހަރުން ދަށުގެ ކެޓަގަރީގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިންނާއި 18 އަހަރުން ދަށުގެ ކެޓަގަރީގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިން އަދި 18 އަހަރުން މަތީގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިންނެވެ.

ދެ ޖިންސުގެ ފެތުންތެރިން ހިމެނުނު ޓީމުން ވަނީ ދެ ލޯ މެޑަލް ހޯދައިފަ އެވެ. އެއީ 15 އަހަރުން ދަށުގެ ކެޓަގަރީން ހަތަރެއް ގުނަ 100 މީޓަރު ރިލޭ އަދި 18 އަހަރުން މަތީގެ ކެޓަގަރީގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިންނެވެ.

ރާއްޖެ އަށް 18 އަހަރުން ދަށުގެ މިކްސްޑް ކެޓަގަރީން ރާއްޖޭގެ ހަތަރެއް 100 މީޓަރު ރިލޭ އިން ލިބުނީ ހަތަރު ވަނަ އެވެ.

މުބާރާތުގެ 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގައި އިއްޔެ ވާދަކޮށް ރާއްޖޭގެ ޒުވާން ފެތުންތެރިޔާ ސާޖިނާ ވަނީ ގައުމީ ރެކޯޑް އާކޮށް އެ އިވެންޓުން ލޯ މެޑަލް ހޯދައިފަ އެވެ. ސާޖިނާ ލޯ މެޑަލް ހޯދީ 50 މީޓަރު ބްރެސްޓްސްޓްރޯކުގެ 18 އަހަރުން މަތީގެ ކެޓަގަރީންނެވެ. އޭނާ 37.98 ސިކުންތުން ރޭސް ނިންމީ ސްރީ ލަންކާގެ ދެ ފެތުންތެރިން ފަހަތަށް ޖައްސާލުމަށް ފަހު އެވެ. ސާޖިނާ އާކުރީ މި އަހަރު ކުރީކޮޅު އޮތް މެލޭޝިއަން އޯޕަންގައި އޭނާ ހެދި ރެކޯޑެވެ.

ސައުތު އޭޝިއަން ސްވިމިން ފެޑަރޭޝަނާއި ސްރީލަންކާ އެކުއަޓިކް ސްޕޯޓްސް ޔޫނިއަން ގުޅިގެން ބާއްވާ މި މުބާރާތުގައި މި ސަހަރައްދުގެ ހަތް ގައުމަކުން ބައިވެރިވެ އެވެ. އެއީ ރާއްޖޭ އާއި ލަންކާގެ އިތުރުން އަފްގާނިސްތާން، ބަންގްލަދޭޝް، އިންޑިއާ، ޕާކިސްތާން އަދި ނޭޕާލެވެ. މުބާރާތުގައި ހިމެނެނީ 18 އަހަރުން މަތި، 18 އަހަރުން ދަށް އަދި 14 އަހަރުން ދަށުގެ ކެޓަގަރީ އެވެ.

މުބާރާތުގައި ރާއްޖޭން 23 ފެތުންތެރިއަކު ވާދަކުރާއިރު ބައިވެރިވުމުގެ ހަރަދު ދީފައިވަނީ ސްޕޯޓްސް މިނިސްްރީންނެވެ.