މަޖިލީހުން މެމްބަރުންގެ ސައި މެދުކަނޑާލައިފި، ގެންނަން ޖެހެނީ ތަށިބަރި
މަޖިލީހުން މެމްބަރުންގެ ސައި މެދުކަނޑާލައިފި، ގެންނަން ޖެހެނީ ތަށިބަރި

ކޮވިޑް-19 އަށް ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފަކު ޕޮޒިޓިވްވެ މުވައްޒަފުންތަކެއް އެކަހެރި ކުރަން ޖެހުމުން މެމްބަރުންނަށް މަޖިލީހުގެ ޚަރަދުގައި ކެއުމާއި ސައިގެ ކަންތައް މެދުކަނޑާލައި، މެމްބަރުންނަށް ގެއިން ތަށިބަރި ގެނެވިދާނެ ކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިފި އެވެ.

ކޮވިޑް-19 އަށް މަޖިލީހުގެ މުވައްޒަފަކު ޕޮޒިޓިވްވުމުން މަޖިލިސް ވަނީ ޑިސްއިންފެކްޓްކޮށް އަދި މަޖިލީހުގެ 22 މުވައްޒަފަކު އެކަހެރިިކޮށްފަ އެވެ.

މަޖިލީހުގެ މިއަދު ޖަލްސާގައި ނަޝީދު ވިދާޅުވީ އެކަހެރިކުރި މުވައްޒަފުންގެ ތެރޭގައި މެމްބަރުންގެ ސައިގެ ކަންކަން ހަމަޖައްސާ މުވައްޒަފުން ވެސް ހިމެނޭ ކަމަށާއި އެހެންވެ، މެމްބަރުންގެ ސަޔާއި ކެއުމުގެ އިންތިޒާމް މަޖިލީހުން މިހާރު މަޑުޖައްސާލާފައިވާ ކަމަށެވެ. އަދި މެމްބަރުން ގެއިން ތަށިބަރި ގެންނަ ނަމަ، ޗެކް ކުރާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ތަށިބަރި ވެސް މިތަނަށް ވަންނަން ޖެހޭނީ މިތަނުގެ މައި ޗެކް ކުރެވުމުގެ ތެރެއިން. އަޅުގަނޑު އިރާދަކުރެއްވިއްޔާ ތަށި ބަރި ގެންނާނަން. ސައި ބޮއެގެން އަޅުގަނޑު އިންނާނީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުގެ އިދާރާގައި ޖަލްސާތައް ބާއްވަނީ ކޮވިޑް-19 ގެ ނުރައްކާތެެރިކަން އޮތްކަން އެނގިވަޑައިގެން ކަމަށާއި އެކަމަކު އަބަދު އެގޮތުގައި ނުތިބެވޭނެ ކަން ގަބޫލު ކުރަންޖެހޭ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މަޖިލީހުގެ ޖަލްސާތަކާއި އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ މެމްބަރުން ގޭގައި ތިއްބަވައިގެން އޮންލައިިންކޮށެވެ. އެކަމަކު މިމަހުން ފެށިގެން މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތައް ބާއްވަނީ މަޖިލީހަށް މެމްބަރުން ހާޒިރުވެގެންނެވެ. އެކަމަކު ޖަލްސާތައް ބާއްވަނީ ސޯޝަލް ޑިސްޓޭންސިންގެ އުސޫލުގެ ތެރެއިންނެވެ.